އެމްޑީޕީ ބަދަލުކޮށް ވަރުގަދަ ކުރާނީ ވެސް އަޅުގަނޑު: ނަޝީދު

އެމްޑީޕީ ބަދަލުކޮށް ވަރުގަދަ ކުރާނީ ވެސް އެ މަނިކުފާނު ކަމަށާއި އޭގެ އިތުރުން ރާއްޖޭގެ ވެރިކަން އަނެއްކާ ވެސް ބަދަލުކުރުމުގެ މުގުލުގައި އޮންނާނީ ވެސް އެ ޕާޓީ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެ އެވެ. 
އެމްޑީޕީގެ ޗެއާޕާސަން ކަމަށް ކެމްޕެއިން ކުރައްވަން އާޓިފިޝަލް ބީޗްގައި ބޭއްވި ޖަލްސާގައި ނަޝީދު ވިދާޅުވީ އެމްޑީޕީ އަށް ނޫން ބަޔަކަށް ރާއްޖެ އަށް ބަދަލެއް ނުގެނެވޭނެ ކަމަށެވެ.
ވެރިކަން ބަދަލުކުރުމަކީ ކުރަން އެނގިވަޑައިގަންނަވާ ކަމެއް ކަަމަށާއި އެ މަނިކުފާނު ނޫން މީހަކު އެމްޑީޕީއާ އެކު އެ މަސައްކަތް ކުރައްވަން ހުންނެވި ނަމަ ގާނާގެ ވެރިރަށް އާކްރާގައި ނުވަތަ ގޭގައި ހުންނަވަން މާ ފަސޭހަފުޅު ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
"އެހެން ނަމަވެސް އެހެން ހެދޭކަށް ނެތް، މި މަސައްކަތް [ވެރިކަން ބަދަލުކުރުމުގެ މަސައްކަތް] މިތަނަށް އައިސް ބުރަ މަސައްކަތެއް ކަމުގައި ވިޔަސް ވެސް އަޅުގަނޑުމެން ޖެހޭނީ ކުރާން. އަޅުގަނޑު ނުކުމެ މި ހުރީ އެކަން ކުރުމަށް ތައްޔާރަށް،" އަންނަ މަހުގެ 12 ވަނަ ދުވަހު ބާއްވާ އެމްޑީޕީގެ ޗެެއާޕާސަންގެ އިންތިހާބުގެ މާލޭގެ ކެމްޕެއިން ޖަލްސާގައި ނަޝީދު ވިދާޅުވި އެވެ.
"ވެރިކަމެއް ބަދަލެއް ނުކުރެވޭނެ އަޅުގަނޑާއި ރައީސް ޔާމީނާއި ރައީސް ސޯލިހާ މޭޒެއް ދޮށުގައި ތިބެގެނެއް."
ވެރިކަން ބަދަލު ކުރެވޭނީ އެމްޑީޕީގެ ކޮންމެ މެމްބަރަކު އެކަމަށް ތެދުވެގެން ކަމަށާއި އެ މަސައްކަތް ކުރެވޭނީ އެމްޑީޕީއާ އެކުގައި ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ. އެކަމަށް ޓަކައި ރާއްޖޭގެ ރައްޔިތުންގެ ވިންދު ހުރި ގޮތް އެމްޑީޕީ އަށް އެނގި، އެއީ އެމްޑީޕީގެ ވިންދަށް ވާން ޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.
The most trusted news source in the Maldives
"އެ މަސައްކަތަކީ އަޅުގަނޑު ކުރަން ދަންނަ މަސައްކަތެއް. ދަންނަވާނީ ގޭގެ ވޮޝިންމެޝިން ހަލާކުވީމާ، ފަންޑިތަ ހަދާ މީހެއް ނުގެންނާނެ. ގެންނާނީ އިލެކްޓްރީޝަނެއް. މި ޕާޓީގެ ކަންތަކަށް ގެންނަވަން ޖެހޭނީ އަޅުގަނޑު. މި ކަމަށް ތި ބޭފުޅުން ފަންޑިތަ ހަދާ މީހެއް ގެންނަވާނެ ކަމެއް ނެތް،" ނަޝީދު ވިދާޅުވި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމުން ދުރުކުރާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވުމަށް ފަހު ކުރީގެ ދެ ރައީސުން ކަމަށްވާ އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އާއި އަބްދުﷲ ޔާމީނަށް ނަޝީދު ނުސީދާކޮށް ފާޑުވިދާޅުވި އެވެ.
"އެކަން [ރައީސް މުއިއްޒު ވެރިކަން ދުރުކުރުމުގެ މަސައްކަތް] ނުކުރެވޭނެ އިނގޭތޯ، ގަބޫލުފުޅުކުރައްވާ، އެ ކަމެއް ނުކުރެވޭނެ މޭޒެެއް ދޮށުގައި ތިބެގެނެއް. އެ ކަމެއް އަޅުގަނޑުމެންނަކަށް ނުކުރެވޭނެ ރިއެކްޓް ނުކޮށެއް ވެސް. އެކަން ކުރެވޭނީ ރިއެކްޓް ކޮށްގެން،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ސިފަކުރެއްވި ގޮތުގައި ގާނާގެ ވެރިރަށް އާކްރާގައި ހުންނަވަނިކޮށް، އެ މަނިކުފާނު "ރާއްޖެ އަށް ގެނައީ" ވެރިކަން ބަދަލުކުރުމުގެ މަސައްކަތް ކުރާށެވެ. 
ނަޝީދު މި މޭރުމުން ވާހަކަފުޅު ދެއްކެވި އިރު އެ މަނިކުފާނާއި ކުރީގެ ދެ ރައީސުން ކަމަށްވާ އިބޫ އާއި ޔާމީން އެކުގައި މަސައްކަތްޕުޅު ކުރައްވަން ތިން ބޭފުޅުން ވަނީ އެއްބަސްވުމެއްގައި ވެސް ސޮއިކުރައްވައިފަ އެވެ.
ނޫސްވެރިންނާ ވެސް ހިއްސާކުރި އެ އެއްބަސްވުމުގައި ބުނެފައިވަނީ މި ސަރުކާރުން ގާނޫނުއަސާސީން ރައްޔިތުންނަށް ކަށަވަރުކޮށްދޭ ހައްގުތަކަށް ފާޅުގައި އަރައިގަނެ، ޝަރުއީ ކޯޓުތަކަށް ނުފޫޒު ފޯރުވުމާއި ރައްޔިތުންގެ މަޖިލީހާއި މުއައްސަސާތަކުގެ ބާރު ކަނޑުވާލާފައިވާ ކަމަށެވެ. 
އޭގެ އިތުރުން މިނިވަން ނޫސްވެރިކަމަށް ހުރަސްއެޅުމާއި ނޫސްވެރިން ޖަލަށްލުމާއި ރައްޔިތުންގެ އާންމު ދިރިއުޅުމުގެ ހާލަތު ދަށްވެ އިގުތިސޯދު ހީނަރުވެ، ތަކެތީގެ އަގު އުފުލިފައިވާ ކަމަށް ވެސް ތިން ރައީސުން ސޮއިކުރައްވާފައިވާ އެ ލިޔުމުގައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ