އަހަރުގެ މިހާތަނަށް 1.07 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފި

މިއަހަރުގެ ފުރަތަމަ ހަ މަސްދުވަސް ނިމުނުއިރު، ރާއްޖެއަށް ޖުމްލަ 1,075,142 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށް މިނިސްޓްރީ އޮފް ޓޫރިޒަމުން ހާމަކޮށްފިއެވެ. މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މީގެ ތެރެއިން 72 އިންސައްތަ ފަތުރުވެރިން ތިބީ ރިސޯޓުތަކުގައެވެ.
ޓޫރިޒަމް މިނިސްޓްރީގެ ހަފްތާގެ ތަފާސްހިސާބުތައް ދައްކާގޮތުން، މިއަހަރުގެ މިހާތަނަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދަކީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 5 އިންސައްތަ އިތުރު އަދަދެކެވެ. ރާއްޖެއަށް މިހާރު ދުވާލަކު އެވްރެޖްކޮށް 5,200 ފަތުރުވެރިން ޒިޔާރަތްކުރާއިރު، މިއަހަރުގެ ކުރީކޮޅު މި އަދަދު ހުރީ އެވްރެޖްކޮށް 7,000 ގައެވެ.
ތަފާސްހިސާބުތަކުން ދައްކާގޮތުގައި ފަތުރުވެރިންގެ މެދުގައި އެންމެ މަގުބޫލު އެކޮމޮޑޭޝަނަކީ ރިސޯޓުތަކެވެ. އެގޮތުން 756,719 ފަތުރުވެރިން ރިސޯޓުތަކުގައި މަޑުކޮށްފައިވެއެވެ. ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ތިބީ ގެސްޓްހައުސްތަކުގައެވެ. އެއީ ޖުމްލަ 244,755 ފަތުރުވެރިން ނުވަތަ ޒިޔާރަތްކުރި މީހުންގެ 23 އިންސައްތައެވެ. މީގެ އިތުރުން 25,521 ފަތުރުވެރިން ހޮޓާތަކުގައި މަޑުކޮށްފައިވެއެވެ.
ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމުތަކުގެ ލިސްޓުގެ އެއްވަނައިގައި އަދިވެސް އޮތީ ޗައިނާ އެވެ. ވޭތުވެދިޔަ މަހެއްހާ ދުވަހުގެ ތެރޭގައި އެކަނިވެސް ޗައިނާއިން އިތުރު 24,021 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. ލިސްޓުގެ ދެވަނައިގައި ރަޝިޔާ އޮތްއިރު، ތިންވަނައިގައި އޮތީ އިނގިރޭސިވިލާތެވެ. ހަތަރުވަނައިގައި އިޓަލީ، ފަސްވަނައިގައި ޖަރުމަނުވިލާތް އަދި ހަވަނައިގައި އޮތީ އިންޑިއާއެވެ.
މިއަހަރުގެ ކުރީކޮޅު ރަޝިޔާ އެއްވަނައިގައި އޮތް ނަމަވެސް، ޗައިނާ ވަނީ އަލުން އެއްވަނަ މަގާމު ހޯދާފައެވެ. މިހާރު ޗައިނާ އާއި އިންޑިއާއާ ދެމެދު 105,274 ފަތުރުވެރިންގެ ފަރަގެއް އެބަހުއްޓެވެ. ސަރުކާރުގެ އަމާޒަކީ މިއަހަރު ނިމޭއިރު ރާއްޖެއަށް 2.3 މިލިއަން ފަތުރުވެރިން ގެނައުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ