ފެމިލީ ކޯޓުގެ އަމުރަކާ ހިލާފްވި ކަމަށް ބުނެ ފުލުހުން ހޯދި މީހާ ހިލާފްވި ކަމަށް ބުނާ އަމުރު ހައި ކޯޓުން ބާތިލްކޮށްފި އެވެ.
މ. މަރިޔާޒީ އަހުމަދު ނަވްފަލްގެ މައްޗަށް ފެމިލީ ކޯޓުން ހުކުމްކުރީ އޭނާގެ ހަތް އަހަރުގެ ދަރިފުޅު އެ ކުއްޖާގެ މަންމައާ ހަވާލުކުރުމަށެވެ. އަދި އެ އަމުރު ތަންފީޒު ކުރުމަށް ފުލުހުންގެ މައްޗަށް ވެސް ފެމިލީ ކޯޓުން އަމުރު ނެރުނެވެ. ނަމަވެސް ފުލުހުންގެ މައްޗަށް ކުރި އަމުރު ނަވްފަލްގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފްކުރީ އެވެ. އަމުރު އިސްތިއުނާފުކުރުމުގެ ކުރިން ފުލުހުން ވަނީ ނައުފަލު ހޯދުމަށް ފޮޓޯއާ އެކު އިއުލާނު ވެސް ކޮށްފަ އެވެ.
އެ މައްސަލަ ބެލުމަށްފަހު ހައި ކޯޓުން އިއްވި ހުކުމުގައިވަނީ ނަވްފަލްގެ ދަރިފުޅަކީ ހިޖްރީގޮތުން ހަތް އަހަރު ފުރިފައިވާ ކުއްޖެއްކަން އެނގެން އޮންނަ ކަމަށެވެ. އަދި ހަތް އަހަރު ފުރުމުން ނުވަތަ ހަޟާނަތުގެ މުއްދަތު ހަމަވުމުން އެހެން ގޮތަކަށް ކޯޓުން އަމުރު ނުކުރާ ނަމަ އެ ކުއްޖެއްގެ މައިންބަފައިންކުރެ އެ ކުއްޖާ އިހްތިޔާރުކުރާ މީހަކާއެކު ދިރިއުޅުމުގެ ހައްގު އެ ކުއްޖާއަށް ލިބިގެންވާކަން އާއިލާއަށް ބެހޭ ގާނޫނަށް ބެލުމުން އެނގޭ ކަމަށް އެ ހުކުމުގައިވެ އެވެ.
މީގެ އިތުރުން ކުއްޖާގެ ހަޟާނަތާ ގުޅޭގޮތުން ކުރާ ހުކުމެއް ތަންފީޒު ކުރަން އެންގުމުގެ ބާރު، ހަޟާނަތުގެ މުއްދަތު ހަމަވުމަށްފަހު ކޯޓަށް ލިބިގެންނުވާ ކަމަށް ވެސް ހައި ކޯޓުގެ ހުކުމުގައިވެ އެވެ. އެހެންކަމުން އެ ކުއްޖާ އޭނާގެ މަންމައާ ހަވާލު ކުރުމަށް ފެމިލީ ކޯޓުން ކުރި ހުކުމް ތަންފީޒު ކުރުމަށް ފުލުހުންގެ މައްޗަށް ނެރުނު އަމުރު އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ބާތިލްކުރާ ކަމަށް އެ ހުކުމުގައިވެ އެވެ. އަދި އެ ކުއްޖާގެ މައިންބަފައިންގެ ތެރެއިން އެ ކުއްޖާ ދިރިއުޅުމަށް އިޙްތިޔާރުކުރާ މީހަކު ކަނޑައެޅުމުގެ މައްސަލަ ވަކި މައްސަލައެއްގެ ގޮތުގައި ލަސްނުކޮށް ފެމިލީ ކޯޓަށް ހުށަހެޅުމަށް ވެސް އެ މައްސަލައިގައި ހިމެނޭ ފަރާތްތަކަށް ހައި ކޯޓުގެ ހުކުމުގައި އަންގާފައިވެ އެވެ.
ހިލާފްވި ކަމަށް ބުނާ ފެމިލީ ކޯޓުގެ އަމުރު ހައި ކޯޓުން ބާތިލްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ