އަދަދުގެ ލީވާން އާއި ޝަހުޒާން ޖަލަށް ލީ ކްރިމިނަލް
ކޯޓުން އުފެއްދި ހާލަތެއްގެ ދަށުންނެވެ. އެ ކޯޓުގައި ހިނގަމުންދާ މައްސަލައެއްގެ
ވާހަކަ ދެއްކުމަކީ ކުށެއް ކަމަށް ހައްދަވައި ހަމަ އެ ކޯޓުން ނެރުއްވި އަމުރަކާ
ހިލާފުވެއްޖެ ކަމަށް ބުނެ އެ ދެމީހުން ޖަލަށް ލާން ހުކުމް ކުރީ ވެސް ކްރިމިނަލް
ކޯޓުންނެވެ.
ލީވާން އާއި ޝަހުޒާންގެ މައްޗަށް ޝަރީއަތް ހިންގަން
ކޯޓަށް ހާޒިރުކުރެވުނުއިރު ކަރެކްޝަންސްގެ މުވައްޒަފުން ވެސް ކޯޓަށް
ހާޒިރުކޮށްފައި ތިއްބެވެ. ޝަރީއަތުގެ އަޑުއެހުމުގެ ކުރިން ލީވާން ކްރިމިނަލް
ކޯޓުގައި އިންދައި ކަރެކްޝަންސްގެ އޮފިސަރުން އޭނާއާ ވާހަކަ ދެއްކި ކަމަށް އޭނާ
ވަކީލަށް ކިޔައިދިނެވެ. އެވެރިން އައިސް މިތިބީ އެ ދެމީހުން ޖަލަށް ގެންދިއުމަށް ހަވާލުވުމަށް
ކަމަށް ވެސް ބުންޏެވެ. އޭރު އަދި އެ ދެމީހުންގެ މައްޗަށް ހުކުމް ކުރި މައްސަލައިގެ
އަޑުއެހުން ވެސް ނުފަށަ އެވެ. ކުށެއް ސާބިތުވެ ޖަލަށް ގެންދަންޖެހޭނޭކަން ވެސް
އެނގޭނީ މައްސަލައިގެ ޝަރީއަތް ހިންގީމާ ނޫންހެއްޔެވެ؟ ޝަރީއަތް ހިންގާން ފެށުމުގެ
މާ ކުރިން ހުކުމް އޮތީ ކަނޑައެޅި ނިމިފަ އެވެ. އަޑުއެހުން ހިންގީ ހަމައެކަނި އިޖުރާއަތެއް
ފުރިހަމަކޮށްލުމަށެވެ.
މީހަކު ޖަލުގައި ބަންދުކުރެވުމަކީ އޭނާގެ އެތައް އަސާސީ ހައްގުތަކެއް
ވަގުތީ ގޮތުން ހިފެހެއްޓިގެންދާ ކަމެކެވެ. އެއީ އަމިއްލަ މިނިވަންކަމާއި އިހުތިޔާރުތައް
ދޫކޮށް އެހެން ބަޔަކު ހަދާ ގަވާއިދުތަކެއްގެ ތެރެއަށް މުޅި ދިރިއުޅުން ފައްތާންޖެހޭ
ހާލަތެކެވެ. ކާން ލިބޭނީ އެމީހުން ދިން އެއްޗެކެވެ. ލެވޭނީ އެމީހުން ދިން
އަންނައުނެކެވެ. ކުޑަ ގޮޅިއެއްގެ ތެރޭގައި ދިހަ ސައުވީސް ގަޑިއިރު ހޭދަކުރާއިރު އެ 24 ގަޑިއިރުގެ ކޮންމެ
މިނެޓެއްގެ 60 ސިކުންތުގެ އަޑު ވަކިވަކިން 60 ފަހަރު އިވޭނެ އެވެ.
އެ 60 ސިކުންތުގެ ތެރޭގައި ހިތުގައި ޖަހާ ވިންދުގެ އަދަދާއި ދޭތެރެ
ދެމެދުން ދޫކޮށްލި ވިންދުގެ އަދަދު ވެސް ވަކިން ގުނޭނެ އެވެ. މިނިވަންކަމާއެކު ހޭދަކުރާ
ވަގުތުގައި ހިތަށް ނުގެނެވޭ ކިތަންމެ އެއްޗެއް ހިތަށް އަރައިފައިބައިގެން ދާނެ
އެވެ. މިއީ މިނިވަންކަމާއެކު އުޅޭ މީހަކަށް އިހުސާސު ވެސް ކުރެވޭނެ ހާލަތެއް
ނޫނެވެ.
ޖަލުގައި މީހުން ބަންދުކުރުމުގެ އަދަބުގެ އަސާސަކީ
ވަކި މީހެއްގެ ފުށުން މުޖުތަމައު ސަލާމަތްކުރުމެވެ. އޭގެ ބޭނުމަކީ ވަކި މީހަކީ
މުޖުތަމައުއަށް ދޫވެފައި ހުރެއްޖެނަމަ އޭނާގެ ފުށުން މުޖުތުމައުއަށް
ނުރައްކާވެދާނޭ ފަދަ މީހަކަށްވާނަމަ އޭނާ އެކަހެރި ކުރުމެވެ. ޖަލަށް ލުމުގެ އަދަބު
ދެވޭ އަސާސް ގާނޫނުލްއުގޫބާތުގެ 1201 ވަނަ މާއްދާގައި ކިޔައިދީފައި އެއޮތީ އެވެ. އެމާއްދާގައި
އޮތީ ތިން ސަބަބެކެވެ. އެއީ؛
(1) މުޖުތަމައުގެ ރައްކަލަކަށްޓަކައި
ކުށްވެރިޔާ މުޖުތަމައުން އެކަހެރިކޮށްފައި ބަންދުކުރުމުގެ ބޭނުންތެރިވުން؛
(2) ކުށްވެރިޔާ ކުރި ކުށުގެ އަމަލަކީ
މުޖުތަމައު ކުށްވެރިކުރާ ނުރައްކާތެރި އަމަލެއްކަމަށް ދެއްކުމަށްޓަކައި ކުށްވެރިޔާ
އެކަހެރިކޮށް ބަންދުކުރުން ކޮންމެހެން ބޭނުންތެރިވުން، ނުވަތަ
(3) ކުށްވެރިޔާގެ ހާލަތަށާއި، އޭނާ
ކުޅަ ކުށުގެ އަމަލަށް ބަލާއިރު، އެކަހެރިކޮށް ބަންދުކުރުން ފިޔަވައި އެކަށީގެންވާ
އެހެން އަދަބެއް ނެތުން.
ލީވާންއާއި ޝަހުޒާން ޖަލަށްލުމަށް ކްރިމިނަލް
ކޯޓުން ނިންމި ނިންމުމުން މި މާއްދާގައި ބުނެފައިވާ އެއްވެސް މަގުސަދެއް ހާސިލެއް
ނުވެ އެވެ. ޖަލަށް ލުމުގެ
އަދަބު ދިނުމުގައި ބަލަންޖެހޭ މިންގަނޑުތަކެއް ހުރިކަމާއި އަދަބު ކަނޑައެޅުމުގެ
އިލްމުގެ ފަލްސަފާއަކީ ވެސް ކޯޓުން ރިއާޔަތްކުރި ކަމެއް ނޫނެވެ.
ކުށުގެ ނުރައްކާތެރިކަމާއި ކުޑަބޮޑުމިނަށް ބަލައި ޖަލަށް ލުމުގެ އަދަބު ފިޔަވައި އެހެން އަދަބުތައް ދިނުމަށް ވެސް ގާނޫނުލްއުގޫބާތު ތަންދެ އެވެ. އެ ގާނޫނުގެ 1005 ވަނަ މާއްދާގައި އެއޮތީ އެ ތާވަލެވެ. ލީވާންއާއި ޝަހުޒާންއަށް އަދަބު ކަނޑައެޅުމުގައި އަދަބުގެ ބައެއް ޖޫރިމަނާއަށް ބަދަލުކުރީ އެ ހަމައިންނެވެ. ކަނޑައެޅޭ މުޅި އަދަބު ވެސް ޖޫރިމަނާއަށް ބަދަލުކުރެވޭނޭ ހާލަތެއް އޮއްވައި ޖަލުގައި ބަންދުކުރުމުގެ އަދަބު ދިން ދިނުމަކީ ދައުލަތުން އެ ދެމީހުންނަށް ދިން އަނިޔާއެކެވެ.
ކޯޓުން ބޭނުންވިނަމަ މި މައްސަލައިގައި އެ ދެމީހުން ޖޫރިމަނާކޮށްފައި ނިންމައިލެވުނީހެވެ. މުޖުތަމައުއަށް ހިދުމަތްކުރުމަށް ވެސް ހުކުމް ކުރެވުނީހެވެ. އުޅޭނޫޅޭގޮތް ގާތުން ބެލުމަށް ހުކުމްކުރުމާއި ޕްރޮބޭޝަންއަކީ ވެސް އަދަބު ކަނޑައެޅުމުގައި ކޯޓަށް އޮތް އިހުތިޔާރުތަކެކެވެ. މައްސަލައަކީ ކޯޓުގެ ހުރުމަތާ ގުޅޭ މައްސަލައަކަށްވާއިރު، މިއިން ގޮތެއް ހިޔާރު ކުރެއްވިނަމަ ބަޔަކަށް އަނިޔާއެއް ނުދީ އެ މަގުސަދު ހާސިލުކުރެވުނީހެވެ.
އަޅުގަނޑުމެންގެ ގާނޫނުއަސާސީއަކީ ނުހައްގުން
މީހުން ޖަލަށްލުން ހުއްޓުވުމަށް ހަދާފައި އޮތް ގާނޫނުއަސާސީ އެކެވެ. ހިޔާލު
ފާޅުކުރުމުގެ މިނިވަންކަން ހޯދުމަކީ އެ ގާނޫނުއަސާސީ އުފަންވުމުގެ ސަބަބެވެ.
އެހެންނަމަވެސް މިއަދު އެ ގާނޫނުއަސާސީން ދިވެއްސަކަށް ދޭ ހިމާޔަތެއް ނެތެވެ. ރައީސުލްޖުމްހޫރިއްޔާ
ކޯފާވެއްޖެނަމަ މީހުން ޖަލަށް ލުމަކީ ގާނޫނީ ހަމައަށް ވެ ނިމިއްޖެ އެވެ. އެކަން
ހުއްޓުވޭނޭ ބާރެއްނެތި ގާނޫނުއަސާސީ އެއޮތީ ލާޗާރުވެފަ އެވެ. އަނިޔާވެރިކަން
ހުއްޓުވައި، މީހުންގެ ހައްގުތައް ހިމާޔަތްކުރަން އެ ގާނޫނުއަސާސީން އުފަންކުރި
މަގާމުތަކާއި މުއައްސަސާތައް އޮތީ ރައީސުލްޖުމްހޫރިއްޔާގެ ހިމާޔަތުގަ އެވެ. އޭނާ
އެ މަގާމުގައި ހުންނާން ބާކީ އޮތީ ދެ އަހަރާއި ބައިގެ ކުރު މުއްދަތެކެވެ. 'އަދަދު'
ނޫހުން ދެއްކި ޑޮކިއުމަންޓްރީގައި 'އައިޝާ' ބުނާހެން މިއަދު ބާރު އޮތީތީ ކޮންމެ
ކަމެއް ވެސް ކުރެވިދާނެ އެވެ.
ދައުލަތުގެ ހިލޭ އެހީގައި ލީވާންއަށް ދިން ތަމްރީނު
ޕްރޮގްރާމް ފުރިހަމަކޮށް ނިންމާފައި މިއަދު އޭނާ އެބަ އާދެ އެވެ. ފަސް ދުވަސް
ފަހުން ޝަހުޒާން އަންނާނެ އެވެ. އެ ދެމީހުންނަށް ވެސް ނޫސްވެރިކަން ކުރުމުގައި މި
ހުރިހައި ދުވަހަކު އޮވެދާނޭ ޖެހިލުން ވުމަކީ ޖަލަށް ދާންޖެހިދާނެ ކަމެވެ. މިހާރު
އެ ބިރެއް ވެސް ނެތެވެ. އެއީ ވެސް ރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަން
ދެމެހެއްޓުމަށްޓަކައި ނޫސްވެރިޔަކަށް ވެވިދާނޭ ގުރުބާނީއެއްކަން އެ ދެމީހުން
ސާބިތުކޮށްދީފި އެވެ.
އެއްވެސް ކުށެއް ނެތި ޖަލަށް؛ މިއީ ބޮޑު އަނިޔާއެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ