ތުޅާދޫ ދާއިރާގެ އެމްޑީޕީ މެންބަރު ޕީޕީއެމަށް ސޮއިކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ އެމްޑީޕީ މެންބަރު ނާޒިމް ރަޝާދު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އަށް ސޮއިކުރައްވައިފި އެވެ.
ވިލިމާލެ ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކް ވަގުތަށް މައުލޫމާތުދެއްވަމުން ވިދާޅުވީ ނާޒިމް ރަޝާދު ޕީޕީއެމްއަށް ސޮއިކުރެއްވި ފޯމް ލިބިވަޑައިގެންފައިވާ ކަމަށާއި ކުރިއަށް އޮތް ދެދުވަހެއްގެ ތެރޭގައި އެކަން އިއުލާން ކުރެވިގެންދާނެ ކަމަށެވެ.
މިކަމާއި ގުޅިގެން ނާޒިމް ރަޝާދުގެ ބަހެއް ހޯދަން ކުރި މަސައްކަތް ވަނީ ކާމިޔާބުވާ ގޮތް ނުވެފައެވެ.
ނާޒިމް ރަޝާދު އެންމެ ފުރަތަމަ މަޖިލީހަށް އިންތިހާބުވެވަޑައިގެންނެވީ 2009 ވަނަ އަހަރުގައި އަމިއްލަ މެންބަރެއްގެ ގޮތުގައި އެވެ. ނަމަވެސް 2010 ވަނަ އަހަރުގެ ތެރޭގައި ނާޒިމް ރަޝާދު ވަނީ އެމްޑީޕީ އާއި ގުޅިވަޑައިގަންނަވާފައެވެ.
އަދި 18 ވަނަ ރައްޔިތުންގެ މަޖިލީހަށް ނާޒިމް ރަޝާދު ކުރިމަތިލެއްވީ އެމްޑީޕީ ޓިކެޓުގައި އެވެ.
ނާޒިމް ރަޝާދު ޕީޕީއެމަށް ސޮއި ކުރެއްވުމާ އެކު މަޖިލީހުގައި ޕީޕީއެމްއަށް ނިސްބަތްވެވަޑައިގަންނަވާ 42 މެންބަރުން ތިއްބަވާނެ އެވެ. އަދި ޕީޕީއެމް އާއި އެކު ކޯލިޝަން ހަދާފައިވާ އެމްޑީއޭގައި ފަސް މެންބަރުން ތިއްބަވާއިރު މިދެޕާޓީގެ މެންބަރުންގެ އަދަދު އެއްކޮށްލުމުން ކޯލިޝަންގައި 47 މެންބަރުން ތިއްބަވާނެ އެވެ.
ނާޒިމް ރަޝާދު އެމްޑީޕީން ވަކިވުމުން އެޕާޓީގެ މެންބަރުންގެ އަދަދު 23 އަށް ވެއްޓުނީ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ