ޙައްޖަށްދިއުމުގެ ނަޞީބު މި ފަހަރު ނުލިބުނު ކަމުގައި ވީނަމަވެސް، ޙައްޖުވެރީން ފަދައިން އަޅުކަންކުރުމުގައި ފަރުވާތެރިވެ ހީވާގިވެ ތިމާ އަދާކުރާން ޖެހޭ ވާޖިބު އަޅުކަން އަދާކުރުމަށް މިއަދުގެ ހުކުރު ޚުތުބާގައި ގޮވާލައިފިއެވެ.
މިއަދުގެ ޚުތުބާގައިވަނީ ޙައްޖުވެރީން ފަދައިން އަޅުކަންކުރުމުގައި ގަދައަޅާ މަސައްކަތްކުރުމުން މި ދުވަސްތަކުގެ ދަރުމައާއި ސަވާބު މާތް الله ދެއްވާނެކަމަށް ބުނެފައެވެ.
“ މުސްލިމް އަޚުންނޭވެ! އިންސާނާއަކީ މާތް اللهގެ އަޅެކެވެ. މާތް اللهއަށް އީމާންވާ މީހާ އޭނާގެ މައްޗަށް މާތް الله ފަރުޟުކުރެއްވި ކަންތައްތައް އަދާކުރެވޭތޯ ގަދައަޅައި މަސައްކަތް ކުރާނެއެވެ. މާތް الله މަނާކުރެއްވި ކަންތައްތަކާ ދުރުހެލިވާނެއެވެ. މާތް اللهގެ ޙުދޫދުތަކަށް އަރައެއް ނުގަންނާނެއެވެ. މާތް اللهގެ ޙުރުމަތްތަކަށް ރައްކައުތެރިވާނެއެވެ. ޙައްޖުވެރިޔާ އިޙުރާމް ބަންނަ ވަގުތުން ފެށިގެން އޭނާ އެ ވަނީ އޭނާގެ ނަފުސުގެ މައްޗަށް ޙައްޖުގެ މަނާސިކުތައް އަދާކުރުން ލާޒިމުކޮށްފައެވެ. އޭނާ އިޙުރާމް ބަނދެ ކިޔަނީ (لَبَّيْكَ اللَّهُمَّ لَبَّيْكَ)އެވެ. އެބަހީ: މި އަޅާ އިބަރަސްކަލާނގެއަށް އިޖާބަދީފީމެވެ. ޙައްޖުވެރިޔާ އިޙުރާމު ބަންނަ ވަގުތުން ފެށިގެން ދުރުހެލިވާން ޖެހޭ، ކަންތައްތަކެއް ވެއެވެ. އަދާކުރާން ޖެހޭ ވާޖިބުތަކެއް ވެއެވެ. މިއީ ކޮންމެ މުއުމިނަކު ވެސް މާތް اللهއަށް ކިޔަމަންގަތުމަށް ދެވޭ ތަމްރީނުތަކެކެވެ. މާތް اللهގެ އަމުރުފުޅުތަކަށް އިޖާބަދިނުމަށާއި الله މަނާކުރައްވައިފައިވާ ކަންތައްތަކާ ދުރުހެލިވުމަށްދެވޭ ޢަމަލީ ތަމްރީނުތަކެކެވެ. ޙައްޖުގެ މަނާސިކުތައް އަދާކޮށް، އެކަލާނގެ ޝަޢާއިރުތައް މަތިވެރިކޮށްފި މީހަކަށް ހުރިހައި ވަގުތެއްގައި އަދި ހުރިހައި ތަނެއްގައި ވެސް މާތް اللهގެ އަމުރުފުޅުތަކަށް އިޖާބަދިނުމަކީ ބުރަ އުނދަގޫ ކަމަކަށް ނުވާނެއެވެ. ”
ޙައްޖަކީ އަހަރަކު އެއްފަހަރު އަދާކުރެވޭ އަޅުކަމެއްކަމަށާއި ފުރިހަމަ ގޮތުގައި ޙައްޖު އަދާކުރުމަށްފަހު ހެޔޮ ޢަމަލުކުރުންމަތީ ދެމިހުރުމަކީ ވަރަށް މުހިންމު ކަމެއްކަމަށްވެސް ހުތުބާގައި ބުނެފަވެއެވެ. އެ ގޮތުން ފާފަތަކަށް އަރައިނުގަތުމަށް ޢަޒުމު ކަނޑައަޅައި އެގޮތުގައި ދެމިހުރުމަށް މަސައްކަތްކުރުމަށް މިއަދުގެ ހުކުރު ޚުތުބާގައިވަނީ ނަސޭހަތްތެރިވެފައެވެ. ޙައްޖުގެ އަޅުކަން އަދާކުރުމަށް ފަހު ތިމާގެ ދިރިއުޅުމަށް މަސައްކަތްކުރުމާއެކު ރަޙިމުގެ ގުޅުމާއި އެކުވެރިކަމާއި އެއްބައިވަންތަކަމާއި ޢާއިލީގުޅުން ދެމެހެއްޓުމަށް މަސައްކަތްކުރާ މީހެއްގެ ގޮތުގައި މުޖުތަމަޢުގައި އުޅުމަށްވެސް ޚުތުބާގައިވަނީ ގޮވާލާފައެވެ.
އަދި ޙައްޖުގެ އަޅުކަމަށްފަހު އަންނަ އަޟުޙާ ޢީދު ފާހަގަކުރުމުގައި ސަމާލުވާންވީ ކަންކަމަށްވެސް މިއަދުގެ ހުކުރު ޚުތުބާގައިވަނީ އަލިއަޅުވާލާފައެވެ. މިގޮތުން، ބަރަކާތްތެރި އަޟުޙާ ޢީދުގެ އުފާވެރި މުނާސަބާ ފާހަގަކުރާ ރު މުސްލިމް އަޚުންނާއި އުޚުތުންގެ މެދުގައި އެކުވެރިކަމާއި ހިތްހެއުކަމާއި ލޯބީގެ ޝުޢޫރުތައް ފާޅުކުރުމާއެކު، ރުޅިވެރިކަމާއި ނަފުރަތާއި ޙަސަދަވެރިކަން ދޫކޮށް އެއްބަނޑު އެއްބަފާ އަޚުންތަކެއްކަމުގައި ވުމަށްވަނީ ގޮވާލާފައެވެ. އަދި ޢީދުގެ އުފާ ފާޅުކުރާ އިރު އިސްލާމީ އުޞޫލުތަކާއި ޝަރުޢީ ހަމަތަކަށް ރިޢާޔަތްކުރުމަށް ޚުތުބާގައިވަނީ ނަސޭހަތްތެރިވެފައެވެ.
“ މުސްލިމް އަޚުންނޭވެ! ޙައްޖުގެ މަތިވެރި އަޅުކަމާ ވިދިގެން އަންނަނީ ބަރަކާތްތެރި އަޟުޙާ ޢީދުގެ އުފާވެރި މުނާސަބަތެވެ. މި މުނާސަބާ ފާހަނގަކުރާ އިރު މުސްލިމް އަޚުންނާއި އުޚުތުންގެ މެދުގައި އެކުވެރިކަމާއި ހިތްހެއުކަމާއި ލޯބީގެ ޝުޢޫރުތައް ފާޅުކުރުމާއެކު، ރުޅިވެރިކަމާއި ނަފުރަތާއި ޙަސަދަވެރިކަން ދޫކޮށް އެއްބަނޑު އެއްބަފާ އަޚުންތަކެއްކަމުގައި ވުމަށް ގޮވައިލަމެވެ. ޢީދުގެ އުފާ ފާޅުކުރާ އިރު އިސްލާމީ އުޞޫލުތަކާއި ޝަރުޢީ ހަމަތަކަށް ރިޢާޔަތްކުރުމަށް ނަސޭހަތްތެރިވަމެވެ. ”
މިއަދުގެ ޚުތުބާގައިވަނީ، އެންމެހައި އަޚުންނަށް މާތް اللهއަށް ބިރުވެތިވެ ތަޤުވާވެރިވުމަށް ނަސޭހަތްތެރިވެފައެވެ.
ޙައްޖަށް ދިއުމުގެ ނަޞީބު މިފަހަރު ނުލިބުނުނަސް ޙައްޖުވެރީން ފަދައިން އަޅުކަންކުރުމުގައި ފަރުވާތެރިވެ ހީވާގިވޭ: ޚުތުބާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ