ރާއްޖޭގެ ކުޅިތައް ހިމާޔަތްކުރަން 4 މިލިއަން ޔޫރޯގެ ހިލޭ އެހީއެއް

"މުޖުތަމައު ބައިވެރިކޮށްގެން ރާއްޖޭގެ ކުޅިތައް ހިމާޔަތްކޮށް އާލާކުރުން" މި ނަމުގައި ހިންގާ މަޝްރޫއުގެ ފައިނޭންސިން އެއްބަސްވުމުގައި ދިވެހިރާއްޖެ އާއި ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާއި ދެމެދު ފައިނޭންސިންގ އެއްބަސްވުމެއްގައި ސޮއި ކޮށްފިއެވެ. މިއީ މޫސުމީ ބަދަލުތަކުން އަރައިގަތުމުގެ ގާބިލުކަން އިތުރުކުރުމަށާއި، ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމަށް ކުރާ މަސައްކަތްތަކަށް އެހީތެރިވުމުގެ ގޮތުން ދިވެހިރާއްޖެއާއި އީޔޫ އާއި ދެމެދު ކުރެވުނު އެއްބަސްވުމެކެވެ.
ދިވެހި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ޚާރިޖީ ވުޒާރާގެ ސްޓޭޓް މިނިސްޓަރު ޝެރީނާ އަބްދުއްސަމަދެވެ. އީޔޫގެ ފަރާތުން ސޮއިކުރެއްވި އެއްބަސްވުން ދިވެހި ސަރުކާރާ ހަވާލުކޮށްދެއްވީ، އީޔޫއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މާރިއާ ކާމެން މޮރޭނޯ ރޭމުންޑޯގެ ފަރާތްޕުޅުން، އީޔޫ ޑެލިގޭޝަންގެ ހެޑް އޮފް ކޯޕަރޭޝަން ޑރ. ޖޮހާން ހެސޭއެވެ. މި ރަސްމިއްޔާތުގައި ފޮރިން މިނިސްޓްރީގެ އިސް ބޭފުޅުންނާއި އީޔޫ ޑެލިގޭޝަންގެ މަންދޫބުން ބައިވެރިވެވަޑައިގަތެވެ.
މި އެއްބަސްވުމުގެ ދަށުން، އީޔޫ އިން ދިވެހިސަރުކާރަށް 4 މިލިއަން ޔޫރޯގެ ހިލޭ އެހީއެއް ދޭނެއެވެ. މި ފައިސާ ޚަރަދުކުރުމަށް ހަމަޖެހިފައިވަނީ، ދިރުންތައް ރައްކާތެރިކުރުމަށާއި، އައްސޭރިފަށް ހިމާޔަތްކުރުމުގެ އިތުރުން މޫސުމީ ބަދަލުތަކުގެ އަސަރު ކުޑަކުރުމުގައި ކުޅިތަކުން އަދާކުރާ ދައުރު ފުޅާކުރުމަށެވެ. މި މަސައްކަތްތައް ކުރިއަށް ގެންދާނީ ރަށު ފެންވަރުގައި މުޖުތަމައުގެ ބައިވެރިވުމާއެކުގައެވެ.
މިކަމާއި ގުޅިގެން ފޮރިން މިނިސްޓްރީއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، މި އެހީއަކީ ޕެރިސް އެގްރީމަންޓްގެ ދަށުން ރާއްޖެއިން ކަނޑައަޅާފައިވާ ނޭޝަނަލީ ޑިޓަމިންޑް ކޮންޓްރިބިއުޝަންސް (އެންޑީސީ) 3.0 ތަންފީޒުކުރުމަށް ލިބިގެންދާ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. ހާއްސަކޮށް އައްސޭރިފަށުގެ ސަރަހައްދުތަކުގައި ގުދުރަތީ ވަސީލަތްތައް ބޭނުންކޮށްގެން މޫސުމީ ބަދަލުތަކަށް ހޭނުމަށް ރައްޔިތުން އިސްވެ ކުރާ މަސައްކަތްތަކަށް މިކަމުގެ ސަބަބުން ބާރުލިބިގެންދާނެކަމަށްވެސް ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ.
މި މަޝްރޫއުގެ ސަބަބުން ތިމާވެށި ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށް ރަށު ފެންވަރުގައި ހުރި ގާބިލުކަން އިތުރުވެގެންދާނެ ކަމަށް ފޮރިން މިނިސްޓްރީ އިން ލަފާކުރެއެވެ. ރާއްޖޭގެ ރަށްރަށުގެ ފެންފަށަލަ ހިމާޔަތްކުރުމުގައާއި، އުދައެރުން ފަދަ ކާރިސާތަކުން ރަށްރަށް ސަލާމަތްކުރުމުގައި ކުޅިތަކާއި ފުރަބަދަތައް މުހިންމު ދައުރެއް އަދާކުރާއިރު، ނާޒުކު ތިމާވެށީގެ ނިޒާމުތައް ހިމާޔަތްކުރުމުގައި އާންމުންގެ ބައިވެރިވުން މި މަޝްރޫއުގެ ތެރެއިން އިތުރުވެގެންދާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ