ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު ޑރ. އަފްރާޝީމް އަލީ އަށް ހަމަލާދީ އަވަހާރަކޮށްލި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކުރި ކުޑަކުއްޖާ ކޯޓު އަމުރަށް ގޭ ބަންދަށް ދޫކޮށްފައިވާ ކަމަށް ހަބަރު ފެތުރެމުން ދަނިކޮށް، އެކަން ޖުވެނައިލް ކޯޓުން މިއަދު ދޮގުކޮށްފި އެވެ.
އަފްރާޝީމްގެ މަރާ ގުޅިގެން ތަހުގީގަށާއި ކޯޓަށް ދޮގު ހެކި ދިން ކަމަށް ބުނެ ދައުލަތުން ވަނީ އެ ކުއްޖާގެ މައްޗަށް ދޮގު ހެކިދިނުމުގެ ދައުވާއެއް އުފުލައިފަ އެވެ. އަދި އެ ކުއްޖާ ވަނީ އެކަމަށް ޝަރީއަތުގައި އެއްބަސް ވެސް ވެފަ އެވެ. ނަމަވެސް ކޯޓުން އެ ކުއްޖާ ގޭ ބަންދަށް ބަދަލުކޮށްފައިވާ ކަމަށް ބައެއް މީޑިއާތަކުގައި ވަނީ ބުނެފަ އެވެ.
ނަމަވެސް އެކަން ދޮގުކޮށް ޖުވެނައިލް ކޯޓުގެ އޮފިޝަލަކު ވިދާޅުވީ އެ ކުއްޖާގެ މައްޗަށް ހިނގާ ޝަރީއަތް ނިމެންދެން އެ ކުއްޖާ ބަންދުގައި ބަހައްޓަން މިދިޔަ މަހުގެ ހަ ވަނަ ދުވަހު ކޯޓުން އަމުރު ނެރެފައިވާ ކަމަށެވެ. އަދި މިހާތަނަށް ވެސް އެ އަމުރަށް ކޯޓުން ބަދަލެއް ގެނެސްފައި ނުވާނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
އެކަމާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ކުއްޖާ ބަންދުގައި ބަހައްޓަން ކޯޓުން ނެރެފައިވާ އަމުރާ ފުލުހުން ހިލާފްވެފައިނުވާނެ ކަމަށެވެ.
އަފްރާޝީމަށް ހަމަލާދިން ކަމަށް ބުނެ ދެ މީހެއްގެ މައްޗަށް، ގަސްދުގައި މީހަކު މަރާލުމުގެ ދައުވާކުރަން ޕީޖީން ވަނީ ކްރިމިނަލް ކޯޓަށް ފޮނުވައިފަ އެވެ. އެއީ ހ. ލޮބީ ހުސައިން ހުމާމް އަހުމަދާއި ހ. ހިކޯސްޓް އަލީ ޝާންގެ މައްޗަށެވެ. އޭގެ ތެރެއިން ހުމާމްގެ ޝަރީއަތް މިހާރު ފަށާފައިވާއިރު އޭނާ ވަނީ ދައުލަތުގެ އެ ދައުވާއަށް އިންކާރުކޮށްފަ އެވެ.
އަފްރާޝީމްގެ މަރުގެ ތަހުގީގުގައި މިހާރު ކުރިއަށް ދަނީ އެކަމަށް ހަރަދުކުރި މީހުން ހޯދުމުގެ މަސައްކަތް ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
އަފްރާޝީމްގެ މަރުގެ ތުހުމަތުގައި ހައްޔަރުކުރި ކުއްޖާ ގޭ ބަންދަށް ދޫކުރިކަމަށް ބުނާ ވާހަކަ ކޯޓުން ދޮގުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ