އެންމެ 5 މިނެޓުގެ ކަސްރަތުން ވެސް ހީނުކުރާހާ ފައިދާ ކުރާކަން އެނގޭތަ؟

ދިރިއުޅުމުގެ އާދަތަކުގެ ތެރެއަށް ހަށިގަނޑު ހަރަކާތްތެރިވާ މިންވަރު ކުޑަކޮށް ނަމަވެސް އިތުރުކޮށްލުމަކީ ސިއްހަތަށް އެކަމުން ދިގު މުއްދަތުގެ ފައިދާތަކެއް ލިބޭނެ ކަމެކެވެ. ދުވާލަކު އެންމެ ފަސް މިނެޓުގެ ކަސްރަތުން މިލިއަނުން މީހުންގެ އުމުރު އިތުރުކޮށްދިނުމަށް އެހީތެރިވެދޭކަން ދިރާސާއަކުން ވަނީ އެނގިފައެވެ. ކަސްރަތުގެ ސަބަބުން ހަށިގަނޑުގެ އިތުރުން ސިކުނޑިއަށާއި، ހަނދާން ބަލިވުމުން ރައްކާތެރިކޮށްދީ، އާންމު ދުޅަހެޔޮކަން އިތުރުކޮށްދޭކަން ދާދި ފަހުން ކުރި ދިރާސާއަކުން ވެސް ވަނީ ހާމަވެފައެވެ. އަދި، މިކަމުން ލިބުނު އެންމެ މުހިންމު އެއް މައުލޫމާތަކީ މި ފައިދާތައް ހާސިލުކުރުމަށްޓަކައި މާ ގަދައަށް ކަސްރަތުކުރަން ނުޖެހޭކަމެވެ. އަލަށް ކުރި ދިރާސާތަކުން ދައްކާ ގޮތުގައި، ހަރަކާތްތެރިވާ މިންވަރު ކުޑަ މިންވަރަކަށް އިތުރުކޮށްލުމަކީ ވެސް ސިއްހަތަށާއި އުމުރު ދިގުވުމަށް ބޮޑު ނުފޫޒެއް ފޯރުވާ ކަމެކެވެ. ކަސްރަތު ކުރުމަށް މާ ބުރަ ބޮޑު ހަރަކާތްތަކެއް ނުކޮށް ވެސް އެއީ ކުރެވިދާނެ ކަމެއް ކަމަށް ދިރާސާވެރިން ވިދާޅުވޭ--ފޮޓޯ/އިންޑިއަންއެކްސްޕްރެސް ދުވާލަކު އެންމެ ފަސް މިނެޓު، މެދުމިންވަރަކަށް ހަށިގަނޑު ހަރަކާތްތެރިކޮށްލުމުން (މިސާލަކަށް: ބާރަށް ހިނގުން، ބައިސްކަލް ދުއްވުން ނުވަތަ ސިޑިން އެރުން) ދުނިޔޭގައި އުމުރުން ދުވަސް ނުވަނީސް މަރުވާ މީހުންގެ ތެރެއިން ކޮންމެ ދިހަ މީހަކުން އެކަކު ސަލާމަތްކުރެވިދާނެ ކަމަށް އަލަށް ކުރި މި ދިރާސާއިން ވަނީ އެނގިފައެވެ. މީގެ މާނައަކީ ހަމައެކަނި ފަސް މިނެޓުގެ ކަސްރަތުން ދުޅަހެޔޮކަން ކަށަވަރުވީއެއް ނޫނެވެ. ނަމަވެސް، އެއްވެސް ވަރަކަށް ކަސްރަތު ނުކޮށް ހުރުމަށްވުރެ، މި ކުޑަ މިންވަރުގެ އިތުރުވުމަކީ ވެސް އާންމު ސިއްހަތަށް ލިބޭ ބޮޑު ކުރިއެރުމެކެވެ. އެމެރިކާގެ ޔުނިވާސިޓީ އޮފް ރޯޑް އައިލެންޑްގެ އެސިސްޓަންޓް ޕްރޮފެސަރު ނިކޯލް ލޯގަން ވިދާޅުވާ ގޮތުގައި، ނަފުސާނީ ބޮޑެތި ފިއްތުންތަކުން ދުރުވުމަށް ޖިސްމާނީ ހަރަކާތްތަކަކީ ވަރަށް މުހިންމު ކަމެކެވެ. ހަށިގަނޑުގެ މަސައްކަތްތައް ހުރި ގޮތާއި، މަސްތަކާއި ކަށީގެ ވަރުގަދަކަމަކީ އުމުރުގެ ފަހުކޮޅުގައި މީހާގެ ދުޅަހެޔޮކަން ދެނެގަނެވޭނެ މުހިންމު ނިޝާންތަކެއް ކަމަށް ޕްރޮފެސަރު ނިކޯލް ލޯގަން ވިދާޅުވެފައިވެއެވެ. އެއްވެސް ވަރަކަށް ކަސްރަތު ނުކޮށް ހުރުމަށްވުރެ، މި ކުޑަ މިންވަރުގެ އިތުރުވުމަކީ ވެސް އާންމު ސިއްހަތަށް ލިބޭ ބޮޑު ކުރިއެރުމެއް--ފޮޓޯ/ބީބީސީ އަލަށް ކުރެވުނު މި ދިރާސާ ބިނާވެފައިވަނީ އިނގިރޭސިވިލާތް، އެމެރިކާ އަދި ސްކެންޑިނޭވިއާގެ 150،000 މީހުންގެ މައުލޫމާތުގެ މައްޗަށެވެ. "ނޯވޭޖިއަން ސްކޫލް އޮފް ސްޕޯޓް"ގެ ޕްރޮފެސަރު އުލްފް އެކެލުންޑް ވިދާޅުވި ގޮތުގައި، ދުވާލަކު އެންމެ ފަސް މިނެޓުގެ ކުޑަ ބަދަލަކުން މަރުގެ ނުރައްކާ މިހާ ބޮޑަށް ކުޑަކޮށްދޭކަން އެނގުމުން ހައިރާންވި ކަމަށެވެ. ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ)އިން ވެސް ލަފާ ދެއްވާ ގޮތުގައި ހަފުތާއަކު 150 މިނެޓު މެދުމިންވަރަކަށް ކަސްރަތު ކުރުން މުހިއްމެވެ. ނަމަވެސް، މި ދިރާސާއިން ދައްކަނީ ޖިމަށް ދިއުމަށް ނުވަތަ ކުޅިވަރު ކުލަބުތަކަށް ދިއުމަށް އުނދަގޫވާ މީހުންނަށް ވެސް، ދިރިއުޅުމުގެ ތެރެއަށް ކުޑަ ހަރަކާތެއް އިތުރުކޮށްލައިގެން ބޮޑު ފައިދާއެއް ހޯދިދާނެ ކަމެވެ. މީގެ އިތުރުން، އިށީނދެގެން ހުންނަ ވަގުތު މަދުކުރުމަކީ ވެސް ފައިދާހުރި ކަމެއްކަން ވަނީ ހާމަވެފައެވެ. ގޭތެރެ ކުނިކެހުން، ބަދިގޭގައި ހުރެ ލަަވަޔަކަށް ނަށާލުން ނުވަތަ އާދަޔާ ހިލާފަށް ބާރަށް ސިޑިން އެރުން ފަދަ ހިތުގެ ވިންދު އަވަސްކޮށްދޭ ކަންކަން--ފޮޓޯ/ބީބީސީ މި ދިރާސާއިން އެނގޭ ގޮތުގައި ކަސްރަތުގެ ފައިދާ ހޯދުމަށް ދިރިއުޅުމުގެ ވައްޓަފާޅިއަށް ބޮޑު ބަދަލެއް ގެންނާކަށް ނުޖެހެއެވެ. ދުވާލުގެ އެކި ވަގުތުތަކަށް ބަހާލައިގެން ކުރާ ކުރު ކަސްރަތުތަކުން ހިތުގެ ސިއްހަތު ރަނގަޅުކޮށްދެއެވެ. މީގެ ތެރޭގައި ގޭތެރެ ކުނިކެހުން، ބަދިގޭގައި ހުރެ ލަަވަޔަކަށް ނަށާލުން ނުވަތަ އާދަޔާ ހިލާފަށް ބާރަށް ސިޑިން އެރުން ފަދަ ހިތުގެ ވިންދު އަވަސްކޮށްދޭ ކޮންމެ ކަމެއް ހިމެނިދާނެއެވެ. ހަމައެއާއެކު ލިފްޓުގެ ބަދަލުގައި ސިޑިން އެރުމަށް ބާރުއަޅާ ބޯޑުތަކެއް ހުރުމަކީ ވެސް ކަސްރަތަށް ބާރުއެޅުމަށް ކުރެވިދާނެ ކަމެކެވެ. އިނގިރޭސިވިލާތުގެ އަލްސްޓާ ޔުނިވަސިޓީގެ ޕްރޮފެސަރު މޭރީ މާފީ ވިދާޅުވާ ގޮތުގައި، ކުޑަ ވަގުތުކޮޅަކަށް ކަސްރަތު ކުރުމަށް ފަހު ހުއްޓާލިޔަސް، ހަށިގަނޑުގެ މެޓަބޮލިޒަމް ވަކި ވަގުތަކަށް ބާރަށް ހިނގާނެއެވެ. ލަފްބަރާ ޔުނިވާސިޓީގެ ޕްރޮފެސަރު އަމަންޑާ ޑޭލީ ވިދާޅުވާ ގޮތުގައި، ދާން ބޭނުންވާ ތަނާ ފަސް މިނެޓު ދުރުގައި ކާރު ޕާކު ކުރުމަކީ ވެސް ހިނގާލުމަށް ލިބޭ ފުރުސަތެކެވެ. ވީމާ، ދެން ފަހަރަކު ކައްކަން ހުންނަ ވަގުތު ނުވަތަ ޓީވީ ބަލަން އިންނަ ވަގުތު، ކުޑަ ވަގުތުކޮޅަކަށް ކަސްރަތުގެ ހަރަކާތެއް ކޮށްލާށެވެ. މި ކުދިކުދި ހަރަކާތްތަކަކީ ތިބާގެ ސިއްހަތަށް ނުހަނު ބޮޑު ފައިދާއެއް ކުރާނެ ކަންކަމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ