ޕްރައިމަރީ ބާތިލް ކުރަން އަލްހާން ހުށަހެޅުއްވި މައްސަލަ ކޯޓުން ބަލައިގެންފި

ރައްޔިތުގެ މަޖިލީހުގެ ސ. ފޭދޫ ދާއިރާގެ އެމްޑީޕީގެ ޕްރައިމަރީ ބާތިލުކޮށްދިނުމަށް އެދި އެ ދާއިރާގެ މިހާރުގެ މެމްބަރު އަލްހާން ފަހުމީ ސިވިލް ކޯޓަށް ހުށަހެޅުއްވި މައްސަލަ އެ ކޯޓުން މިއަދު ބަލައިގެންފި އެވެ.މީގެ ކުރިން އެ މައްސަލަ ހައި ކޯޓަށް ހުށަހެޅި ނަމަވެސް އެއީ ސިޔާސީ ޕާޓީއެއްގެ އެތެރޭގެ މައްސަލަ އަކަށް ވާތީ އެ މައްސަލަ ބަލައި ނުގަތެވެ. ހައި ކޯޓުގެ ނިންމުމާ ގުޅިގެން އަލްހާން ވަނީ މިދިޔަ ހޯމަ ދުވަހު އެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅުއްވައިފަ އެވެ.އަލްހާންގެ ކޮއްކޮ އަދި ގާނޫނީ ވަކީލް ނޫރުބާން ފަހުމީ މިއަދު "ހަވީރަ"ށް ވިދާޅުވީ އެ މައްސަލަ ސިވިލް ކޯޓުގައި ރަޖިސްޓްރީ ކުރިކަން މިހާރު އަންގާފައިވާ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އެ މައްސަލާގައި އެދިފައި ވާނީ ފޭދޫ ދާއިރާގެ އެމްޑީޕީ ޕްރައިމަރީ ބާތިލް ކަމަށް ކަނޑައަޅައި ދިނުމަށާއި އެ ޕްރައިމަރީ ކާމިޔާބުކޮށް އެމްޑީޕީން ޓިކެޓް ދިން މުހައްމަދު ނިހާދުގެ ކެންޑިޑެންސީ ބާތިލް ކަމަށް ކަނޑައަޅައި ދިނުމަށެވެ.އެ މައްސަލަ ސިވިލް ކޯޓުން ނިމެންދެން ނިހާދުގެ ކެންޑިޑޭސީ ހިފަހައްޓައިދިނުމަށް އިލެކްޝަންސް ކޮމިޝަންގެ މައްޗަށް ވަގުތީ އަމުރެއް ނެރެދިނުމަށް ވެސް އެދިފައިވާނެ ކަމަށް ވެސް ނޫރުބާން ވިދާޅުވި އެވެ.އަލްހާން ވިދާޅުވެފައިވާ ގޮތުގައި އެމްޑީޕީގެ ޕްރައިމަރީ ސައްހައެއް ނޫނެވެ. އަދި އެ މައްސަލަ އެމްޑީޕީގެ އެތެރޭގެ ގުނަވަންތަކުން އެކަށީގެންވާ މިންވަރަށް ބަލާފަ އެއް ނުވެ އެވެ. އޭނާ ތުހުމަތު ކުރައްވާ ގޮތުގައި އެމްޑީޕީގެ ފޭދޫ ދާއިރާގެ ޕްރައިމަރީގައި އެހެން ޕާޓީތަކުގެ 130 މީހަކު ވަނީ ވޯޓު ލައިފަ އެވެ. އަދި ވޯޓާސް ލިސްޓުގައި ވެސް މައްސަލަ އުޅޭ ކަމަށް އަލްހާން ވަނީ ވިދާޅުވެފަ އެވެ.ފޭދޫ ދާއިރާގެ ޕްރައިމަރީ ނިހާދު ކާމިޔާބުކުރެއްވީ 316 ވޯޓާ އެކުގަ އެވެ. އަލްހާނަށް ލިބިވަޑައިގަތީ 154 ވޯޓެވެ.އަލްހާންގެ ބުރަކަށްޓައް ވަޅި ހެރުމުގެ ސަބަބުން އޭނާގެ މައިބަދަ އަށް ލިބުނު އަނިޔާގައި ކަނާތު ފައިގެ މަސައްކަތް ހުއްޓުނެވެ. ލަންކާގެ ސެންޓްރަލް ހޮސްޕިޓަލްގައި އަލްހާނަށް ފަރުވާދިނުމަށް ފަހު އޭނާ މިހާރު ވަނީ ގެއަށް ބަދަލުކޮށްފަ އެވެ. އަދި ވަރަށް އަވަހަށް ރާއްޖެ ވަޑައިގަންނަވާނެ ކަމަށް އަލްހާންގެ އާއިލާ އިން ވަނީ ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ