ފީފާ ވާރލްޑް ކަޕް 2026: އެމެރިކާ ޕްރިވިއު

އަމިއްލަ ގައުމުގައި ދެވަނަ ފަހަރަށް ވޯލްޑްކަޕް ބާއްވާއިރު އެމެރިކާ އިން މި ފަހަރުގެ މުބާރާތާއި ކުރިމަތިލަނީ މުބާރާތުގައި ރަގަޅު ނަތީޖާއެއް ހޯދުމުގެ އަޒުމުގަ އެވެ.
ފީފާ ވޯލްޑްކަޕްގައި އެމެރިކާ އިން ފުރަތަމަ ފަހަރަށް ވާދަކޮށްފައިވަނީ 1934 ވަނަ އަހަރު އިޓަލީގައި ބޭއްވި ވޯލްޑްކަޕްގަ އެވެ. އޭގެ ފަހުން 1950 ވަނަ އަހަރު ވޯލްޑްކަޕަށް ކޮލިފައިވީ ނަމަވެސް 1990 ވަނަ އަހަރާއި ހަމައަށް އެމެރިކާ ވޯލްޑްކަޕްގައި ވާދަކޮށްފަ އެއް ނުވެއެވެ.
11 ވަނަ ފަހަރަށް ވޯލްޑްކަޕްގައި އެމެރިކާ އިން ވާދަކުރާއިރު މިއީ ވޯލްޑްކަޕް އަމިއްލަ ގައުމުގައި ބާއްވާ ދެވަނަ ފަހަރެވެ. 1994 ވަނަ އަހަރުގެ ވޯލްޑްކަޕް އަމިއްލަ ގައުމުގައި ބޭއްވި ނަމަވެސް އެ ފަހަރުގެ މުބާރާތުގެ ދެވަނަ ބުރުން އެމެރިކާ އިން ވަނީ ފުރުސަތު ހޯދާފަ އެވެ.
ވޯލްޑްކަޕްގައި އެމެރިކާއަށް މިހާތަނަށް ހޯދިފައިވާ އެންމެ ބޮޑު ކާމިޔާބަކީ 2002 ވަނަ އަހަރު ކޮރެއާ އާއި ޖަޕާނުގައި ބޭއްވި ވޯލްޑްކަޕްގެ ކުއާޓަރ ފައިނަލުން ފުރުސަތު ހޯދުމެވެ. 2018 ވަނަ އަހަރު ރަޝިޔާގައި ބޭއްވި ވޯލްޑްކަޕަށް އެ ގައުމު ކޮލިފައިނުވި ނަމަވެސް ގަތަރުގައި 2022 ވަނަ އަހަރު ބޭއްވި ވޯލްޑްކަޕްގެ ދެވަނަ ބުރުގެ ޖާގައެއް އެމެރިކާ އިން ވަނީ ހޯދާފަ އެވެ.
އަމިއްލަ ގައުމުގައި ބާއްވާ ވޯލްޑްކަޕްގައި ރަގަޅު ނަތީޖާތަކެއް މި ފަހަރު ހޯދުމަށް އެމެރިކާ އިން ވަނީ ދުރާލާ ވަރަށް ބޮޑަށް ޓައްޔާރުވާން ފަށާފަ އެވެ. އެގޮތުން 2024 ވަނަ އަހަރު އެ ޓީމުގެ ކޯޗެއްގެ ގޮތުގައި ހުރި ވިކީ ވަރާސް މަގާމުން ވަކިކޮށް އާޖެންޓީނާގެ ތަޖުރިބާކާރު ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ވަނީ ކޯޗެއްގެ ގޮތުގައި ހަމަޖައްސާފަ އެވެ.
ޕޮޗެޓީނޯގެ އިރުޝާދުގެ ދަށުން އެމެރިކާއިން ކުޅުނު 16 ވަރަކަށް މެޗުގެ ތެރެއިން 10 މެޗުން އެ ޓީމު ވަނީ މޮޅުވެފަ އެވެ. ނަމަވެސް ވޯލްޑްކަޕް ފެށެން ވަގުތު ކުޑަވިއިރު މި އަހަރުގެ ތެރޭގައި އެމެރިކާ އިން ކުޅުނު އެކުވެރިކަމުގެ ހަތަރު މެޗުގެ ތެރެއިން ތިން މެޗުން ވަނީ ބަލިވެފަ އެވެ. އެއީ ބެލްޖިއަމް އަތުން 5-2 ގެ ނަތީޖާއަކުން ބަލިވެފައިވާއިރު ޕޯޗުގަލް އާއި ދެކޮޅަށް ކުޅުނު މެޗުންވެސް ވަނީ 2-0 ގެ ނަތީޖާއަކުން ބަލިވެފަ އެވެ. އަދި ވޯލްޑްކަޕް ފެށެން ހަފްތާއެއްހާ ދުވަހަށް ވެފައިވަނިކޮށް ޖަރމަން އާއި ދެކޮޅަށް ކުޅުނު މެޗުންވެސް ވަނީ 2-1 ގެ ނަތީޖާއަކުން ބަލިވެފަ އެވެ. އެމެރިކާ މޮޅުވެފައިވާ ހަމައެކަނި މެޗަކީ ސެނެގާލް އަތުން 3-2 ގެ ނަތީޖާއަކުން މޮޅުވި މެޗެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ