މަރުވި އިޓަލީގެ ޑައިވަރުންގެ ތެރެއިން ދެ މީހެއްގެ ނަން ދިރާސާކުރާ ލިސްޓުގައި ނެތް: މުންދު

ވ. އަތޮޅު އަލިމަތާ ރިސޯޓު ކައިރީގައި އޮންނަ ”މިޔަރު ހޮހޮޅަ“ އަށް ފީނަން ފޭބި އިޓަލީވިލާތުގެ ފަސް ޑައިވަރުން މަރުވި ހާދިސާއާ ގުޅިގެން ކުރިއަށްދާ ތަހުގީގުގައި، އޭގެ ތެރެއިން ދެ މީހެއްގެ ނަން ދިރާސާ ކުރާ ލިސްޓުގައި ނެތްކަން ހާމަވެފައިވާކަމަށް ސަރުކާރުން ބުނެފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސް ތަރުޖަމާން މުހައްމަދު ހުސެއިން ޝަރީފް (މުންދު) ވިދާޅުވީ، މަރުވި މީހުންގެ ތެރޭގައި ހިމެނޭ އިންސްޓްރަކްޓަރު ޖިއަންލުކާ ބެނެޑެޓީ (44 އަހަރު) އާއި ޖިއޯޖިއާ ސޮމަކާލް (20 އަހަރު) ގެ ނަން، އެ މީހުން ހުށަހަޅާފައިވާ ރިސާޗް ލިސްޓުގައި ހިމެނިފައި ނުވާ ކަމަށެވެ.
މިދިޔަ މަހުގެ 14 ވަނަ ދުވަހު 50 އާއި 60 މީޓަރުގެ އަޑީގައި އޮންނަ މި ހޮހޮޅައަށް ފީނަން ފޭބީ މޮނިކާ މޮންޓެފަލްކޯން (52)، އޭނާގެ ދަރިފުޅު ޖިއޯޖިއާ ސޮމަކާލް (20)، މުރީއެލް އޮޑެނިނޯ (31)، ޖިއަންލުކާ ބެނެޑެޓީ (44)، އަދި ފެޑެރީކޯ ގުއަލްޓިއަރީ (31) އެވެ.
މުންދު ވިދާޅުވި ގޮތުގައި އެ މީހުން ހުށަހެޅި ރިސާޗް ޕްރޮޕޯސަލްގައި އޮތީ ”ސޮފްޓް ކޮރަލް“ އާ ބެހޭ ދިރާސާއެއް ކުރުމަށެވެ. އަދި އެ ދިރާސާގައި ރާއްޖޭގެ އެކި އަތޮޅުތަކުގައި 0 އިން 60 މީޓަރަށް ޓެކްނިކަލް ޑައިވް ކުރާނެ ކަމަށް ބަޔާންކޮށްފައިވީ ނަމަވެސް، ސީދާ އެ ހޮހޮޅައަށް ނުވަތަ ކޭވް ޑައިވިން ކުރާނެ ވާހަކައެއް ޕްރޮޕޯސަލްގައި ނެތެވެ.
”ކޭވް ޑައިވިން އަކީ ވަރަށް ތަފާތު ޗެލެންޖުތަކެއް ހުރި، ތަފާތު ތަމްރީނާއި ސާމާނު ބޭނުންވާ ކަމެއް. އެމީހުން ވ. އަތޮޅަށް ޑައިވް ކުރާ ކަމަށް އޮތަސް، ސީދާ އެ ކަނޑޫއޮޅީގެ އެ ލޮކޭޝަނަށް ޑައިވް ކުރާނެ ވާހަކައެއް ނެތް،“ މުންދު ވިދާޅުވިއެވެ.
މި ހާދިސާގައި މަރުވި މީހުންގެ ހަށިގަނޑުތައް ހޯދުމަށް ފިންލޭންޑުގެ ތަޖުރިބާކާރުންނާއި، އެމްއެންޑީއެފް ކޯސްޓްގާޑުގެ އިތުރުން ދިވެހި ކުންފުނިތައް ކަމަށްވާ ފޯސައިޓް އާއި ވޯޓާ ސޮލިއުޝަން ގުޅިގެން ވަނީ ބޮޑު އޮޕަރޭޝަނެއް ހިންގާފައެވެ. މި އޮޕަރޭޝަނުގެ ތެރެއިން ހުރިހާ ހަށިގަނޑެއް މިހާރު ވަނީ ހޮހޮޅައިން ނަގައި، މާލެ ގެނެސްފައެވެ.
މުންދު ވިދާޅުވީ މިހާރު ސާޗް އެންޑް ރެސްކިއު އޮޕަރޭޝަން ނިމިފައިވާ ކަމަށާއި، ދެން ކުރިއަށްދާނީ ހަށިގަނޑުތައް އިޓަލީއަށް ފޮނުވުމުގެ މަސައްކަތް ކަމަށެވެ. އެމްއެންޑީއެފުން ބުނި ގޮތުގައި މަރުވި މީހުންގެ ހަށިގަނޑުތައް ފެނިފައިވަނީ ހޮހޮޅައިގެ ތެރެއަށް ވަރަށް ބޮޑަށް ވަދެފައި އޮއްވައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ