ރައީސަށް ދެވޭ ކޮންމެ ހަމަލާއަކީ ދިވެހި ރައްޔިތުންނަށް ދެވޭ ހަމަލާއެއް: ތޮއްޑޫ މެމްބަރު
ގައުމެއްގެ ވަލިއްޔުލް އަމްރު ނުވަތަ ރައީސްކަމުގައި ހުންނަ މީހަކަށް ކޮންމެ ގޮތަކުން ނަމަވެސް ދެވޭ ކޮންމެ ހަމަލާ އަކީ އެއީ ދިވެހި ހުރިހާ ރައްޔިތުންނަށް ދެވޭ ހަމަލާއެއްކަމަށް ތޮއްޑޫ ދާއިރާގެ މަޖިލިސް މެންބަރު އިބްރާހިމް ހަސަން (އެވިލާ) ވިދާޅުވެއްޖެ އެވެ. އއ. ތޮއްޑޫގައި ސާފު ބޯފެނުގެ ނިޒާމު އިފްތިތާހު ކުރުމަށް ބުދަދުވަހު މެންދުރު އެރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން އެވިލާ ވިދާޅުވީ، ރައީސަކީ ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރެއްވުމަށް ހުންނަވާ، ގައުމުގެ އެންމެ އިސް ފަރާތަށްވާ އިރު، ރައީސަށް ކޮންމެ ގޮތަކުން ނަމަވެސް ހަމަލާއެއް ދީފިނަމަ އެ ހަމަލާއެއް ރައްދުވަނީ ހަމަ އެ ގައުމެއްގެ ރައްޔިތުންނަށް ކަމަށެވެ. "ރައީސް ކަމަށް ހަވާލުވަނީ ރައްޔިތުންގެ ހައްގުގައި. އެހެންވީމަ އަޅުގަނޑުމެންގެ ތެރޭގައި ހިނގާ ސިޔާސީ ކަންކަމުގެ ތެރެއިން ރައީސަށް ދެވޭ ކޮންމެ ހަމަލާއަކީ ރައްޔިތުންނަށް އަދި ދިވެހި ގައުމަށް ދެވޭ ހަމަލާއެއް،" އެވިލާ ވިދާޅުވި އެވެ. މިހާރުގެ ސަރުކާރަށް ނިސްބަތްކޮށް ކޮރަޕްޝަންގެ ގިނަ ވާހަކަތަކެއް ދެކެވެމުންދާ މި ދަނޑިވަޅުގައި އޭނާ ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ "އަބުރު ކަތިލާލުމަކީ" މުޅި ދިވެހި ރައްޔިތުންގެ ވެސް އަބުރު ކަތިލާލުން ކަމަށެވެ. ތޮއްޑުއަކީ ޒަމާނުއްސުރެ ދަނޑުވެރިކަން ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ ރަށަކަށް ވާއިރު، އެވިލާ ވިދާޅުވީ، މިއަދު އިފްތިތާހު ކުރި ފެނުގެ ނިޒާމުގެ ސަބަބުން އެރަށުގައި ދާއިމީ ގޮތެއްގައި ދަނޑުވެރިންނަށް ދަނޑުވެރިކަން ކުރެވޭނެ ކަމަށެވެ. "ވަރަށް ދުވަސް ވެއްޖެ ތޮއްޑޫގެ ރައްޔިތުން މިފަދަ ހިދުމަތަކަށް އެދިއެދި ތިބޭތާ. ތޮއްޑޫ ރައްޔިތުންގެ ވެސް އުންމީދުތައް ހާސިލްވާނެ ކަމުގެ ޔަގީންކަން އަޅުގަނޑުމެން މި ސަރުކާރާއެކު ތިބެއްޖެނަމަ އެބައޮތް،" އެވިލާ ވިދާޅުވި އެވެ. ތޮއްޑޫ ފެނުގެ ނިޒާމު އިފްތިތާހުކޮށްދެއްވީ ރައީސް ޔާމީން އެވެ. އެ ރަސްމިއްޔާތުގައި އެންވަޔަރަންމަންޓް މިނިސްޓަރު ޠާރިގް އިބްރާހިމް އާއި ސްޓެލްކޯ އަދި އެމްޑަބްލިއުއެސްސީގެ މުވައްޒަފުންގެ އިތުރުން ތޮއްޑޫގެ ގިނަ ރައްޔިތުންތަކެއް ބައިވެރިވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ