ފިސްތޯލައެއް ހޯދަން އުމަރު ވަނީ އެދިވަޑައިގެންފައި

ހޯމް މިނިސްޓަރު އުމަރު ނަސީރުގެ ހަށި ރައްކަލަކަށްޓަކައި ފިސްތޯލައެއް ދޫކޮށްދެއްވުމަށް ޑިފެންސް މިނިސްޓްރީގައި އޭނާ އެދިވަޑައިގެންފައިވާ ކަމުގެ ސިޓީއެއްގެ ކޮޕީއެއް "ހަވީރަ"ށް ލިބިއްޖެ އެވެ.
"ހަވީރަ"ށް ކޮޕީ ލިބިފައިވާ އެ ސިޓީއަކީ މިދިޔަ ޖެނުއަރީ 26 ގައި ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމަށް، އުމަރު ސޮއިކުރައްވައި ފޮނުއްވާފައިވާ ސިޓީއެކެވެ. އެ ސިޓީ ފޮނުއްވާފައިވަނީ ސިއްރު ސިޓީއެއްގެ ގޮތުގަ އެވެ.
އެއް ސޮފުހާގެ އެ ސިޓީގައި އުމަރު ވިދާޅުވެފައިވާ ގޮތުގައި ފިސްތޯލައެއް ހޯއްދެވުމަށް އޭނާ އެދިވަޑައިގަތީ އޭނާ ހަށިކޮޅަށް ހަމަލާއެއް ދިނުމަށް ބަޔަކު ރާވަމުންދާ ކަމުގެ މައުލޫމާތު ފުލުހުންގެ އިންޓެލިޖެންސަށް ލިބުމާ ގުޅިގެންނެވެ.
"މޯލްޑިވްސް ޕޮލިސް ސާވިސްގެ އިންޓެލިޖެންސް އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އަޅުގަނޑުގެ ހަށިގަނޑަށް ހަމަލާއެއް ދިނުމަށް ދަނީ ރޭވެމުންނެވެ. މިގޮތުން ކަނޑި ބޭނުންކޮށްގެން ހަމަލާއެއް ދީފި ނަމަ އެކަން އަޅުގަނޑުގެ ސެކިއުރިޓީންނަކަށް ކޮންޓްރޯލެއް ނުކުރެވޭނެ އެވެ،" އެ ސިޓީގައިވެ އެވެ.
އެހެންވެ، ހަށި ރައްކަލަކަށްޓަކައި އޭނާގެ ބޮޑީގާޑަކަށް ހަތިޔާރު އެޅި ސިފައިންގެ މީހަކު ހަމަޖައްސައި ދެއްވުމަށާއި ބޮޑީގާޑަށް ބަޑިޖެހުމުގެ ހުއްދަ ލިޔުމުން ދީފައި އޮތުމަށް އުމަރު ޑިފެންސް މިނިސްޓްރީގައި އެދިވަޑައިގެންފައިވެ އެވެ. ނަމަވެސް އެކަން ހަމަނުޖެއްސޭ ނަމަ އޭނާގެ އަތަށް ފިސްތޯލެއް ދޫކޮށްދެއްވުމަށް އެދިވަޑައިގަތެވެ.
އެއީ ސައްހަ ސިޓީއެއްކަން "ހަވީރަ"ށް ވަނީ ކަށަވަރުކުރެވިފަ އެވެ. އަދި އެ ސިޓީ ފޮނުއްވި ދުވަސްވަރަކީ ދަރުމަވަންތަ މިސްކިތުގައި ވަކިން ޖަމާއަތް ހަދައިގެން ހުކުރުކުރުން ހުއްޓެވުމަށާއި ގޭންގްތައް ހުއްޓުވުމަށް ހޯމް މިނިސްޓަރު ގިނަ މަސައްކަތްތަކެއް ކުރެއްވި ދުވަސްވަރެވެ.
އެހެން ނަމަވެސް އުމަރު އެދިވަޑައިގަތް ގޮތަށް ހަތިޔާރު އެޅި ސިފައިންގެ މީހަކު އޭނާގެ ބޮޑީގާޑަކަށް ހަމަޖައްސާދީފައެއް ނުވެ އެވެ. އަދި އޭނާއަށް ފިސްތޯލައެއް ވެސް ދުލެއް ނުކުރެ އެވެ.
ހޯމް މިނިސްޓްރީގެ ތަރުޖަމާނު ތަޒްމީލް އަބްދުއްސޮމަދު ވިދާޅުވި ގޮތުގައި އުމަރުގެ ބޮޑީގާޑުންނަށް ތިބެނީ ފުލުހަކާއި އޭނާގެ އަމިއްލަ ބޮޑީގާޑެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ