މެމްބަރު މުހަންމަދު ރަޝީދު ޕީޕީއެމަށް ސޮއިކުރައްވައިފި

ހިތަދޫ މެދު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހަންމަދު ރަޝީދު (މެޓްރިކްސް މޯޑް) މިއަދު ޕީޕީއެމަށް ސޮއިކުރައްވައިފި އެވެ.
ނަސަންދުރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ސަރުކާރު ހިންގާ
ޕީޕީއެމަށް ސޮއިކުރެއްވުމަށް ފަހު ރަޝީދު ވިދާޅުވީ ސިޔާސީ ފިކުރު ބަދަލު
ކުރަން ނިންމެވުމަކީ އެހާ ފަސޭހަ ކަމެއް ނޫން ކަމަށެވެ. ނަމަވެސް އެގޮތަށް
ނިންމެވީ ރާއްޖެ އަށް އަމާންކަމާއި ރައްޔިތުން ބޭނުންވާ ކަންތައްތައް
ފަހިކޮށް ދިނުމަށް އޭނާ ނިސްބަތްވާ އެމްޑީޕީން މަސައްކަތް ކުރާ ކަމަށް
ގަބޫލު ނުކުރައްވާތީ ކަމަށް ރަޝީދު ވިދާޅުވި އެވެ. އަދި އޭނާ ނިސްބަތްވާ
ދާއިރާ އަށާއި އައްޑޫގެ ތަރައްގީ އަށް ހެޔޮ ބަދަލުތަކެއް ގެނެވޭނީ ޕީޕީއެމާ
އެކު މަސައްކަތް ކޮށްގެން ކަމަށް ގަބޫލު ކުރައްވާ ކަމަށް ވެސް ރަޝީދު
ވިދާޅުވި އެވެ. "މީގެ ކުރިން އަޅުގަނޑު ޕާޓީއެއްގައި ހުރެ
މަސައްކަތް ކުރި ގޮތަށް މި ޕާޓީގައި ވެސް އަޅުގަނޑު އިހުލާސްތެރިކަމާ އެކު
މަސައްކަތް ކުރަމުން ގެންދާނަން. އެ ޔަގީންކަން އަޅުގަނޑު ދެން. އެއީ
ރައްޔިތުންނަށް ތަރައްގީ އާއި އުފާ ފާގަތިކަން ހޯދައިދެވޭނެ ގޮތަކީ،"
ރަޝީދު ވިދާޅުވި އެވެ. ރައީސް އަބްދުﷲ ޔާމީންގެ ކެބިނެޓަށް ރުހުން
ހޯދުމަށް މިއަދު ރައްޔިތުންގެ މަޖިލީހުގައި ނެގި ވޯޓުގައި އެމްޑީޕީގެ ޕީޖީ
ގްރޫޕުން ނެރުނު ތްރީލައިން ވިޕާ ހިލާފަށް ރަޝީދު ވަނީ ހުރިހާ ވަޒީރުންނަށް
ވެސް ރުހުން ދިނުމަށް ވޯޓު ދެއްވައިފަ އެވެ. އެހެން ނަމަވެސް ވަޒީރުންގެ ނަންތައް ދިރާސާކުރި، ސަރުކާރުގެ
މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގައި ރަޝީދު ވަނީ ރައީސް
އަބްދުﷲ ޔާމީންގެ ސަރުކާރުގައި ތިއްބެވި ކުރީގެ ރައީސް މުހަންމަދު ވަހީދުގެ
ސަރުކާރުގެ ވަޒީރުންނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. އަދި
ކޮމިޓީގައި އޭނާ ވޯޓު ދެއްވީ ވެސް އެ ވަޒީރުންނަށް ރުހުން ދޭން ނުފެންނަ
ކަމަށެވެ.ރަޝީދު ޕީޕީއެމަށް ސޮއިކުރެއްވުމުން އެ ޕާޓީގެ މަޖިލިސް
މެމްބަރުންގެ އަދަދު ވިއްސަށް އެރީ އެވެ. އެހެން ނަމަވެސް ސަރުކާރު ހިންގާ
ކޯލިޝަންގެ ޕާޓީތަކުގެ މެމްބަރުންނާ އެކު ސަރުކާރު ފަޅީގެ މެމްބަރުންގެ
އަދަދު އެއަށް ވުރެ އިތުރު ވާނެ އެވެ.ވިލިމާފަންނު
ދާއިރާގެ މެންބަރު އަހުމަދު ނިހާން ވިދާޅުވީ ރަޝީދު ޕީޕީއެމާ
ގުޅިވަޑައިގަތުމަކީ މިއަދު އެ ޕާޓީ އަށް ލިބުނު ކާމިޔާބީ އިތުރުވެގެން ދިޔަ
ކަމެއް ކަމަށެވެ. އަދި ރަޝީދު އެ ޕާޓީއާ ގުޅިވަޑައިގަތީ އެއްވެސް
ފައިސާއެއް ދީގެން ނޫން ކަމަށް ވެސް ނިހާން ވިދާޅުވި އެވެ. ކުރިއަށް އޮތް
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވެސް ރަޝީދު އޭނާގެ ދާއިރާ އަށް
ވާދަ ކުރައްވާނެ ކަމަށް ވެސް ނިހާން ވިދާޅުވި އެވެ. ޕާޓީގެ ނައިބު
ރައީސް ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ޕީޕީއެމް
އޮތީ ކޮންމެ ބަޔަކާ އެކު ވެސް ގުޅިގެން މަސައްކަތް ކުރަން ތައްޔާރަށް
ކަމަށެވެ. އަދި އެ ޕާޓީން މަސައްކަތް ކުރަނީ ރާއްޖެ ތަރައްގީ ކުރުމަށާއި
ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ ހިދުމަތްތައް ދިނުމުގައި ވަކި މީހަކު
ތަފާތު ކުރުމެއް ނެތި ކަމަށް އަަބްދުއްރަހީމް ވިދާޅުވި އެވެ.މިއަދުގެ ނިއުސް ކޮންފަރެންސްގައި މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އުމަރު ވެސް ވަނީ ޕީޕީއެމަށް ސޮއި ކުރައްވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ