ކާބޯ ވާޑޭގެ ފަރާތުން ގިނަ އުނދަގޫތަކެއް ކުރިމަތިވި: ސްކަލޯނީ

ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ 32 ޓީމުގެ ބުރުގައި އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާ އާއި މިމުބާރާތުގައި އަލަށް ވާދަކުރަމުންދިޔަ ކާބޯ ވާޑޭ ބައްދަލުކުރި މެޗުގައި ކާބޯ ވާޑޭގެ ޓީމުގެ ފަރާތުން ގިނަ އުނދަގޫ ތަކަކާއި ކުރިމަތިވިކަމަށް އާޖެންޓީނާގެ ކޯޗު ލިއޮނެލް ސްކަލޯނީ ބުނެފިއެވެ.
މެޗަށްފަހު ނޫސްވެރިންނާއި ވާހަކަ ދައްކަމުން ސްކަލޯނީ ބުނީ ކާބޯ ވާޑޭއިން މިމެޗުގައި ދެއްކި ކުޅުމަށް މަރުހަބާ ކިޔާކަމަށެވެ. އަދި މިމެޗު އުނދަގޫވާނެކަން ކުރިންވެސް އެނގޭ ކަމުގައި އޭނާ ބުންނެވެ. އަދި މިމެޗުގައި އާޖެންޓީނާ ޓީމަށް ގިނަ މައްސަލަ ތަކެއް ކާބޯ ވާޑޭ ޓީމުން ކުރިމަތިކުރުވިކަން ސްކަލޯނީ ފާހަގަ ކުރިއެވެ. ނަމަވެސް މިއާއެކުވެސް މިމެޗުން އާޖެންޓީނާ މޮޅުވުން ހައްގު ކަމަށް އާޖެންޓީނާގެ ކޯޗު ފާހަގަ ކުރިއެވެ.
ސްކަލޯނީ ބުނީ މިމެޗުގައި ގޯސްކޮށް ހިނގައިދިޔަ ކަންތައްތަކާއި ގުޅޭގޮތުން ޓީމާއެކު މަޝްވަރާ ކުރާނެ ކަމަށާއި ނަމަވެސް ރަނގަޅު ތަންކޮޅަކީ އެންމެ ފަހު ވަގުތާއި ޖެހެންދެންވެސް އޭނާގެ ކުޅުންތެރިން ހިތްވަރު އެލުވާނުލާ މަސައްކަތް ކުރުން ކަމަށެވެ.
އޭނާ ބުނީ މިކަހަލަ މެޗެއްގައި އޭނާގެ ކުޅުންތެރިން ދެވަނަ ފަހަރަށް ލީޑު ނަގާފައިވަނިކޮށް ކާބޯ ވާޑޭއިން ވަރަށް މޮޅު ލަނޑަކާއެކު އެއްވަރު ކުރުމުން މިއީ ހުރިހާ ކަމެއް އެޓީމާއި ދެކޮޅަށްދާ މެޗެއްކަމަށް ކުޅުންތެރިންނަށް އިހްސާސް ކުރެވޭނެ ކަމަށާއި ނަމަވެސް އެވަގުތުގައިވެސް ކުޅުންތެރިން ދޫނުދީ ކުރި ހިތްވަރު އޭނާ ފާހަގަ ކުރާ ކަމަށެވެ.
މިމެޗަށްފަހު ވާހަކަ ދައްކަމުން ކާބޯ ވާޑޭގެ ކޯޗު ބުބިސްޓާ ބުނީ އޭނާގެ ކުޅުންތެރިން މިމެޗުގައި ދެއްކި ކުޅުމާމެދު އޭނާ ފަހުރުވެރިވާކަމަށެވެ.
މިމެޗުގައި ކާބޯ ވާޑޭގެ ޓީމުން އެދައްކުވައިދިނީ ފުޓްބޯޅަ މެޗެއްގައި ވާދަކުރުމުގެ ރޫހު ކަމަށާއި އާޖެންޓީނާ ކޮޅަށް ދެ ލަނޑު ޖެހުމަކީ ކޮންމެ ކޮންމެ ޓީމަކަށް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އެއާއެކު މިމެޗު އިތުރު ވަގުތަށް ގެންގޮސް މެޗުގެ ފަހު ވަގުތު ކޮޅުގެ ތެރޭގައި އާޖެންޓީނާ ޑިފެންޑް ކުރުމަށް މަޖުބޫރު ކުރެވުން އެއީ އެޓީމަން ހޯދުނު ކާމިޔާބީ އެއް ކަމަށް ބުބިސްޓާ ފާހަގަ ކުރިއެވެ.
ބުބިސްޓާވަނީ މިމެޗުގައި އޭނާގެ ކުޅުންތެރިން ދެއްކި ކުޅުމާއި ކުރި ހިތްވަރާމެދު އުފާކުރުމުގެ އިތުރުން ވަރަށް ފަހުރުވެރިވާކަން ފާހަގަ ކޮށްފައެވެ. އަދި ކާބޯ ވާޑޭގެ ރައްޔިތުންވެސް މިޓީމު ހޯދީ ކާމިޔާބީ އުފަލާއެކު ބަލައިގަންނާނެކަމަށް ގަބޫލް ކުރާކަމުގައި އޭނާ ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ