އެހީގެ އެކްޓިވިސްޓުންނަށް ބެން-ގްވީރު ފުރައްސާރަކުރުމުން ބޮޑު ފާޑުކިޔުމެއް

އިސްރާއީލުގެ ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރު އިތަމާރު ބެން-ގްވީރު، އެ ގައުމުގެ ސިފައިން ހައްޔަރުކޮށްފައި ތިބި ގާޒާ އެހީގެ ފްލޮޓިލާ އެކްޓިވިސްޓުންނަށް ފުރައްސާރަކޮށް މަލާމާތްކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުކުރުމާ ގުޅިގެން ބައިނަލްއަގުވާމީ ގޮތުން ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެއްޖެއެވެ.
އާންމުވެފައިވާ ވީޑިއޯއިން ފެންނަ ގޮތުގައި ބެން-ގްވީރު ހައްޔަރުކޮށްފައި ތިބި މީހުންގެ ކައިރިން ހިނގާފައި ދާއިރު، ބައިނަލްއަގުވާމީ އެކްޓިވިސްޓަކު "ފްރީ ޕަލެސްޓައިން" އޭ ބުނެ އަޑުގަދަކުރުމުން، އިސްރާއީލުގެ ސަލާމަތީ ބާރުތަކުން އެމީހާގެ އިސްތަށިގަނޑުގައި ހިފައި ބިމަށް ވައްޓާލައެވެ. އަދި ބެން-ގްވީރު އެ މަންޒަރު ބަލަން ހުރެ އުފާ ފާޅުކުރާ އިރު، އެހެން ކްލިޕެއްގައި ހައްޔަރުކޮށްފައިވާ ގިނަ އަދަދެއްގެ ބަޔަކު ބިޑި އަޅުވައި، ބޯ ބިމުގައި ޖައްސައިގެން ތިބެން މަޖުބޫރުކޮށް، އިސްރާއީލުގެ ގައުމީ ސަލާމް ބާރަށް ޖަހާފައި ހުއްޓާ ފެނެއެވެ.
މި ހާދިސާއާ ގުޅިގެން، ހައްޔަރުކުރެވުނު އެކްޓިވިސްޓުން ނިސްބަތްވާ ބައެއް ގައުމުތަކުގެ ވެރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން އިޓަލީގެ ބޮޑުވަޒީރު ޖޯޖިއާ މެލޯނީ މި އަމަލަކީ އިންސާނީ ކަރާމާތާ ޚިލާފު ކަމެއް ކަމަށް ބުނެފައިވާއިރު، ސްޕެއިންގެ ބޮޑުވަޒީރު ޕެޑްރޯ ސެންޗޭޒް ވަނީ ބެން-ގްވީރާ ދެކޮޅަށް ޔޫރަޕްގެ އިއްތިހާދުން ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ބާރު އަޅާނެ ކަމަށް ވިދާޅުވެފައެވެ. އަދި އެމެރިކާއިން އިސްރާއީލަށް ކަނޑައަޅާފައި ހުންނަ ސަފީރު މައިކް ހަކަބީ ވެސް ވަނީ ބެން-ގްވީރުގެ މި އަމަލުން އިސްރާއީލުގެ އަގު ވެއްޓިއްޖެ ކަމަށް ބުނެފައެވެ.
ފާޑުކިޔުންތެރިން ބުނާ ގޮތުގައި ބެން-ގްވީރުގެ މި އަމަލަކީ އިސްރާއީލުން ފަލަސްތީނުގެ ރަހީނުންނާ މެދު އަބަދުވެސް އަމަލުކުރާ ރާވައިގެން ހިންގާ އަނިޔާވެރި ސިޔާސަތުގެ އަސްލު ސޫރައެވެ.
މިހާރު ވެސް އިސްރާއީލުގެ ޖަލުތަކުގައި 9,600 އަށް ވުރެ ގިނަ ފަލަސްތީނު މީހުން ބަންދުކޮށްފައި އެބަތިއްބެވެ. އޭގެ ތެރޭގައި އެއްވެސް ދައުވާއަކާ ނުލައި މުއްދަތެއް ނެތް ގޮތަށް ހައްޔަރުކޮށްފައި ތިބި 3,500 އަށް ވުރެ ގިނަ މީހުންނާއި ސަތޭކައަށް ވުރެ ގިނަ ކުޑަކުދިން ހިމެނެއެވެ.
ޖަލުގައި ތިބޭ މީހުން ބަނޑަށް ބޭތިއްބުމާއި، ޖިސްމާނީ އަނިޔާކުރުމާއި، ބޭސްފަރުވާ މަނާކުރުން ފަދަ ލާއިންސާނީ އަމަލުތައް ކުރިމަތިވަމުންދާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
މި ހާދިސާ ހިނގާފައިވަނީ ހައްޔަރުކުރި ބައިނަލްއަގުވާމީ އެކްޓިވިސްޓުންނަކީ ގާޒާގެ ބްލޮކޭޑް ނުވަތަ ބަންދު އުވާލުމަށް ގޮވާލައި އެހީ ހިފައިގެން ދަތުރުކުރި ގާޒާ އެހީގެ ފްލޮޓިލާގެ މެންބަރުން ކަމަށްވާއިރު، އިސްރާއީލުގެ ކަނޑުގެ ބާރުތަކުން ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުން އެމީހުންގެ އުޅަނދުތައް ހިފަހައްޓައި، އެންމެން ބަންދުކޮށްގެން އިސްރާއީލަށް ގެންދިޔުމަށްފަހުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ