ދަތުރުކުރުމަށް ރެޕިޑް އެންޓިޖެން ޓެސްޓުގެ ނަތީޖާއެއް ބޭނުމެއް ނުކުރެވޭނެ: އެޗްޕީއޭ

ވަގުތުން ނަތީޖާ ލިބޭ ރެޕިޑް އެންޓިޖެން ޓެސްޓަކީ އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުމުގެ ބޭނުމަށް ރަނގަޅު އެއްޗެއް ނޫން ކަމަށާއި ދަތުރުގެ ބޭނުމަށް އަދިވެސް ހަދަން ޖެހޭނީ ޕީސީއާރް ޓެސްޓް ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖަންސީ (އެޗްޕީއޭ) އިން މިއަދު ބުނެފި އެވެ.ރާއްޖޭގައި ހަލުވިކަމާއެކު ކޮވިޑްގެ އާ ވޭރިއަންޓް. އޮމިކްރޮން ފެތުރެމުންދާތީވެ، އެޗްޕީއޭ އިން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް އަޅައިފައެވެ. އޭގެ ތެރޭގައި ރާއްޖޭގެ ރަށްރަށަށް ދަތުރު ކުރާ ނަމަ، 72 ގަޑިއިރު ނުވާ ކޮވިޑް-19 ޓެސްޓެއް ހަދަން ވަނީ މަޖުބޫރުކޮށްފައެވެ.އެޗްޕީއޭ އިން ވަނީ މި ފަހުން ނަތީޖާ ލިބޭ ރެޕިޑް ޓެސްޓުތައް ހަދަން ފަށައިފައެވެ.ރެޕިޑް އެންޓިޖެން ޓެސްޓް ހަދައިގެން ދަތުރުކުރުމާ ގުޅޭ ގޮތުން އަރާފައިވާ އޮޅުން ސާފުކޮށްދެއްވަމުން ކޮމިޝަނާ އޮފް ކޮލިޓީ އެޝުއަރެންސް ތަސްލީމާ އުސްމާން މިއަދު ވިދާޅުވީ, ދަތުރުކުރުމަށް އަދިވެސް ބޭނުންކުރަން ޖެހޭނީ ނެގެޓިވް ޕީސީއާރުގެ ނަތީޖާ ކަމަށެވެ."ރެޕިޑް އެންޓިޖެން ޓެސްޓަކީ އެއްގޮތަކަށް ވެސް އެއް ރަށުން އަނެއް ރަށަށް ދަތުރުކުރަން ބޭނުންކުރަން ރަނގަޅު އެއްޗެއް ނޫން," ތަސްލީމާ ވިދާޅުވިއެވެ.ސަބަބެއް ކަމަށް ތަސްލީމާ ވިދާޅުވީ, ރެޕިޑް އެންޓިޖެން ޓެސްޓުން ގިނަ ފަހަރަށް ޕޮޒިޓިވް ނަތީޖާއެއް ދައްކަނީ ބަލީގެ އަލާމާތް ހުންނަ މީހުން ކަމަށާއި ނަމަވެސް އެ މީހެއްގެ ހަށިގަނޑުގައި ވައިރަސް ހުރެއްޖެ ނަމަ ޕީސީއަރު ޓެސްޓުން ޕޮޒިޓިވްވުމުގެ ފުރުސަތު ބޮޑުވާނެތީ ކަމަށެވެ.އެޗްޕީއޭ އިން އިއްޔެ، ވަގުތުން ނަތީޖާ ލިބޭ ޓެސްޓް ހަދައިދޭން ފަށައި އިއްޔެ އެކަނި ވެސް މީގެ 300 އަށް ވުރެ ގިނަ ޓެސްޓް ހެދި ކަމަށް އެނގިފައިވެ އެވެ.އިއްޔެ އަކީ ރެކޯޑް އަދަދަކަށް ޓެސްޓުކޮށް އަދި ރެކޯޑް އަދަދަކަށް ޕޮޒިޓިވް ކޭސް ފެނުނު ދުވަހެކެވެ.ރެޕިޑް އެންޓިޖެން ޓެސްޓަކީ 15 މިނެޓާއި 30 މިނެޓާ ދެމެދުގެ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ނަތީޖާ ލިބޭ، އަގުހެޔޮ އަދި އަމިއްލަ އަށް ވެސް ހަދާލެވޭ ޓެސްޓެކެވެ.ރާއްޖެއަށް ކޮވިޑްގެ ހަތަރުވަނަ ރާޅެއް ބޯމަތިވެފައިވާއިރު އެ ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ވަނީ ބޮޑުތަނުން އިތުރުވެފައެވެ. ޓެސްޓްކުރަން އެދޭ މީހުންގެ އަދަދުވެސް ގިނަ އެވެ. އަދި ރެޕިޑް އެންޓިޖެން ޓެސްޓު ވެސް ހަދަން ފަަށާފައި ވަނީ ގިނަ ވަގުތު ދިގު ކިޔުތަކުގައި ތިބެގެން ކޮވިޑަށް ޓެސްޓް ކުރަން ޖެހިފައި ވަނިކޮށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ