އަމާނާ ތަކަފުލްއިން ހިއްސާގެ ފައިދާގެ ގޮތުގައި 11 މިލިއަން ރުފިޔާ ބަހަނީ

އަމާނާ ތަކަފުލް މޯލްޑިވްސް އިން މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި 47.1 މިލިއަން ރުފިޔާ ހޯދައި އެ ކުންފުނީގެ ހިއްސާދާރުންނަށް ޑިވިޑެންޑުގެ ގޮތުގައި 11.4 މިލިއަން ރުފިޔާ ބަހަން ފާސްކޮށްފި އެވެ.
އަމާނާ ތަކަފުލްގެ 15 ވަނަ އަހަރީ އާންމު ޖަލްސާގައި، އެ ކުންފުނީގެ މާލީ ކާމިޔާބީތައް ފާހަގަކުރަމުން ވަނީ ވޭތުވެ ދިޔަ އަހަރަކީ އިގުތިސޯދީ ގޮންޖެހުންތައް ކުރިމަތިވީ އަހަރެއް ނަމަވެސް މާލީ ގޮތުން ހަރުދަނާ ނަތީޖާއެއް ހާސިލުކޮށްފައިވާ ކަމަށެވެ. 
އެ ކުންފުނީގެ މާލީ ރިޕޯޓުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރު އަމާނާ ތަކަފުލްއަށް ވަނީ 298.6 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފަ އެވެ. މީގެ އިތުރުން އިންވެސްޓްމަންޓް އާމްދަނީގެ ގޮތުގައި 18.9 މިލިއަން ރުފިޔާ އެ ކުންފުންޏަށް ލިބިފައިވެ އެވެ.
އަމާނާ ތަކަފުލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ހަރީޒް ސުލައިމާން ވިދާޅުވި ގޮތުގައި، ކުންފުނީގެ ކުރިމަގުގެ އަމާޒަކީ ޑިޖިޓަލް ވަސީލަތްތައް ކުރިއެރުވުމާއި، ހިދުމަތްތަކުގެ ފެންވަރު މަތިކުރުމެވެ. އަދި އިސްލާމީ ޝަރީއާ ހުއްދަކުރާ މާލީ ހިދުމަތްތައް ފުޅާކުރުމުގެ ގޮތުން "ފެމިލީ ތަކަފުލް" ހިދުމަތް ތައާރަފުކުރުމުގެ ތައްޔާރީތައް ވަމުންދާކަން ވެސް އޭނާ ހާމަކުރެއްވި އެވެ.
އަމާނާ ތަކަފުލްއިން ހިއްސާގެ ފައިދާގެ ގޮތުގައި ބަހާ އަދަދުގެ ތެރޭގައި ކުރިން ބެހި، 3.1 މިލިއަން ރުފިޔާގެ އިންޓެރިމް ޑިވިޑެންޑު ވެސް ހިމެނެ އެެވެ. އޭގެ އިތުރުން ވިދިވިދިގެން 13 ވަނަ އަހަރަކަށް އެއްވެސް ކްލެއިމްއެއް ހުށަހަޅާފައިނުވާ ބައިވެރިންނަށް "ސާޕްލަސް ރީފަންޑް" ގެ ގޮތުގައި 2.1 މިލިއަން ރުފިޔާ ބަހާފައިވެ އެވެ. 
އޭގެ އިތުރުން އެ ކުންފުނީގެ ބޯޑުން ވަނީ ހުރިހާ ވަކިވަކި ހިއްސާދާރުންނަށް "ޕާސަނަލް އެކްސިޑެންޓް ތަކަފުލް" ކަވަރޭޖް  މި އަހަރު ވެސްހިލޭ ދިނުމަށް ނިންމާފަ އެވެ.
އެންމެ ފަހުގެ އޭޖީއެމްގައި އަމާނާއިން ނިންމި އިތުރު ކަންކަމުގެ ތެރޭގައި އެ ކުންފުނީގެ އަސާސީ ގަވާއިދާއި ހިންގާ ގަވާއިދު އިސްލާހުކުރުމާއި، މިނިވަން ޑިރެކްޓަރުގެ މަގާމަށް އައިޝަތު މުނީޒާ ހަތަރު އަހަރުގެ އިތުރު ދައުރަކަށް އައްޔަންކުރުން ހިމެނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ