މި ފަހަރު ވެސް ފްލޮޓިލާއަށް ހުރަސްއަޅައި، މީހުން ހައްޔަރުކުރުން ރާއްޖެއާއި އިތުރު 10 ގައުމަކުން ކުށްވެރިކޮށްފި
ފަލަސްތީނުގެ ޣައްޒާއަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ދަތުރުކުރި "ގްލޯބަލް ސުމޫދު ފްލޮޓިލާ"އަށް އިސްރާއީލުގެ އަސްކަރިއްޔާއިން ހުރަސްއެޅުން، ދިވެހިރާއްޖެއާއި އިތުރު 10 ގައުމެއް ގުޅިގެން ނެރުނު ބަޔާނެއްގައި ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ. ފޮރިން މިނިސްޓަރުން ގުޅިގެން އިއްޔެ ނެރުނު މި ބަޔާނުގައި ރާއްޖޭގެ އިތުރުން ބައިވެރިވެފައިވަނީ ބްރެޒިލް، އުރުދުން، ޕާކިސްތާން، ސްޕެއިން، މެލޭޝިއާ، ބަންގްލަދޭޝް، ކޮލަމްބިއާ، ދެކުނު އެފްރިކާ، ތުރުކީ އަދި ލީބިޔާއެވެ. މި ގައުމުތަކުގެ ޚާރިޖީ ވަޒީރުން ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވަނީ، މިއީ ޣައްޒާގައި ހިނގަމުންދާ އިންސާނީ ކާރިސާއަށް ބައިނަލްއަގުވާމީ މުޖުތަމައުގެ ސަމާލުކަން ގެނައުމަށް މަދަނީ ޖަމިއްޔާތަކުން އިސްނަގައިގެން ކުރިއަށްގެންދިޔަ ސުލްހަވެރި ހަރަކާތެއް ކަމަށެވެ. އަދި، މިފަދަ އިންސާނީ މަސައްކަތަކަށް ހުރަސްއެޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ވަނީ ވިދާޅުވެފައެވެ. ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުގައި ދަތުރުކުރަމުންދިޔަ އުޅަނދުތަކަށް އިސްރާއީލުން ދިން ހަމަލާއާއި، އިންސާނީ އެހީތެރިން ގާނޫނާ ޚިލާފަށް ހައްޔަރުކުރުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކާއި ބައިނަލްއަގުވާމީ އިންސާނީ ގާނޫނުތަކާ ކަނޑައެޅިގެން ޚިލާފު އަމަލެއްކަން ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ. ޚާއްސަކޮށް ޖެނީވާ މުއާހަދާތަކުގެ ދަށުން އިންސާނީ އެހީތެރިންނަށް ލިބިދޭންޖެހޭ ހިމާޔަތާއި ރައްކާތެރިކަން ނިގުޅައިގަނެފައިވާކަން މި ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. https://sun.mv/220477 ރާއްޖެއާއި 10 ގައުމަކުން ގުޅިގެން ނެރުނު ބަޔާނުގައި ވަނީ ހައްޔަރުކޮށްފައިވާ މަދަނީ އެކްޓިވިސްޓުންގެ ސަލާމަތާއި ރައްކާތެރިކަމާމެދު ކަންބޮޑުވުން ފާޅުކޮށް، އެ މީހުން ވަގުތުން ދޫކޮށްލުމަށް ބޭނުންވާ ފިޔަވަޅުތައް އެޅުމަށް އިސްރާއީލުގެ ކަމާބެހޭ ފަރާތްތަކަށް ގޮވާލައްވާފައެވެ. މީގެ އިތުރުން، ބައިނަލްއަގުވާމީ ގާނޫނުތައް ނެގެހެއްޓުމަށާއި، އާންމުން ހިމާޔަތްކުރުމަށާއި، މިފަދަ ހިލާފުވުންތަކަށް ޖަވާބުދާރީކުރުވުމަށް ބައިނަލްއަގުވާމީ މުޖުތަމައުގެ މައްޗަށް އޮތް އަހުލާގީ އަދި ގާނޫނީ ވާޖިބު އަދާކުރުމަށް ވެސް މި ބަޔާނުގައި ގޮވާލާފައިވެއެވެ. މި ހާދިސާ ހިނގާފައިވަނީ ބުދަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައެވެ. ގްރީސްގެ ކްރީޓް އައިލެންޑާ 45 ނޯޓިކަލް މޭލު ދުރުން، އަދި ޣައްޒާއާ 600 ނޯޓިކަލް މޭލު ދުރުން ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުގައި ދަތުރުކުރަމުންދިޔަ މި ފްލޮޓިލާގެ 20 އަށްވުރެ ގިނަ އުޅަނދު އިސްރާއީލުގެ ކަނޑުގެ ސިފައިން ވަނީ ހުއްޓުވާފައެވެ. ރިޕޯޓުތައް ބުނާގޮތުން، އެކި ގައުމުތަކަށް ނިސްބަތްވާ 175 އަށްވުރެ ގިނަ އެކްޓިވިސްޓުން ވަނީ ހައްޔަރުކޮށްގެން އިސްރާއީލަށް ގެންގޮސްފައެވެ. https://x.com/MoFAmv/status/2050079385483661539 މި ދަތުރުގައި ލޮޖިސްޓިކް އެހީތެރިކަން ފޯރުކޮށްދިނުމަށް ހަރަކާތްތެރިވި ގްރީންޕީސްގެ އުޅަނދު “އާކްޓިކް ސަންރައިޒް”އިން މައުލޫމާތު ދީފައިވާ ގޮތުގައި، އިސްރާއީލުން ވަނީ އުޅަނދުތަކުގެ މުވާސަލާތީ ނިޒާމުތައް ކަމަށްވާ ވީއެޗްއެފް އަދި ޖީއެންއެސްއެސް ސިގްނަލްތައް ޖޭމްކޮށް، ކަނޑުމަތީގައި ނުރައްކާތެރި ހާލަތަކަށް އުޅަނދުތައް ވައްޓާލާފައެވެ. ގްލޯބަލް ސުމޫދު ފްލޮޓިލާއަކީ މިދިޔަ އަހަރުގެ މެދުތެރޭގައި އުފެދުނު ބައިނަލްއަގުވާމީ ހަރަކާތެކެވެ. “ސުމޫދު” މި ބަހަކީ އަރަބި ބަހުން ސާބިތުކަމާއި ހިތްވަރުގަދަކަން ރަމްޒުކޮށްދޭ ބަހެކެވެ. މި ފްލޮޓިލާގެ މައިގަނޑު މަގުސަދަކީ އިސްރާއީލުން ޣައްޒާއާ ދެކޮޅަށް އަޅާފައިވާ ޣައިރު ގާނޫނީ ހިސާރު މުގުރާލައި، ކާބޯތަކެއްޗާއި ބޭސްފަރުވާގެ ސާމާނާއި ތުއްތު ކުދިންނަށް ބޭނުންވާ ކިރު ފަދަ ޒަރޫރީ އެހީތެރިކަން ފޯރުކޮށްދިނުމެވެ. މި އަހަރުގެ މި ދަތުރަކީ، 50 އަށްވުރެ ގިނަ އުޅަނދާއެކު ޔޫރަޕްގެ އެކި ގައުމުތަކުން ފުރައިގެން ދިޔަ، ތާރީހުގައި ވެސް މަދަނީ ބަޔަކު އިސްނަގައިގެން ކުރިއަށްގެންދިޔަ އެންމެ ބޮޑު އެއް ކަނޑުމަތީ ހަރަކާތެވެ. މި ހަރަކާތުގައި 70 އަށްވުރެ ގިނަ ގައުމުން މީހުން ބައިވެރިވެފައިވެއެވެ. އުޅަނދުތަކުގައި ގިނަ އަދަދެއްގެ ފުށާއި، ހަނޑުލާއި، މެޑިކަލް ކިޓްތަކުގެ އިތުރުން އަސާގަނޑު ފަދަ ތަކެތި ހުރިކަމަށް މައުލޫމާތު ލިބެއެވެ. މިފަދަ ބޮޑު އިންސާނީ ދަތުރެއް ފަށަން ޖެހުނީ ޣައްޒާގައި އުފެދިފައިވާ ބޮޑު އިންސާނީ ކާރިސާގެ ސަބަބުންނެވެ. މި އަހަރާ ހަމައަށް އައިއިރު، ޣައްޒާގައި ވަނީ ބޮޑު ބަނޑުހައިހޫނުކަމެއް ފެތުރިފައެވެ. އދ. އާއި އެހެނިހެން ބައިނަލްއަގުވާމީ ޖަމިއްޔާތަކުގެ ތަފާސްހިސާބުތައް ދައްކާގޮތުން، ޣައްޒާގެ އެތައް ހާސް ކުޑަކުދިންނެއް ވަނީ ނުރައްކާތެރި މިންވަރަކަށް މާލްނިއުޓްރިޝަން ނުވަތަ ކާނާ މަދުވުމުގެ މައްސަލައާ ކުރިމަތިލާންޖެހިފައެވެ. ސާފު ބޯފެނާއި ސިއްހީ ފަރުވާދޭނެ ނިޒާމެއް ނެތުމުގެ ސަބަބުން، އާންމު ރައްޔިތުން ދަނީ އިންތިހާއަށް ދަތި ހާލުގައި ދިރިއުޅެމުންނެވެ. https://sun.mv/207074 މި ހާލަތުގައި، އެއްގަމު މަގުން އެހީ ވެއްދުމަށް އިސްރާއީލުން ހުރަސްއަޅަމުންދާތީ، ކަނޑުމަގުން އެހީ ފޯރުކޮށްދިނުމަކީ ކޮންމެހެން ކުރަންޖެހިފައިވާ ކަމެއް ކަމަށް ފްލޮޓިލާ އިންތިޒާމުކުރާ ފަރާތްތަކުން ބުނެއެވެ. މިފަދަ އިންސާނީ ދަތުރުތަކަށް އިސްރާއީލުން ހުރަސްއެޅުމަކީ އާ ކަމެއް ނޫނެވެ. މީގެ ކުރިން 2008 ވަނަ އަހަރު "ފްރީ ޣައްޒާ މޫވްމަންޓް"އިން ފެށި މި މަސައްކަތުގެ ތެރެއިން، އެންމެ ހިތާމަވެރި ހާދިސާއެއް ހިނގާފައިވަނީ 2010 ވަނަ އަހަރެވެ. އެ އަހަރު "ފްރީޑަމް ފްލޮޓިލާ"ގެ ނަމުގައި ދަތުރުކުރި އުޅަނދުތަކަށް ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުން އިސްރާއީލު ސިފައިން އަރައި ދިން ހަމަލާތަކުގައި ތުރުކީގެ ނުވަ އެކްޓިވިސްޓަކު ވަނީ މަރާލާފައެވެ. އޭގެ ފަހުން 2024 އަދި 2025 ވަނަ އަހަރު ވެސް “ހަންދަލާ” އަދި “މަދްލީން” ފަދަ އުޅަނދުތައް ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުން ހުއްޓުވައި، އޭގައި ތިބި މީހުން ވަނީ ހައްޔަރުކޮށްފައެވެ. މި ހުރިހާ ހާދިސާތަކެއްގައި ވެސް އިސްރާއީލުން އަމަލުކޮށްފައިވަނީ ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފަށް ކަމަށް އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ބުނެއެވެ. އިސްރާއީލުގެ މި އަމަލުތަކާ ގުޅިގެން ބައިނަލްއަގުވާމީ މުޖުތަމައުގެ ފާޑުކިޔުންތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ރާއްޖެއާއި އެހެނިހެން 10 ގައުމަކުން ގުޅިގެން ނެރުނު ބަޔާނަކީ މި އަނިޔާވެރިކަމާ ދެކޮޅަށް ބައިނަލްއަގުވާމީ ފެންވަރުގައި ކުރާ މަސައްކަތްތަކުގެ މުހިންމު ބައެކެވެ. ހައްޔަރުކޮށްފައިވާ 175 އެކްޓިވިސްޓުންގެ މައްސަލައިގައި އިސްރާއީލުން އަދި ވަކި ގޮތެއް ނިންމާފައިނުވާއިރު، މި މީހުން މިނިވަންކުރުމަށް ގައުމުތަކުން ދަނީ ޑިޕްލޮމެޓިކް ފެންވަރުގައި ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ބައިނަލްއަގުވާމީ މުޖުތަމައުން މި ކަމަށް އަވަސް ފިޔަވަޅުތަކެއް ނާޅައިފިނަމަ، ޣައްޒާގެ ރައްޔިތުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް އިތުރު ހުރަސްތަކެއް ކުރިމަތިވެ، އިންސާނީ ކާރިސާ އިތުރަށް ގޯސްވެގެންދާނެކަމުގެ ބިރު ވަނީ ބޮޑުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ