ސުޕްރީމް ކޯޓުގެ ހުކުމުގެ ކުރިން އިންތިހާބެއް ނުބާއްވާނަން: ފުއާދު
އަންނަ ހޮނިހިރު ދުވަހު ބާއްވަން ހަމަޖައްސާފައި އޮތް ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރު ފަސްކުރުމަށް ސުޕްރީމް ކޯޓުން އަމުރުކޮށްފައި ވާތީ، ކޯޓުގައި އޮތް މައްސަލަ ނިންމައި ހުކުމްކުރުމުގެ ކުރިން އިންތިހާބު ނުބާއްވާނެ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު މިއަދު ވިދާޅުވެއްޖެ އެވެ.ފުއާދު މިހެން ވިދާޅުވީ ސުޕްރީމް ކޯޓުގެ އެންގުމަކަށް މިއަދުގެ ޝަރީއަތަށް ހާޒިރުކޮށް، އިންތިހާބު ބާތިލްކުރަން ހުށަހެޅި ޖުމްހޫރީ ޕާޓީން ސުވާލު ކުރުމުންނެވެ. ކޯޓުގައި ފުއާދު ވިދާޅުވީ އިންތިހާބުގެ ތައްޔާރީތައް ކުރިއަށް ގެންދަނީ ތައްޔާރީތައް ހުއްޓާލަން އަންގާފައި ނުވާތީ، ކޮންމެ ވަގުތެއްގައި ހުކުމް ކުރި ނަމަވެސް އިންތިހާބު ބޭއްވޭނެ ގޮތް ހަދަން ކަމަށެވެ.މިއަދުގެ ހެނދުނު ކޯޓުގައި ބޭއްވި އަޑުއެހުން ނިންމާލަމުން ފަނޑިޔާރުން ވިދާޅުވީ މެންދުރު ފަހު އަޑުއެހުމެއް ބާއްވާނެ ކަމަށާއި ދެން އޮންނާނީ ދެ ފަރާތުގެ ހުލާސާ ބަޔާން ނެގުން ކަމަށެވެ. އާންމު ގޮތެއްގައި، ހުލާސާ ބަޔާން އިއްވުމަށް ފަހު ދެން އޮންނާނީ ހުކުމް ކުރުމެވެ. ނަމަވެސް އިތުރު ކަމެއް ޝަރީއަތުން ސާފުކުރަންޖެހޭ ހާލަތްތަކުގައި އިތުރު އަޑުއެހުމެއް ބާއްވަފާނެ އެވެ.ކޯޓުން މިހާރު ވަނީ ޖުމްހޫރީ ޕާޓީން ހެކިންގެ ގޮތުގައި ހުށަހެޅި ފަރާތްތަކުގެ ހެކިބަސް ނަގައި ނިންމައިފަ އެވެ. މިއަދުގެ ޝަރީއަތުގައި އެޓާނީ ޖެނެރަލްގެ ފަރާތުން ވަނީ ގާނޫނު އަސާސީގައި ބުނާ މުއްދަތުގައި އިންތިހާބުު ބޭއްވެން ޖެހޭނެ ކަމަށް ދެކޭ ކަމަށް ބުނެ ރައީސް އާއި ސުޕްރީމް ކޯޓަށް އިލެކްޝަންސް ކޮމިޝަނުން ސިޓީއެއް ފޮނުވާފައިވާ ކަމަށް ބުނެފަ އެވެ. މިކަމާ ގުޅިގެން އިލެކްޝަންސްގެ ވަކީލް ވިދާޅުވީ އެއީ ކޮމިޝަނުން ދެކޭ ގޮތް ކަމަށާއި އެއީ އިންތިހާބު ބާއްވާ ވާހަކަ ނޫން ކަމަށެވެ.މިއަދުގެ ޝަރީއަތަށް ކޮމިޝަންގެ ފަސް މެންބަރުން ހާޒިރުވާން އެންގި ނަމަވެސް ހާޒިރުވެ ވަޑައިގަތީ މެންބަރު އިބްރާހިމް ވަހީދު ފިޔަވައި ދެން ތިއްބެވި ބޭފުޅުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ