ޖުޑީޝަރީގެ މުވައްޒިފުންނަށް ލިވިން އެލަވެންސް ދޭން ސުޕްރީމް ކޯޓުން ކަނޑައަޅައިފި
މަސައްކަތުގެ މިނިވަންކަން ކަށަވަރު ކުރުމަށް، ޝަރުއީ ދާއިރާގެ މުވައްޒިފުންނަށް ލިވިން އެލަވެންސެއް ދޭން ސުޕްރީމް ކޯޓުން މިރޭ ކަނޑައަޅައިފި އެވެ.އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ސޮއިކުރައްވައި ނެރުއްވި ސާކިއުލާއެއްގައި ބުނި ގޮތުގައި ރައްޔިތުންނަށް އިންސާފު ހޯދައިދިނުމުގެ ޒިންމާ އެޅިފައިވާ ޝަރުއީ ދާއިރާގެ ދުސްތޫރީ މަސްއޫލިއްޔަތުތައް އަދާކުރަމުން ދަނީ އެއްވެސް ފިއްތުމެއް ނެތި، މިނިވަންކަމާއި މުސްތަގިއްލުކަމާ އެކު ކަން ކަށަވަރު ކުރަންޖެހެ އެވެ. އެކަން ހާސިލުކުރުމަށް، މުވައްޒިފުންނަށް އެކަށީގެންވާ އުޖޫރައެއް ދިނުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް އެ ސާކިއުލާގައި ފާހަގަކުރި އެވެ.ލިވިންސް އެލެވެންސް ދޭން ކަނޑައެޅީ ޝަރުއީ ދާއިރާގެ މުވައްޒިފުންގެ ގަވާއިދުގެ 53 ވަނަ މާއްދާ އަށް ސުޕްރީމް ކޯޓުން ގެނައި އިސްލާހެއްގެ ދަށުންނެވެ. އެ އިސްލާހު ގެނައީ، ސާކިއުލާގައިވާ ގޮތުން، ގާނޫނުއަސާސީން ސުޕްރީމް ކޯޓަށް ލިބިދޭ ބާރުތަކާއި އިހުތިޔާރުތަކަށް ރިއާޔަތް ކުރުމަަށް ފަހު އެވެ.ޝަރުއީ ދާއިރާގެ މުވައްޒިފުންގެ ގަވާއިދުގެ 53 ވަނަ މާއްދާގައި ކުރިން ބަޔާންކޮށްފައި ވަނީ ހަމައެކަނި ސާވިސް އެލަވެންސްގެ ވާހަކަ އެވެ. އެހެން ނަމަވެސް، ސުޕްރީމް ކޯޓުން މިރޭ ގެނައި އިސްލާހާ ގުޅިގެން، ސާވިސް އެލަވެންސާ އެކު ލިވިން އެލަވެންސް ވެސް ހަމަޖައްސަން އެ މާއްދާ މިހާރު ލާޒިމްކުރެ އެވެ.ލިވިން އެލަވެންސްގެ ގޮތުގައި ދޭނެ ވަރެއް އުއްތަމަ ފަނޑިޔާރުގެ ސާކިއުލާގައި ހިމަނާފައެއް ނުވެ އެވެ. އެކަމަކު، ގަވާއިދަށް ގެނައި އިސްލާހުގައިވާ ގޮތުން، ޝަރުއީ ދާއިރާގެ މަގާމުތަކުގެ އޮނިގަނޑުގައި ސާވިސް އެލަވެންސާއި ލިވިން އެލަވެންސް ކަނޑައެޅިފައިވާ ގޮތް ތަފުސީލުކޮށް ބަޔާންކުރަންޖެހެ އެވެ.އެ އޮނިގަނޑު އެކުލަވާލަނީ ސުޕްރީމް ކޯޓުގެ ދަށުން ހިނގާ ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ޑިޕާޓްމަންޓުންނެވެ.ޝަރުއީ ދާއިރާގެ މުވައްޒިފުންނަށް ލިވިން އެލަވެންސެއް ދޭން ސުޕްރީމް ކޯޓުން ކަނޑައެޅި އިރު، ވަރަށް ގިނަ މިނިވަން މުއައްސަސާތަކެއްގެ މުވައްޒިފުންނަށް މިހާރު ވެސް ލިވިން އެލަވެންސް ދެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ