ރާއްޖެއަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރި މައްސަލައެއްގައި ހައްޔަރުކޮށްފައިވާ ދެ މީހުންގެ ތެރެއިން، އެކަމުގައި އިސްކޮށް އުޅުނީ އާމިނަތު ރޫނާކަމަށާއި، ދެން ހިމެނޭ އަލްޔާ ޝަރްސާ ނަސީރު ރާއްޖޭން ބޭރަށް ދަތުރުކުރީ ރޫނާގެ އިރުޝާދުގެ ދަށުންކަމަށް ފުލުހުން ކޯޓުގައި ބުނެފި އެވެ.
މިއީ މިދިޔަ މަހުގެ 17 ވަނަ ދުވަހު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެތި ރާއްޖެއަށް އެތެރެ ކުރި މައްސަލައެއްގައި ހައްޔަރު ކުރި ދެ މީހުންނެވެ. މި މައްސަލައިގައި ހައްޔަރު ކުރީ ކ. ތުލުސްދޫ، އާބިޖިލީހިޔާ، އާމިނަތު ރޫނާ (29އ) އަދި ގ. މުތީގެއާގެ، އަލްޔާ ޝަރްސާ ނަސީރު (25އ) އެވެ.
މި ދެ މީހުންގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ ދެ މީހުންގެ ބަންދަށް އިތުރު 30 ދުވަސް ޖަހައިދީފައެވެ.
ކޯޓު އަމުރުގައިވާ ގޮތުން، މައްސަލައިގައި ހިމެނޭ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރުމުގައި އިސްކޮށް ހުރީ ރޫނާއެވެ. އަދި މި މައްސަލައިގައި ދެން ހިމެނޭ އަލްޔާއަކީ ރާއްޖޭން ބޭރަށް ގާތްގާތުގައި ދަތުރުކުރާ މީހެއްކަން އޭނާގެ ޓްރެވަލް ހިސްޓްރީން އެނގެން އޮތްއިރު، އޭނާގެ ފޯނުން ވެސް މައްސަލައާއި ގުޅުންހުރި މުހިންމު ހެކިތަކެއް ފެނިފައިވާކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
މި ހާދިސާގައި ފެނުނު މަސްތުވާތަކެތީގެ ވަގުތީ ބަރުދަނުގައި 1.8 ކިލޯ ހުއްޓެވެ. ފުލުހުން ކޯޓުގައި ބުނި ގޮތުގައި، ރޫނާ ދިރިއުޅޭ ގެއިން ފެނުނު ލަގެޖެއްގައި ހުރި ތަކެއްޗާއި، ފުލުހުންގެ ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަނުގައި ބޭނުންކުރި ފޮށީގައި ހުރި ތަކެއްޗާ އެއްގޮތްކަމެއް ހުރިކަން ވަނީ ފާހަގަކުރެވިފައެވެ.
މައްސަލައިގައި ތުހުމަތު ކުރެވޭ އަލްޔާގެ ފަރާތުން ވަނީ އޭނާ ތަހުގީގަށް އެއްބާރުލުން ދޭނެކަމަށް ބުނެފަ އެވެ. ނަމަވެސް ދިފާއުގައި ރޫނާގެ ފަރާތުން ވަނީ އޭނާ ހައްޔަރުކުރި ވަގުތު ފުލުހުން ބޭނުންކުރި ބޮޑީ ކެމެރާގެ ރެކޯޑިންތައް ހޯދުމަށް އެދިފައެވެ.
ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
1.5 ކިލޯގެ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރުމުގައި އިސްކޮށް ހުރީ ރޫނާ: ފުލުހުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ