ނޫސްވެރިކަމުގެ ކަމަރު ބަނދެގެން ނޫސްވެރިކަމަށް ނުކުތީ ވަރަށް ކެރިގެން ކަމަށާއި އެކަމުގައި ފަހަތަށް ނުޖެއްސޭނެ ކަމަށް ރައީސް މުހައްމަދު މުއިއްޒުއާ ސުވާލެއް ކުރުމުން 15 ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރުމަށް ފަހު މިއަދު މިނިވަންވި އަދަދުގެ ނޫސްވެރިޔާ މުހައްމަދު ޝަހުޒާން ބުނެފި އެވެ.
ޝަހުޒާން ނުހައްގުން ޖަލަށް ލާފައިވަނީ އެ ތުހުމަތުތަކާ ގުޅޭ ސުވާލެއް ކުރުމުން، އެއީ ކޯޓުގެ އަމުރާ ހިލާފުވެ، ކޯޓުގެ ހުރުމަތް ކެނޑޭ ކަމެއް ކަމަށް ނިންމަ އެވެ. ކޯޓުން އަމުރު ނެރުނީ އާދީއްތަ ދުވަހުގެ ރެ އެވެ. ހޯމަ ދުވަހަކީ މުއިއްޒުގެ ނޫސްވެރިންގެ ބައްދަލުވުން ބާއްވާ ދުވަހެވެ.
ޝަހުޒާންގެ ސުވާލުގައި ޑޮކިއުމެންޓްރީގެ ވާހަކަ ގެނެސްފައި ނުވި ނަމަވެސް މުއިއްޒު އަމިއްލައަށް އެ ދުވަހުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޝަހުޒާން ކޯޓު އަމުރާ ހިލާފުވެފައިވާ ކަމަށް "ހުކުމް" ކުރެއްވި އެވެ. އަދި ޖެހިގެން އައި ދުވަހު އަވަސް ޝަރީއަތެއް ހިންގައި ދިފާއުވުމުގެ ފުރުސަތު ނުދީ އޭނާގެ މައްޗަށް 15 ދުވަހުގެ ޖަލު ހުކުމެއް އިއްވި އެވެ.
"އަޅުގަނޑުމެން ފަހަތަކަށް ނުޖެއްސޭނޭ، ތިޔަހެން ޖައްސަވާ ވައި ބަޑިއަކުން އަޅުގަނޑުމެން ފަހަތަކަށް ނުޖެއްސޭނޭ. ތިޔަ އަދި ދުއްވާލެވުނީ ތެޔޮ ހަމެއް،" މިނިވަންވުމަށް ފަހު ވާހަކަ ދައްކަމުން ޝަހުޒާން މުއިއްޒުއަށް އަމާޒުކޮށް ބުންޏެވެ.
ޖަލުގައި ހޭދަކުރި ދުވަސްތަކުގައި ވެސް ކަރެކްޝަނުން މުއިއްޒުގެ އެންގުމަށް ދުއްތުރާ ކުރި ކަމަށް ޝަހުޒާން މިއަދު ކިޔައިދިނެވެ. އެގޮތުން އޭނާ އާއެކު ޖަލަށް 10 ދުވަހަށް ހުކުމް ކުރި އަދަދުގެ ލީވާން އަލީ ނާސިރު އެހެން ގޮޅިއަކަށް ބަދަލުކުރީ ވެސް ސީދާ މުއިއްޒުގެ އެންގުމަސް ކަމަށް ޝަހުޒާން ބުންޏެވެ."ދެ މީހުން އެކަހެރިކުރީ ސީދާ އެމަނިކުފާނުގެ އޯޑަރަށް. އޭގެ ފަހުން ކޮންމެ ރެއަކުހެން ޖަލުގެ އޮފިސަރުންގެ ބޮޑެތި ފައުޖުތައް ދަގަނޑު މުގުރާއި، މަރުތޭލާއި، ފުއްކަށި ހިފައިގެން ކޮންމެ ރެއަކު އަޅުގަނޑުގެ ގޮޅިއަށް ވަދެ ނިދަން އޮންނަ އަށްޓާއި ފާރުގެ ތަންތަން ސުންނާފަތި ކުރީ ސީދާ ރައީސް މުއިއްޒު އަންގަވައިގެން،" ޝަހުޒާން ކިޔައިދިނެވެ.
މޭ 11 ވަނަ ދުވަހު ދެ ނޫސްވެރިން ޖަލަށް ހުކުމްކުރީ އަވަސް އަރުވާލައިގެން ބޭއްވި ސިއްރު އަޑުއެހުމެއްގައި، ގާނޫނީ ގޮތުން ދިފާއުވުމުގެ ހައްގު ނުދީ އެވެ. ވަކީލަކު އައްޔަނު ކުރުމަށް އެ މީހުންނަށް ދިނީ އެންމެ ދެ ގަޑިއިރެވެ.
ހުކުމް އިއްވުމާ އެކު ދެ މީހުން ވެސް މާފުށީ ޖަލަށް ގެންގޮސް ބޭއްވީ އެއް ގޮޅިއެއްގަ އެވެ. ނަމަވެސް ކުއްލިއަކަށް 15 ވަނަ ދުވަހު ލީވާން އެކަހެރިކޮށް، ބޮޑެތި މަރުތަކުގައި ހިމެނޭ މީހުން ތިބޭ ޔުނިޓުގެ ގޮޅިއަކަށް ބަދަލުކުރި އެވެ.
ޖަލު ހުކުމް ތަންފީޒުކޮށް އަދަދުގެ ދެ ނޫސްވެރިން މިނިވަންވެފައިވާއިރު އަންނަ މަހުގެ ތެރޭގައި އަދަދުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އާއި އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް އުފުލާފައިވާ ޖިނާއީ ދައުވާތަކުގެ ޝަރީއަތް ވަނީ ތާވަލުކޮށްފަ އެވެ.
ސަރުކާރުގެ ޕްރެސް ކޮންފަރެންސްތަކަށް ވަނުން ވެސް އަދަދުގެ ހުރިހާ ނޫސްވެރިންނަށް ވަނީ މަނާކޮށްފަ އެވެ.
ނޫސްވެރިކަމުގެ ކަމަރު ބަނދެގެން ނުކުތީ ވަރަށް ކެރިގެން، ފަހަތަށް ނުޖެއްސޭނެ: ޝަހުޒާން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ