މިހާރަށްވުރެ ފަސޭހައިން ހަނދަށް ދަތުރުކުރެވޭނެ އާމަގެއް ސައިންސްވެރިން ހޯދައިފި

މިހާރަށްވުރެ ފަސޭހައިން ހަނދަށް ދަތުރުކުރެވޭނެ އާމަގެއް ސައިންސްވެރިން ހޯދައިފިއެވެ. ހަނދަށް ދަތުރުކުރުމަށްޓަކައި ކުރިއަށްވުރެ ހަކަތަ ނުވަތަ ފިއުލް ސަލާމަތްކުރެވޭނެ އާ މަގެއް ހޯދާފައިވަނީ ބްރެޒިލް އަދި ޕޯޗުގަލްގެ ދިރާސާކުރާ ފަރާތްތަކުން ގުޅިގެން ކުރި މަސައްކަތުންނެވެ. ޖައްވުގައިވާ ފޮރުވިފައިވާ ގްރެވިޓޭޝަނަލް ކޮރިޑޯތައް ބޭނުންކޮށްގެން ހޯދި މި އާ މަގުގެ ސަބަބުން، ކުރީގެ މަގުތަކާ އަޅާބަލާއިރު ގިނަ އަދަދަކަށް ތެޔޮ ސަލާމަތްކުރެވުމުގެ އިތުރުން، ދަތުރުގެ އެއްވެސް މަރުހަލާއެއްގައި ބިމާ (އާތު) އޮންނަ މުވާސަލާތީ ގުޅުން މެދުކެނޑިގެން ނުދާނެ ކަމަށް ސައިންސްވެރިން ބުނެއެވެ. ޔުނިވާސިޓީ އޮފް ސައޮ ޕައުލޯ އަދި ޔުނިވާސިޓީ އޮފް ކޮއިމްބްރާގެ ސައިންސްވެރިން އެކުލަވައިލި މި ދިރާސާގައި، ބިމުން ހަނދަށް ދެވޭނެ 30 މިލިއަނަށްވުރެ ގިނަ ފްލައިޓް ޕާތު ނުވަތަ މަގުތައް ވަނީ ކޮމްޕިއުޓާ ސިމިއުލޭޝަންތައް ބޭނުންކޮށްގެން ދިރާސާކޮށްފައެވެ. ސައިންސްވެރިން ހާމަކުރި ގޮތުގައި، އެންމެ ކުރު މަގަކީ އެންމެ ހަރަދު ކުޑަ މަގު ކަމަށް ބެލުމުގެ ބަދަލުގައި، ގްރެވިޓީގެ ބާރުތައް ހުންނަ ގޮތް ތަފްސީލީ ގޮތެއްގައި ދިރާސާކުރުމުން މީގެ ކުރިން ސަމާލުކަންދެވިފައި ނުވާ މާ ފައިދާހުރި މަގެއް ހޯދިފައިވާ ކަމަށެވެ. މި އާ ހޯދުމުގައި ބުނެފައިވަނީ، ހަނދާ އެންމެ ކައިރި ފަރާތުން ހަނދުގެ އޯބިޓަށް ވަނުމުގެ ބަދަލުގައި، އޭގެ އިދިކޮޅު ފަރާތުން (ފުރަގަހުން) ހަނދާ ކައިރިވުމަކީ މާ ހަކަތަ ސަލާމަތްކުރެވޭ ކަމެއް ކަމަށެވެ. https://sun.mv/220249 މި ގޮތަށް ދަތުރުކުރުމުން ސިކުންތަކު 58.8 މީޓަރުގެ ފިއުލް ސަލާމަތްކުރެވޭއިރު، މީގެ ސަބަބުން ޖައްވީ އުޅަނދުތައް ލޯންޗުކުރުމުގެ ހަރަދު ކުޑަވެ، އިތުރު ސާމާނު އުފުލުމުގެ ޖާގަ ލިބިގެންދާނެއެވެ. އަދި ނާސާގެ އާޓެމިސް 2 މިޝަނަށް ދިމާވި ގޮތާ ހިލާފަށް، ހަނދުގެ ފުރަގަހަށް ދާއިރުވެސް ދުނިޔެއާ އޮންނަ މުވާސަލާތީ ގުޅުން މެދުނުކެނޑި ހިފެހެއްޓޭނެ ކަމަށްވެސް މި ދިރާސާގައި ފާހަގަކޮށްފައިވެއެވެ. ހަނދަށް ދަތުރުކުރުމަކީ ބޮޑު ހަރަދަކާއި ގިނަ އަދަދެއްގެ ހަކަތަ ނުވަތަ ފިއުލް ބޭނުންވާ ކަމަކަށްވާއިރު، ޖައްވީ އުޅަނދެއްގައި އުފުލަންޖެހޭ ފިއުލްގެ ބަރުދަން އިތުރުވުމަކީ މިޝަންތަކުގެ ހަރަދު އިންތިހާއަށް ބޮޑުވެ، ސައިންޓިފިކް ސާމާނު އުފުލުމަށް އޮންނަ ޖާގަ ހަނިވާ މައިގަނޑު ސަބަބެވެ. މިހާތަނަށް ގިނަ ޖައްވީ އިދާރާތަކުން ބޭނުންކުރަމުން އައީ ހަނދާ އެންމެ ކައިރި ހިސާބުން އޯބިޓަށް ވަންނަ ސީދާ މަގުތަކެއް ނަމަވެސް، މި ގޮތަށް ދަތުރުކުރުމުގައި ގިނަ އަދަދަކަށް ހަކަތަ ބޭކާރުވެއެވެ. ޖައްވުގެ ތެރޭގައި ތަރިތަކާއި ގްރަހަތަކުގެ ގްރެވިޓީގެ ސަބަބުން އުފެދިފައިވާ ފޮރުވިފައިވާ މަގުތަކެއް ނުވަތަ 'އިންޓަޕްލެނެޓަރީ ޓްރާންސްޕޯޓޭޝަން ނެޓްވޯކް' ބޭނުންކޮށްގެން ހަކަތަ ސަލާމަތްކުރެވޭނެ ގޮތްތައް ހޯދުމަކީ، ކުރިއަށް އޮތް ތަނުގައި އިންސާނުން ހަނދަށް ފޮނުވުމަށާއި ޖައްވީ ހޯދުންތަކުގެ ހަރަދު ކުޑަކުރުމަށް ސައިންސްވެރިން ދިގު މުއްދަތަކަށް ކުރަމުން އަންނަ މުހިންމު މަސައްކަތެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ