ހުއްދަ ނެތި ޓީވީ ސްޓޭޝަނެއް ހިންގި މައްސަލައެއްގައި ލަންކާ އިން ދިވެއްސަކު ހައްޔަރުކޮށްފި

ހުއްދަ ނެތި ޓީވީ ސްޓޭޝަނެއް ހިންގި މައްސަލައެއްގައި ލަންކާ އިން ދިވެއްސަކު ހައްޔަރުކޮށްފިއެވެ.
ލަންކާގެ ރަތުމަލާނާ އިންޓަނޭޝަނަލް އެއާޕޯޓް ކައިރީގައި އޮންނަ ހައި-ސެކިއުރިޓީ ޒޯނެއްގެ ތެރޭގައި، ޤަވާއިދާ ޚިލާފަށް ޓީވީ އަދި ރޭޑިއޯ ޗެނަލްތައް ބްރޯޑްކާސްޓްކުރާ މަރުކަޒެއް ހިންގަމުންދިޔަ ދެ މީހަކު އެޤައުމުގެ ފުލުހުން ހައްޔަރުކޮށްފިއެވެ. ހައްޔަރުކުރި ދެ މީހުންގެ ތެރޭގައި ދިވެހިރާއްޖޭގެ ރައްޔިތަކުވެސް ހިމެނެއެވެ.
މައުންޓް ލެވީނިއާ ޑިވިޜަނަލް ކްރައިމް އިންވެސްޓިގޭޝަން ބިއުރޯއާއި އެޤައުމުގެ ޓެލެކޮމިއުނިކޭޝަންސް އޮތޯރިޓީ ގުޅިގެން މި ރެއިޑް ކުރިއަށްގެންދިޔައީ، އާއްތިދިޔާ ސަރަޙައްދުގައި ޝައްކުކުރެވޭ ބްރޯޑްކާސްޓިންގ ހަރަކާތްތަކެއް ހިނގަމުންދާކަމަށް ލިބުނު އިންޓެލިޖެންސް މައުލޫމާތަކާ ގުޅިގެންނެވެ. ލަންކާ ފުލުހުން ބުނި ގޮތުގައި، މި މަސައްކަތް ސިއްރުން ހިންގަމުން އައީ ޓްރެވަލް ކުންފުންޏެއްގެ ނަމުގައެވެ.
ފުލުހުން ބުނީ މި އޮޕަރޭޝަނުގައި ފުލުހުން ވަނީ ގާތްގަނޑަކަށް 50 މިލިއަން ލަންކާ ރުޕީސްގެ އަގުހުރި މުވާސަލާތީ ސާމާނު އަތުލައިގަނެފައިވާ ކަމަށެވެ. އޭގެ ތެރޭގައި ސެޓެލައިޓް ރިސީވަރުތަކާއި، ސެޓެލައިޓް ޑިޝްތަކާއި، ކޮމްޕިއުޓަރުތަކާއި، ސްޓާލިންކް ޔުނިޓެއްގެ އިތުރުން ގިނަ އަދަދެއްގެ ޓްރާންސްމިޝަން ޑިވައިސްތައް ހިމެނެއެވެ.
މި ގްރޫޕުން އަމިއްލަ ޓެލެކޮމް ކުންފުންޏަކުން ޑޭޓާ ސާވިސް ހޯދައިގެން، ސެޓެލައިޓް މެދުވެރިކޮށް ޓީވީ ޗެނަލްތައް ޑައުންލޯޑް ކުރާކަމަށް ފުލުހުން ބުންޏެވެ. އަދި އެއަށްފަހު، އެއްވެސް ހުއްދައެއް ނެތި ލަންކާގެ އެކި ހިސާބުތަކަށާއި ރާއްޖޭން ބޭރުގެ ސަބްސްކްރައިބަރުންނަށް މި ޓީވީ އަދި ރޭޑިއޯ ބްރޯޑްކާސްޓްތައް ފޯރުކޮށްދެމުންދިޔަކަމަށެވެ.
ހައްޔަރުކުރި މީހުންގެ މައުލޫމާތު ފުލުހުން އަދި ރަސްމީކޮށް ހާމައެއް ނުކުރެއެވެ. ލަންކާ ފުލުހުން ބުނީ މި ނެޓްވޯކްގެ ފުޅާ މިނާއި، މާލީ މުޢާމަލާތްތައް ހިނގާފައިވާ ގޮތުގެ އިތުރުން، މިކަމުގައި އިތުރު ބަޔަކު ބައިވެރިވާތޯ ބެލުމަށް ޚާއްޞަ ތަޙުޤީޤެއް މިހާރު ކުރިއަށްދާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ