އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެވަނަ ފަހަރަށް އިމްޕީޗްކޮށްފި

އެމެރިކާގެ ކޮންގްރެސް އިމާރާތަށް ދެވުނު ހަމަލާތަކަށް ހިތްވަރު ދެއްވި ކަމުގެ ކުށުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިމްޕީޗްކޮށްފިއެވެ.
މިއީ، އެމެރިކާގެ ތާރީޚްގައިވެސް މަގާމުގައި ހުންނެވި ރައީސަކު ދެވަނަ ފަހަރަށް އިމްޕީޗް ކުރެވުނު ފުރަތަމަ ފަހަރެވެ.
ޑިމޮކްރޭޓުން ހައުސް އޮފް ރެޕްރެޒެންޓެޓިވްސްއަށް ހުށަހެޅި އާޓިކަލް އޮފް އިމްޕީޗްމަންޓަށް 2 ގަޑިއިރުވަން ކުރި ބަހުސަށްފަހު ވޯޓަށް ހުޅުވާލިއިރު، އާޓިކަލް ފާސްކުރަން ބޭނުންވަނީ 217 ވޯޓެވެ.
ޓްރަމްޕް އިމްޕީޗްކުރަން 232 މެމްބަރުން ވޯޓުދެއްވި އިރު، އޭގެ ތެރޭގައި ހިމެނެނީ 222 ޑިމޮކްރޭޓުންނާއި، 10 ރިޕަބްލިކަނުންނެވެ.
ޓްރަމްޕް އިމްޕީޗްކުރުމާ ދެކޮޅަށް ރިޕަބްލިކަން 197 މެމްބަރުން ވޯޓު ދެއްވާފައި ވެއެވެ. ވޯޓު ނުދެއްވާ ތިއްބެވީ 5 މެމްބަރުންނެވެ.
ޓްރަމްޕް އިމްޕީޗްމިކުރީ، މިދިޔަ ހަފްތާގެ އާދީއްތަދުވަހު ކޮންގްރެސް އިމާރާތަށް ދެވުނު ހަމަލާތަކާ ގުޅިގެންނެވެ.
މިހަމަލާތައް ދިނުމަށް ޓްރަމްޕްގެ ސަޕޯޓަރުންނަށް ހިތްވަރު ލިބުނީ، ޓްރަމްޕްގެ އަމަލުތަކާއި، ދެއްކެވި ވާހަކަފުޅުތަކުގެ ސަބަބުން ކަމަށް އާޓިކަލް އޮފް އިމްޕީޗްމަންޓްގައި ކަނޑައަޅާފައި ވެއެވެ.
އާޓިކަލް އޮފް އިމްޕީޗްމަންޓް ހައުސްއިން ފާސްކުރުމާ ގުޅިގެން މައްސަލަ ދެން ދާނީ ޕާލަމެންޓްގެ މަތިގެ، ސެނޭޓަށެވެ. ޓްރަމްޕްގެ މައްޗަށް ޝަރީއަތް ހިންގާނީ ސެނޭޓުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ