ޝަރަފުއްދީން ސްކޫލްގެ ގެ އެންމެ މޮޅު ދަރިވަރަކަށް ފާތުމަތު އަބްދުﷲ ރަޝީދު

ސ. ހިތަދޫ ޝަރަފުއްދީން ސްކޫލްގެ މިދިޔަ އަހަރު ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ފާތުމަތު އަބްދުﷲ ރަޝީދު ހޮވައިފި އެވެ.
ރޭ ބޭއްވި އަހަރީ އިނާމު ދިނުމުގެ ޖަލްސާގައި ފާތުމަތަށް ތަށްޓާއި މެޑެލާއި ސެޓްފިކެޓާއި އިނާމްތައް ހަވާލުކޮށް ދެއްވީ ރައީސް މުހައްމަދު ވަހީދެވެ.
ޝަރަފުއްދީން ސްކޫލްގެ އެންމެ މޮޅު ދަރިވަރަކަށް ފާތުމަތު ހޮވުމާ ގުޅިގެން ލިބުނު އިނާމްތަކުގެ ތެރޭގައި ގައުމީ އެއާލައިން މޯލްޑިވިއަން ހުށަހަޅާފައިވާ ގަން މާލެ ދެކޮޅު ދަތުރެއް ވެސް ހިމެނެ އެވެ.
ރޭ ގެ ހަފުލާގައި 300 އަށް ވުރެ ގިނަ ދަރިވަރުންނަށް އިނާމް ލިބުނު އިރު، ދަރިވަރުންނާ އިނާމްތައް ހަވާލުކޮށް ދެއްވީ ރައީސްގެ އަނބިކަނބަލުން އިލްހާން ހުސައިންގެ އިތުރުން އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިމާދު ސޯލިހާއި ރައީސް ވަހީދުގެ ޕޮލިޓިކަލް އެޑްވައިޒަރު އަހުމަދު ތައުފީގް (ޓޯޕީ) އާއި ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ތޯރިގް އަލީ ލުތުފީ އަދި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު ހަސަން ލަތީފެވެ.
މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަހީދު ވަނީ ޝަރަފުއްދީން ހޯދަމުން އަންނަ ކާމިޔާބީތައް ފާހަގަކޮށް އެ ސްކޫލަށް ވަރަށް ބޮޑަށް މަރުހަބާ ވިދާޅުވެފަ އެވެ.
އަދި ސްކޫލުން ހޯދަމުން އަންނަނީ ގައުމީ ފެންވަރުގައި ފާހަގަކޮށްލަން ޖެހޭ ފަދަ ކުލަގަދަ ކާމިޔާބީތަކެއް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އެހެންވެ އެކަމުގެ ފަހަތުގައި ތިބި އެ ސްކޫލްގެ ވެރިންނަށާއި ބެލެނިވެރިންނަށް ރައީސް ޝުކުރު އަދާ ކުރެއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ