ރާއްޖޭގެ ފުޓްބޯޅަ އަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި މާދަމާ ރާއްޖޭގައި ފަށާ ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް މުބާރާތުގައި ވާދަކުރާ އަފްގާނިސްތާން ޓީމަކީ މުބާރާތުގެ ފޭވަރިޓޭ ބުނަން އުނދަގޫ ކަމަށާއި އެހެން ނަމަވެސް އެ ޓީމުގެ އަމާޒަކީ މުބާރާތުގެ ފައިނަލަށް ދަތުރުކުރުން ކަމަށް އަފްގާނިސްތާންގެ ކޯޗު، ބްރެޒިލްގެ ހޯސޭ އެންޓޯނިއޯ ނޮގޭރާ ބުނެފި އެވެ.
އަފްގާނިސްތާން އަށް ޑައިމަންޑް ޖުބިލީ މުބާރާތުން ޖާގަ ލިބުނީ، ސްރީ ލަންކާ މުބާރާތުން ވަކިވުމުންނެވެ. އަފްގާނިސްތާން އާއި ރާއްޖޭގެ އިތުރުން ދެން، މި މުބާރާތުގައި ކުޅެނީ ބަންގްލަދޭޝް އާއި ޕާކިސްތާން އެވެ.
ކުރިން ސާފް ޗެމްޕިއަންޝިޕްގައި ކުޅެ، ރާއްޖޭގައި ބޭއްވި އޭއެފްސީ ޗެލެންޖު ކަޕްގައި ވެސް ކުޅުނު އަފްގާނިސްތާން ޓީމަކީ، ޔޫރަޕްގެ އެކި ގައުމުތަކުގައި ކުޅޭ ކުޅުންތެރިން ގިނަ ޓީމެކެވެ. އެ ޓީމުން މުބާރާތް ފަށާ މެޗުގައި ބައްދަލުކުރަނީ ރާއްޖެއާ އެވެ. އެ މެޗު އޮތީ މާދަމާ ރޭ 9 ޖަހާއިރު ގަ އެވެ.
ޑައިމަންޑް ޖުބިލީ މުބާރާތުގެ ކުރިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ނޮގޭރާ ބުނީ، ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަކީ އޭނާ ހަވާލުވި ފަހުން އަފްގާނިސްތާން ކުޅޭ ތިން ވަަނަ މެޗު ކަމަށްވުމުން، އޭނާ އަށް އެ ޓީމުގައި އާ ކަންތައްތަކެއް ހުންނާނެ ކަމަށެވެ. އަދި، އަފްގާނިސްތާން ޓީމު އެއްކޮށް އޭނާ އަށް ލިބުނީ ރާއްޖެ އައި ފަހުން ކަމަށާއި އެހެންކަމުން، ފުރަތަމަ މެޗުގައި ރަނގަޅަށް ތައްޔާރުވެފައި އޮތް ރާއްޖޭގެ ޓީމާ ދެކޮޅަށް ކުޅުމަކީ ޗެލެންޖެއް ކަމަށް ނޮގޭރާ ވަނީ ބުނެފަ އެވެ.
އަފްގާނިސްތާނަކީ މުބާރާތުގެ ފޭވަރިޓޭ ބުނަން އުނދަގޫ ކަމަށް ނޮގޭރާ ވަނީ ފާހަގަކޮށްފަ އެވެ.
"އަހަރެމެން މި އައީ ވަޒީފާއެއް އަދާކުރަން، ފުރަތަމަ މެޗު ވެސް މި އޮތީ މުބާރާތް ބާއްވާ ގައުމާ ދެކޮޅަށް. ވަރަށް ރަނގަޅަށް މި މުބާރާތަށް ތައްޔާރުވެފައި އޮންނާނެ ޓީމަކާ ދެކޮޅަށް. އަހަންނަށް އެނގޭ ވަރަށް އުނދަގޫވާނެކަން މި މެޗު އަހަރެމެންނަށް. ދެން، އެ މެޗަށް ފަހު ދެން މި އޮތީ، ބަންގްލަދޭޝް އާއި ޕާކިސްތާނާ ދެކޮޅަށް ކުޅެން ވެސް އުނދަގޫ ދެ މެޗު. އިންޝާﷲ އަހަރެމެން ފައިނަލަށް ދާނެ. އަހަރެމެން ދެން ވެސް ބައްދަލުކުރިއްޔާ ރަނގަޅު،" ނޮގޭރާ ބުންޏެވެ.
ނޮގޭރާ ވަނީ މީގެ ކުރިން، 2018 އާއި 2019 ވަނަ އަހަރު ޕާކިސްތާންގެ ކޯޗަކަށް މަސައްކަތްކޮށްފަ އެވެ. އެ ގޮތުން، އެ ފަހަރު ނޮގޭރާ ވަނީ ދިގު މުއްދަތަކަށް ފަހު، ޕާކިސްތާނުން އެކުލަވާލި ގައުމީ ޓީމު ގޮވައިގެން ރަނގަޅު މަސައްކަތްތަކެއް ކޮށްފަ އެވެ. އެ ގޮތުން، 13 އަހަރަށް ފަހު، ޕާކިސްތާނަށް ސާފް ޗެމްޕިއަންޝިޕް ސެމީ ފައިނަލުން ޖާގަ ހޯދައިދިނީ ނޮގޭރާގެ ކޯޗުކަމުގަ އެވެ. އެކަމަކު، ވިއްސާރަ ދުވަހަކު ކުޅުނު ސެމީ ފައިނަލް މެޗުގައި 2-1 އިން އިންޑިއާ އަތުން ބަލިވެ ޕާކިސްތާން ކެޓީ އެވެ.
ސާފް ސަރަަހައްދުގެ ފުޓްބޯޅައިގެ ތަޖުރިބާ އޭނާ އަށް ވަރަށް ރަނގަޅަށް ލިބިފައިވާ ކަމަށެވެ. އަދި، ސާފް ސަރަަހައްދެކޭ އެއްގޮތަށް މިހާރު އަފްގާނިސްތާނުން ކުޅެމުން އަންނަ ކާފާ ސަރަހައްދަކީ ވެސް ވަރުގަދަ ގައުމުތަކެއް ހިމެނޭ ސަރަހައްދެއް ކަމަށް ނޮގޭރާ ވަނީ ބުނެފަ އެވެ.
"މި ދައްކަނީ ގައުމުތުައް ވާދަކުރާ އިންޓަނޭޝަނަލް ފުޓްބޯޅައެއްގެ ވާހަކަ. ކޮންމެ ޓީމެއް ކޮންމެ ޓީމަކަށް ވެސް އިހުތިރާމް ކުރަން ޖެހޭނެ. ހަމަ އެ ގޮތަށް ރަނގަޅަށް ކުޅެގެން މޮޅުވާނީ، އެކަން ވެސް ދަންނަންޖެހޭ،" ނޮގޭރާ ބުންޏެވެ.
ރާއްޖޭގެ ފުޓްބޯޅަ ތާރީހުގައި ވެސް އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ، އަލީ އަޝްފާގު (ދަގަނޑޭ) ވެސް ޓީމުގައި އެބަަހުރި ކަމަށާއި އޭނާ އުމުރުން ދުވަސްވެފައި ހުރި ކަމުގައި ވިޔަސް ހުނަރަށް ބަލާނަމަ މޮޅުވާނެ ކަމަށް ނޮގޭރާ ވަނީ ބުނެފަ އެވެ.
ފޭވަރިޓް ކަމަށް ބުނަން އުނދަގޫ، އަފްގާނިސްތާންގެ އަމާޒު ފައިނަލަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ