ޗެމްޕިއަންސް ލީގުގެ ފައިނަލްގައި އާސެނަލް ބަލިކޮށް ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އިން މުބާރާތް ކާމިޔާބުކުރުމާ ގުޅިގެން، ފްރާންސްގެ އެކި ސަރަހައްދުތަކުގައި ފުޓްބޯޅަ ސަޕޯޓަރުންނާއި ފުލުހުންގެ މެދުގައި ހިނގި ކުރިމަތިލުންތަކުގައި ޖުމްލަ 219 މީހަކަށް އަނިޔާވެއްޖެ އެވެ.
ފްރާންސްގެ އިންޓީރިއާ މިނިސްޓަރު ލޯރެންޓް ނޫނޭޒް ވިދާޅުވި ގޮތުގައި އަނިޔާވި މީހުންގެ ތެރެއިން އަށް މީހެއްގެ ހާލު ސީރިއަސް އެވެ. ވެރިރަށް ޕެރިހުގެ ބަހާއި ރޭލުގެ ހިދުމަތްތަކަށް ބުރޫއެރި މި ހަމަނުޖެހުންތައް ކޮންޓްރޯލް ކުރުމަށް އެތައް ހާސް ފުލުހުންނެއް ހަރަކާތްތެރިވިއިރު، އޭގެ ތެރެއިން 57 ފުލުހަކަށް ވަނީ އެކިވަރުގެ އަނިޔާ ލިބިފަ އެވެ.
މި ހަމަނުޖެހުންތަކާ ގުޅިގެން 780 މީހުން ހައްޔަރުކޮށްފައިވާ ކަމަށާއި، އޭގެ ތެރެއިން 450 އަށް ވުރެ ގިނަ މީހުން ތިބީ ފުލުހުންގެ ބަންދުގައި ކަމަށް ނޫނޭޒް ވިދާޅުވި އެވެ. މީގެ އިތުރުން، ހަމަނުޖެހުން ހިންގި މީހުން ބަންދުކުރަން މަސައްކަތް ކުރި ޕެރިހުގެ ރިންގް ރޯޑުގައި ހިނގި އެކްސިޑެންޓެއްގައި އެކަކު މަރުވެފައި އޮއްވާ ވަނީ ފެނިފަ އެވެ.
އާދިއްތަ ދުވަހު އައިފަލް ޓަވަރު ސަރަހައްދުގައި ބޭއްވުމަށް ހަމަޖެހިފައިވާ ކާމިޔާބީގެ އުފާފާޅުކުރުމުގެ ޕެރޭޑަށް ގާތްގަނޑަކަށް 6،000 ފުލުހުން ވަނީ ތައްޔާރުވެފަ އެވެ.
އިންޓީރިއާ މިނިސްޓަރު ވިދާޅުވީ ސަލާމަތީ ބާރުތަކުން ހަމަނުޖެހުންތަކަށް ދޭ ރައްދު "ވަރުގަދަ" ވާނެ ކަމަށެވެ.
"އަޅުގަނޑުމެންނަކީ އާންމު ނިޒާމު ދެމެހެއްޓުމުގައި ނަމޫނާ ގައުމެއް. އެއްވެ އުޅުމުގެ މިނިވަންކަން އަޅުގަނޑުމެން ދެން، ނަމަވެސް ހައްދުފަހަނަޅައި ދިއުމަކަށް ފުރުސަތެއް ނުދޭނަން،" އޭނާ ވިދާޅުވި އެވެ.
މިދިޔަ އަހަރު ވެސް ޕީއެސްޖީން މި ތަށި ކާމިޔާބު ކުރުމުން މިފަދަ ހަމަނުޖެހުންތަކެއް ހިނގާފައިވެ އެވެ.
ރޭގެ މެޗުގައި ޕެނަލްޓީ ޝޫޓްއައުޓަކުން ފްރާންސްގެ ޓީމު މޮޅުވިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި ޕެރިހުގެ މަޝްހޫރު ޝޯން އެލީޒޭ ސަރަހައްދަށް ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނީ ޖަމާވެފަ އެވެ.
ސިޓީގެ އެކި ސަރަހައްދުތަކުން ލިބިފައިވާ ވީޑިއޯ ފޫޓޭޖްތަކުން ފެންނަ ގޮތުގައި، ގިނަ އަދަދަކަށް ފްލެއާ ރޯކޮށް، މަގުމަތީގައި ހުރި އިލެކްޓްރިކް ބައިސްކަލްތަކުގައި އަލިފާން ރޯކޮށް، އަދި މަދުވެގެން އެއް ފިހާރައިގެ ބިއްލޫރިގަނޑު ވަނީ ތަޅާލާފަ އެވެ.
"މީހުންގެ ބޮޑު އަގުލަބިއްޔަތެއް ނުކުންނަނީ އުފާފާޅުކުރަން، އެކަން ދަނީ ވަރަށް ރަނގަޅަށް،" އާދިއްތަ ދުވަހު އިންޓީރިއާ މިނިސްޓަރު ވިދާޅުވި އެވެ.
"ނަމަވެސް ޕީއެސްޖީގެ ސަޕޯޓަރުންނަށް ނުވާ، އަދި މެޗުވެސް ނުބަލާ ބައެއް މީހުން އަންނަނީ ހަމަނުޖެހުން ހިންގައި އުނދަގޫ ކުރަން. އަޅުގަނޑުމެން މިތިބީ އެކަން ހުއްޓުވަން. އަޅުގަނޑުމެންގެ ރައްދު ވަރަށް ވަރުގަދަ ވާނެ."
ފްރާންސްގެ ކަނާތު ފިޔައިގެ ލީޑަރު މެރިން ލެޕެން އެކްސްގައި ލިޔުއްވާފައިވަނީ: "ފުޓްބޯޅަ ކްލަބެއް މޮޅުވުމުން ހަމަނުޖެހުން ހިންގަނީ ހަމައެކަނި ފްރާންސްގައި،" ކަމަށެވެ.
ކުޅުންތެރިން އާދިއްތަ ދުވަހުގެ ވަގުތެއްގައި ކާމިޔާބީގެ ޕެރޭޑުގައި ބައިވެރިވުމަށް ވަނީ ހަމަޖެހިފަ އެވެ. މީގެ ތެރޭގައި އައިފަލް ޓަވަރު ކައިރީގައި އޮންނަ ޝޯމް ޑި މާސް ސަރަހައްދުގައި ބާއްވާ ހަރަކާތްތަކާއި، ފްރާންސްގެ ރައީސް އިމަނުއަލް މެކްރޮން ބާއްވާ ހާއްސަ ރަސްމިއްޔާތެއް ހިމެނެ އެވެ.
ޕީއެސްޖީގެ ކާމިޔާބީއާ އެކު ފްރާންސްގައި ބޮޑެތި ހަމަނުޖެހުންތަކެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ