ގާޒީ ހަސަން ސައީދަށް ޖާމިނުކުރެވޭ ގޮތް ނޭނގޭ ކަމަށް ވިދާޅުވެ ޕީޖީ ނުރުހިއްޖެ

ހުޅުމާލޭގައި ޕުލެޓް އިމާރާތްކޮށްދޭނެ ކަމަށް ބުނެ އެތައް ބައެއްގެ އަތުން މަކަރާއި ހީލަތުން ފައިސާ އަތުލި މައްސަލައިގައި ހިޔާނާތުގެ ގިނަ ދައުވާތަކެއް އުފުލިފައިވާ ސީލައިފް ގްލޯބަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ މުހައްމަދު (އައްމަޓީ) ކަފާލާތުގެ ދަށުން ދޫކޮށްލުމަށް ކުރިމިނަލް ކޯޓުން ނިންމުމުން ޕްރޮސިކިއުޓާ ޖެނެރަލް ހުސެއިން ޝަމީމު ނުރުހިއްޖެ އެވެ.
ކުރިމިނަލް ކޯޓުގައި އިއްޔެ ބޭއްވި އަޑުއެހުމުގައި ކަފާލާތުގެ ދަށުން އައްމަޓީ ދޫކޮށްލަން އެ މައްސަލަ ބެއްލެވި ގާޒީ ހަސަން ސައީދު އަމުރުކުރެއްވީ އައްމަޓީގެ އެއްބަނޑު އެއްބަފާ ދައްތައާއި ކޮއްކޮ ޖާމިނުކޮށްފަ އެވެ.
ނަމަވެސް ރަށުން ބޭރަށް ނުދިއުމަށާއި ކޮންމެ ދުވަހަކު ހެނދުނު ކަރެކްޝަންސަށް ހާޒިރުވުމާއި ހެކިންނަށް ނުފޫޒު ނުފޯރުވާން އޭނާއަށް ޝަރުތުކުރި އެވެ.
ގާޒީ ހަސަން ސައީދަށް ނުސީދާކޮށް ފާޑުވިދާޅުވެ, ޕީޖީ ޝަމީމު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ, ދަށު ކޯޓުގެ އެންމެ ފަނޑިޔާރަކަށް ޖާމިނުކުރެވޭނެ ގޮތް ސާފުވެފައި ނެތުމަކީ އެންމެންގެ ވަގުތު ގެއްލޭ ކަމަކަށްވެއްޖެ ކަމަށެވެ.
އައްމަޓީ ދޫކޮށްލި މައްސަލަ ޕީޖީން ވަނީ ހައިކޯޓުގައި އިސްތިއުނާފު ކުރަން ނިންމައިފައެވެ. އެ އޮފީހުން ބުނާ ގޮތުން, އައްމަޓީ ދޫކޮށްލީ ގާނޫނުގައި ކަފާލާތުގައި ދޫކުރާ އިރު, ޖާމިނުކުރާނެ ވަކި ގޮތެއް އޮއްވައި, އެއާ ހިލާފަށެވެ.
ގާޒީ ހަސަން ސައީދަށް ޕީޖީ ޝަމީމު ބަހުގެ ހަމަލާތަކެއް އަމާޒުކޮށްފައިވާ އިރު, ގާޒީ ހަސަން ސައީދަކީ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދަށް ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްއަދު އަލީ (އަޑުބަރޭ) ޖާމިނުކޮށް އޭނާ ރާއްޖޭން ބޭރަށް ދާން ހުއްދަ ދެއްވި ގާޒީ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ