ހައި އެޗީވާސް ސްކޮލާޝިޕަށާއި ރައީސުލްޖުމްހޫރިއްޔާގެ އެވޯޑަށް ކުރިމަތިލުމަށް ހުޅުވާލައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ސްކޮލަރޝިޕް ލިބޭ ދަރިވަރުން ބޭނުންވާ ކޮންމެ ދާއިރާއަކުން ކިޔެވުމުގެ ފުރުސަތު ލިބޭގޮތަށް ސަރުކާރުން ވަނީ އުޞޫލަށް ބަދަލުގެންނަވާފައެވެ.
ތަޢުލީމާއި މަތީތަޢުލީމާ ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން ވަނީ، 2025ވަނަ އަހަރުގެ ހައި އެޗީވާސް ސްކޯލާޝިޕަށާއި ރައީސުލްޖުމްހޫރިއްޔާގެ އެވޯޑަށް ކުރިމަތިލުމުގެ ފުރުޞަތު އަންނަ އަހަރުގެ ސެޕްޓެންބަރު މަހުގެ ނިޔަލަށް ހުޅުވާލާފައެވެ. އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ، "ކުރި" ޕޯޓަލް މެދުވެރިކޮށެވެ.
ރައީސުލްޖުމްހޫރިއްޔާ ދޭ ޚާއްޞަ ސްކޮލަރޝިޕްގައި ގެންނެވި އެންމެ ބޮޑު ބަދަލަކީ، ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ސްކޮލަރޝިޕްގައި ތަޢުލީމު ޙާޞިލް ކުރުމުގެ ފުރުޞަތު ލިބޭ ދަރިވަރުން، ބޭނުންވާ ކޮންމެ ރޮނގަކުން ކިޔެވުމުގެ ފުރުޞަތު ދެއްވާގޮތަށް ހަމަޖެއްސެވުމެވެ. މިބަދަލުގެ އިތުރުންވެސް އުސޫލަށް ވަނީ މުހިއްމު ބަދަލުތަކެއް ގެންނަވާފައެވެ. އެގޮތުން ހައި އެޗީވަރސް ސްކޮލަރޝިޕް ލިބޭ ދަރިވަރުން ރާއްޖޭގައި ކިޔަވާނަމަ ސްޓައިޕެންޑުގެ އިތުރުން އެލަވަންސެއް ދޭން ވަނީ ހަމަޖައްސާފައެވެ. މިއީ، ރަނގަޅު ނަތީޖާ ލިބޭ ދަރިވަރުން ރާއްޖޭގައި ތިބެގެން ކިޔަވަން ބާރު އެޅުމުގެ ގޮތުން ގެންނެވި ބަދަލެކެވެ. މިބަދަލުގެ ދަށުން ސްޓައިޕެންޑުގެ އިތުރަށް 6000 ރުފިޔާގެ އެލަވަންސެއް ދިނުމަށް ވަނީ ހަމަޖައްސާފައެވެ.
މި އުސޫލުގައި އޮތް ގޮތުން ރައީސުލްޖުމްހޫރިއްޔާގެ ސްކޮލަރޝިޕް ލިބިގެން ކިޔަވާ ދަރިވަރުން 4 އަހަރާއި، 7 އަހަރާ ދެމެދުގެ މުއްދަތަކަށް ސަރުކާރަށް ޚިދުމަތް ކުރަން ޖެހެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ސްކޮލަރޝިޕް ލިބޭ ދަރިވަރުން ބޭނުންވާ ކޮންމެ ދާއިރާއަކުން ކިޔެވުމުގެ ފުރުސަތު ލިބޭގޮތަށް އުސޫލު ބަދަލު ކުރައްވާފައިވާއިރު، މިދިޔަ އަހަރު އޭލެވެލް ނިންމި ދަރިވަރުންގެ ތެރެއިން ރައީސްގެ ޚާއްސަ ސްކޮލަރޝިޕް ހޯދި ދަރިވަރުންނަށް، އެ ދަރިވަރުން ކިޔަވަން ބޭނުންވާ ކޮންމެ ދާއިރާއަކުން ކިޔެވުމުގެ ފުރުޞަތު ދޭގޮތަށްވެސް ވަނީ ނިންމާފައެވެ.
މި ބަދަލުތަކުގެ އިތުރުންވެސް ދަރިވަރުންނަށް ފަސޭހަ އިންތިޒާމުތައް ހަމަޖެއްސުމާއި އަދި އެހެނިހެން އެހީތެރިކަން ފޯރުކޮށްދިނުމާއި ގުޅޭ ކަންކަންވެސް ސަރުކާރުން ވަނީ ގެޒެޓް ކުރެއްވި އުސޫލުގައި ހިމަނުއްވާފައެވެ.
ހައި އެޗީވާސް ސްކޮލާޝިޕަށާއި ރައީސްގެ އެވޯޑަށް ކުރިމަތިލާން ހުޅުވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ