ކްރިމިނަލް ކޯޓުގެ ޝަރީއަތްތަކާއި އެ ކޯޓަށް މައްސަލަ ބަލައިގަތުން މަޑުޖައްސާލަން އެ ކޯޓުން ނިންމި ނިންމުން އިސްތިއުނާފްކުރަން ހައި ކޯޓަށް ހުށަހަޅާފައިވާ މައްސަލަ އަނބުރާ ގެންނާނީ ކްރިމިނަލް ކޯޓުން އަމަލުކުރާ ގޮތަކަށް ބެލުމަށްފަހު ކަމަށް ޕީޖީ އޮފީހުން މިއަދު ބުނެފި އެވެ.
ޕީޖީގެ މަގާމު ހުސްކޮށް އޮންނަތާ 30 ދުވަސްވެފައިވާތީ ކްރިމިނަލް ކޯޓުން ނިންމީ ޝަރީއަތްތައް ހުއްޓާލުމަށާއި މައްސަލަ ބަލައިގަތުން މަޑުޖައްސާލުމަށެވެ. އެ ނިންމުމާ މެދު ހިތްހަމަނުޖެހޭތީ އެ ނިންމުން އިސްތިއުނާފް ކުރަން ޕީޖީ އޮފީހުން އެ މައްސަލަ ހައި ކޯޓަށް ހުށަހަޅާފައި ވަނިކޮށް މިދިޔަ ބުރާސްފަތި ދުވަހު ސުޕްރީމް ކޯޓުން ކްރިމިނަލް ކޯޓަށް އެންގީ ޝަރީއަތްތަކާއި "ޟަރޫރީ ކަންތައްތައް" ކުރިއަށް ގެންދިއުމަށެވެ.
ޑެޕިއުޓީ ޕީޖީ ހުސައިން ޝަމީމް މިއަދު ވިދާޅުވީ ކްރިމިނަލް ކޯޓުގައި މިއަދު ޝަރީއަތްތައް ކުރިއަށްދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި ނަމަވެސް މިއަދުގެ މިހާތަނަށް އެއްވެސް މައްސަލައެއް އެ ކޯޓަށް ފޮނުވާފައިނުވާތީ މައްސަލަތައް ބަލައިގަތުމުގައި އެ ކޯޓުން އަމަލުކުރާނެ ގޮތެއް އެނގިވަޑައިގެންފައި ނުވާ ކަމަށެވެ. އަދި ހައި ކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފް މައްސަލަ އަނބުރާ ގެންނާނީ އެ ހުރިހާ ކަމަކަށް ބެލުމަށް ފަހުގައި ކަމަށް ޝަމީމް ވިދާޅުވި އެވެ.
"ކްރިމިނަލް ކޯޓުން މިހާރު އަމަލުކުރާ ގޮތެއް ބެލުމަށް ފަހުގައި އިސްތިއުނާފް މައްސަލަ އަނބުރާ ގެންނަންޏާ ގެންނާނީ ވެސް، އެހެން ނޫނީ އެ ގޮތުގައި ކުރިއަށް ގެންދާނެ،" ޝަމީމް ވިދާޅުވި އެވެ.
އެ ކޯޓުން މައްސަލަތައް ބަލައިގަތުމާއި ޝަރީއަތްތައް ކުރިއަށް ގެންދިއުމުގެ މިހާރު އަމަލުކުރާ ގޮތެއް، ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް ފޯނަށް ޖަވާބު ނުދެއްވާތީ ސާފެއް ނުވެއެވެ.
ކްރިމިނަލް ކޯޓުން މައްސަލަތައް ހުއްޓާލި ނަމަވެސް ރާއްޖޭގެ އެހެން ދަށު ކޯޓުތަކާއި ހައި ކޯޓުން ވެސް ޖިނާއީ މައްސަލަ ކުރިއަށް ގެންދިޔަ އެވެ.
ޕީޖީގެ މަގާމަށް މައުމޫން ހަމީދު އައްޔަންކުރުމަށް ރައީސް އަބްދުﷲ ޔާމީން ވަނީ ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފަ އެވެ. މައުމޫނާ މަޖިލީހުގެ ކޮމެޓީން އިންޓަވިއު ކުރުމަށްފަހު އިތުރު މަސައްކަތެއް ނުކުރެވި އޮއްވައި މަޖިލިސް ވަނީ ޗުއްޓީ އަށް ގޮސްފަ އެވެ. ޗުއްޓީ އަށް ފަހު މަޖިލިސް ދެން ހުޅުވޭނީ އަންނަ މާޗް މަހު އެވެ.
އިސްތިއުނާފް މައްސަލަ އަނބުރާ ގެންނާނީ ކޯޓުން އަމަލުކުރާ ގޮތަކުން: ޕީޖީ އޮފީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ