އިންޑިއާގައި ވަރަށް ބޮޑަށް ވައިރަލްވެފައިވާ 'ކޮކްރޯޗު ޖަންތާ ޕާޓީ' ހަރަކާތުގެ ބާނީ އަބީޖީތު ދިޕްކޭ، ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ސަރުކާރާ ދެކޮޅަށް އެ ހަރަކާތުން ބާއްވާ ފުރަތަމަ މަގުމަތީ މުޒާހަރާ އިސްކޮށް ބޭއްވުމަށް، މިދިޔަ ދެ އަހަރު އެމެރިކާގައި ދިރިއުޅުމަށް ފަހު މިއަދު ނިއުދިއްލީއަށް އަތުވެއްޖެ އެވެ.
ތައުލީމާ ބެހޭ ވަޒީރު ދަރުމެންދުރަ ޕްރަދާންގެ އިސްތިއުފާއަށް ގޮވާލައި މުޒާހަރާގެ ބައިވެރިން އަޑުއުފުލަމުންދާއިރު، ޖަންތަރު މަންތަރު ސަރަހައްދު ވަށައިގެން ގިނަ އަދަދެއްގެ ފުލުހުން ފާރަވެރިވުމަށް ވަނީ ނެރެފަ އެވެ. އެ ސަރަހައްދަށް ވަންނަން ހުރި މަގުތަކުގައި ވަނީ ބެރިކޭޑް ޖަހާފަ އެވެ.
މި މުޒާހަރާއަކީ، މިދިޔަ މަހު އުފެއްދި ފަހުން އިންސްޓަގްރާމްގައި 22 މިލިއަނެއްހާ ފޮލޯވަރުން ހޯދާފައިވާ މި އޮންލައިން ހަރަކާތުން އާންމުން މަގުމައްޗަށް ނެރެގެން ބާއްވާ ފުރަތަމަ ބޮޑު އެއްވުމެވެ.
މި ޖަމާއަތް ވެގެން ގޮސްފައިވަނީ ގައުމުގައި އޮތް ވަޒީފާ ނެތް މީހުންގެ މަތީ ރޭޓާއި ތަކުރާރުކޮށް އިމްތިހާނު ކަރުދާސްތައް ލީކުވަމުންދާ މައްސަލައިގައި ޒުވާނުންގެ މެދުގައި އޮތް ހިތްހަމަނުޖެހުންތައް ފާޅުކުރާ މައިގަނޑު ޕްލެޓްފޯމަށެވެ.
މިދިޔަ އެޕްރީލް މަހު އިންޑިއާގެ ސިޓީތަކުގެ ޒުވާނުންގެ ވަޒީފާ ނެތް ނިސްބަތް %14އާ ގާތްކުރާއިރު، ޔުނިވަސިޓީތަކުން ދަސްވެނިވާ ގިނަ ޒުވާނުންނަށް އަދިވެސް މަޖުބޫރުވެފައިވަނީ ކުޑަ މުސާރަ ލިބޭ ނުވަތަ ރައްކާތެރިކަމެއް ނެތް ވަޒީފާތައް އަދާކުރުމަށެވެ.
އިންޑިއާ ސަރުކާރުން ވަނީ މި ހަރަކާތުގެ އެކްސް އެކައުންޓް އެ ގައުމުގައި ބްލޮކްކޮށްފަ އެވެ. މި ނިންމުން އެ ޖަމާއަތުން މިހާރު ވަނީ ކޯޓަށް ހުށަހަޅާފަ އެވެ.
ސަރުކާރުގެ ސީނިއާ މިނިސްޓަރު ކިރެން ރިޖީޖޫ ވަނީ، މި ހަރަކާތަކީ ޕާކިސްތާނުގެ އެހީތެރިކަން ހޯދަން އުޅޭ އަދި އިންޑިއާއާ ދެކޮޅު ގޭންގަކަށް ނިސްބަތްވާ ބައެއް ކަމަށް ތުހުމަތު ކުރައްވާފަ އެވެ.
މުޒާހަރާގެ ތެރެއިން ވާހަކަދައްކަވަމުން ތަރުޖަމާނު އަޝުތޯޝް ރަންކާ ވިދާޅުވީ މިއީ ގައުމުގެ ޒުވާނުންނަށްޓަކައި ބާއްވާ ސުލްހަވެރި ހަރަކާތެއް ކަމަށެވެ. އަދި ދިޕްކޭ ހުރީ އިންޑިއާގެ ސިޔާސަތުގައި ބޮޑު ދުވަހަކަށް ތައްޔާރަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ސިޔާސީ މާހިރުން ބުނާ ގޮތުގައި، މި ހަރަކާތް ހަލުވިކަމާ އެކު ކުރިއަރަމުންދިއުމުގެ ސަބަބުން ސަރުކާރަށް ވަނީ އަސަރުކުރަން ފަށާފަ އެވެ. މިއީ ވަޒީފާގެ ފުރުސަތުތައް މަދުވުމާއި ތެލުގެ އަގު ބޮޑުވުމާ އަދި އީރާނުގެ ހަނގުރާމައިގެ ސަބަބުން އިގްތިސާދަށް ކުރާ ނޭދެވޭ އަސަރުތަކާ ހެދި ޒުވާނުންގެ މެދުގައި ކަންބޮޑުވުންތައް އިންތިހާއަށް އިތުރުވަމުންދާ ދަނޑިވަޅެއްގަ އެވެ.
މޯދީއާ ދެކޮޅަށް މުޒާހަރާކުރުމަށް ޒުވާނުންގެ 'ކުރަފި' ހަރަކާތުގެ ބާނީ އިންޑިއާއަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ