އީރާން ހަނގުރާމައިގެ ބާރުތަކާ ބެހޭ ވޯޓު އެމެރިކާގެ މަޖިލީހުން ކެންސަލްކޮށްފި

އެމެރިކާގެ ގާނޫނުހަދާ މަޖިލީހުގެ ތިރީގެ (ހައުސް އޮފް ރެޕްރެޒެންޓެޓިވްސް) ގެ ރިޕަބްލިކަން ލީޑަރުން، ކޮންގްރެސްގެ ހުއްދަނެތި ޑޮނަލްޑް ޓްރަމްޕް އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ހުއްޓުވުމަށް ފާސްކުރަން އުޅުނު ގަރާރެއްގެ ވޯޓު ކުއްލި ގޮތަކަށް ކެންސަލްކޮށްފިއެވެ.
މީގެ ކުރިންވެސް ހައުސްއިން ވަނީ ހަނގުރާމައިގެ ބާރުތައް ހިފެހެއްޓުމަށް ތައްޔާރުކުރި ތިން ގަރާރެއް ފާސްނުކޮށް ހިފަހައްޓާފައެވެ. ނަމަވެސް، ފާއިތުވި ހަފުތާތަކުގައި އެމެރިކާއާއި އިސްރާއީލުން ގުޅިގެން އީރާނަށް ދެމުންދާ ހަމަލާތަކާ ގުޅިގެން، ޓްރަމްޕްގެ ސިޔާސަތުތަކަށް އޮތް ތާއީދު ކުޑަވެ، މިފަހަރުގެ ގަރާރު ފާސްވާނެ ކަމުގެ ބޮޑު ޔަގީންކަމެއް އޮތެވެ.
ޑިމޮކްރެޓުންނާއި ރިޕަބްލިކަން ޕާޓީގެ ބައެއް މެމްބަރުން ދެކޭގޮތުގައި، ގާނޫނުއަސާސީން ހަނގުރާމަ އިއުލާނުކުރުމުގެ ބާރު ދީފައިވަނީ ކޮންގްރެސްއަށެވެ. އެހެންކަމުން ސާފު ސްޓްރެޓެޖީއެއް ނެތި ޓްރަމްޕް އެމެރިކާ ބޮޑު ހަނގުރާމައެއްގެ ތެރެއަށް ވައްދަމުންދާތީ އެ ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރެއެވެ. ނަމަވެސް ވައިޓް ހައުސްއާއި ރިޕަބްލިކަން ޕާޓީގެ އަޣުލަބިއްޔަތުން ބުނަމުންދަނީ މިއީ ކުރިމަތިވަމުންދާ ނުރައްކާތަކުން ގައުމު ދިފާއުކުރުމަށް ޓްރަމްޕަށް ލިބިގެންވާ ގާނޫނީ ބާރެއް ކަމަށެވެ.
މިދިޔަ އަންގާރަ ދުވަހު ސެނެޓުން ވަނީ ޓްރަމްޕްގެ ނިންމުންތަކާ ދެކޮޅަށް ވޯޓެއް ނަގައި، މިފަދަ ގަރާރެއް ކުރިއަށް ގެންދަން 50 ވޯޓު 47 ވޯޓުން ފާސްކޮށްފައެވެ. މި ވޯޓުގައި ރިޕަބްލިކަން ޕާޓީގެ ހަތަރު ސެނެޓަރުންވެސް ޓްރަމްޕާ ދެކޮޅަށް ޑިމޮކްރެޓުންނާ ގުޅިގެން ވޯޓު ދީފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ