ދުންފަތުގެ އިމްޕޯޓް ޑިއުޓީ ހަތަރު ރުފިޔާއަށް ކުޑަކުރުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ލަފާދީފައިވާތީ، އެ ބަދަލު ގެނައުމާ މެދު ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގެ މެދުގައި މަޝްވަރާކުރަން ނިންމާފައިވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ. މިކަން ހާމަކުރެއްވީ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހާ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
މިނިސްޓަރު އިހުސާން ވިދާޅުވީ، މީގެ ކުރިން ވޭޕް މަނާކުރުމާ ގުޅިގެން ސިނގިރޭޓް ބޯ މިންވަރު އިތުރުވެދާނެތީ، ޑިއުޓީ ރޭޓް 3.30 ރުފިޔާއިން 8 ރުފިޔާއަށް ބޮޑުކުރި ކަމަށެވެ. އެއީ ވޭޕް ބޭނުންކުރާ މީހުން ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ތެރެއަށް ވަދެގެން ގޮސްދާނެ ކަމަށް އޭރު ލިބިފައިހުރި ދިރާސާތަކާއި ތަޖުރިބާކާރުންގެ ލަފާގެ މަތިން ނިންމި ނިންމުމެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ވޭޕް މަނާކުރަން ޖެހުނު ސަބަބުތަކަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރު ވިދާޅުވީ، އޭރު ވޭޕްގެ ތެރޭގައި މަސްތުވާތަކެތި ހިމަނައިގެން ބޭނުންކުރާ މިންވަރު އިތުރުވެ، ޖީލެއް މަސްތުވާތަކެތީގެ ތެރެއަށް ވަދެގެންދާތީ ބެލެނިވެރިންގެ ބޮޑު ކަންބޮޑުވުމެއް އޮތް ކަމަށެވެ. އެހެންކަމުން ޑިއުޓީ ބޮޑުކުރުމަކީ ދުންފަތް ކޮންޓްރޯލް ކުރުމަށް ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް ބޭނުންކުރާ ވަސީލަތެއް ކަމަށް ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، މިހާރު ލިބިފައިވާ ދިރާސާތަކުން، ހާއްސަކޮށް ޑަބްލިއުއެޗްއޯގެ ރިކޮމެންޑޭޝަނަކީ ރާއްޖޭގެ ޑިއުޓީ ރޭޓް 4 ރުފިޔާގައި ކަނޑައެޅުން ކަމަށެވެ. ”އޭރު 8 ރުފިޔާއަށް ބަދަލުކުރި ކުރުމަކީ ޓޮބޭކޯ ކޮންޓްރޯލް ކުރުމަށްވުރެ ބޮޑަށް ވޭޕް މަނާކުރުމުން ދިމާވެދާނެ ކަންކަމަށް ބަލާފައި ނިންމި ނިންމުމެއް“ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ޑިއުޓީ ރޭޓަށް ބަދަލު ގެނައުމުގެ ކުރިން ކަމާބެހޭ ހުރިހާ ސްޓޭކްހޯލްޑަރުންނާ މަޝްވަރާކުރާނެ ކަމަށާއި، އެންމެން އެއްބަސްވާ ނަމަ ގާނޫނަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. ނަމަވެސް، ދާދި ފަހުން ރައީސުލްޖުމްހޫރިއްޔާ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ޑިއުޓީ ކުޑަކުރުމުގެ ވިސްނުމެއް މިވަގުތު ނެތް ކަމަށް ވިދާޅުވެފައިވާކަން ފާހަގަކުރެވެއެވެ.
ސިގެރެޓް ޑިއުޓީ ކުޑަކުރުން ސަރުކާރުން ޑަބްލިއު.އެޗް.އޯ ބޮލަށް! 8ރ. އިން 4ރ. އަށް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ