ނަތަންޔާހޫ ކެންސަރަށް ފަރުވާހޯދިކަމަށް އެއްބަސްވެއްޖެ

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް ފުރަތަމަ މަރުހަލާގެ ޕްރޮސްޓޭޓް ކެންސަރު ޖެހިގެން ފަރުވާ ހޯދިކަމަށް އޭނާ އެންމެ ފަހުން އެއްބަސްވެއްޖެއެވެ.
ނަތަންޔާހޫ ބުނި ގޮތުގައި މި މައުލޫމާތު އާންމުންނަށް ކުރިން ނޭންގީ، އީރާނުން މިކަން "ޕްރޮޕަގެންޑާ" އެއްގެ ގޮތުގައި ބޭނުންކޮށް، ހަނގުރާމައިގެ ތެރޭގައި އިސްރާއީލާ ދެކޮޅަށް ދޮގު ވާހަކަތައް ފެތުރުމުގެ ފުރުސަތު ނުދިނުމަށެވެ.
މިހާރު އުމުރުން 76 އަހަރުގެ ނަތަންޔާހޫ އޭނާގެ އަހަރީ ސިއްހީ ރިޕޯޓު އެކްސްގައި ހިއްސާކުރަމުން ބުނީ، މިހާރު އޭނާ ހުރީ "ވަރަށް ރަނގަޅު ސިއްހީ ހާލަތެއްގައި" ކަމަށެވެ.
ރިޕޯޓުގައިވާ ގޮތުން، މީގެ ދެ މަސް ކުރިން ޖެރޫސަލަމްގެ ހަދައްސާ ހޮސްޕިޓަލުގައި އޭނާގެ ޑޮކްޓަރުން ވަނީ ކުޑަ ޓިއުމަރެއް ދެނެގަނެ، ރޭޑިއޭޝަން ތެރަޕީ ދީގެން ފަރުވާ ދީފައެވެ. ހޮސްޕިޓަލުގެ އޮންކޮލޮޖީ ޔުނިޓްގެ ޑިރެކްޓަރު އަހަރޮން ޕޮޕޮވްޓްސަރ ބުނީ، ޓެސްޓުތަކުން އެނގޭ ގޮތުގައި ބަލި މިހާރު ވަނީ އެއްކޮށް ފިލާފައެވެ.
އީރާނާ އެކު ކުރިއަށްދިޔަ ހަނގުރާމައިގެ ފުރަތަމަ ހަފްތާތަކުގައި، ނަތަންޔާހޫ މަރުވެއްޖެ ކަމަށް ބުނެ އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ހެދި ދޮގު ފޮޓޯތަކާއި ވީޑިއޯތައް ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ފެތުރުނެވެ. އެ ދޮގު ޚަބަރުތައް ދޮގުކުރުމުގެ ގޮތުން ނަތަންޔާހޫ ވަނީ މިދިޔަ މާރިޗް މަހު ޖެރޫސަލަމްގެ ކެފޭއަކަށް ޒިޔާރަތްކޮށް، އޭނާ ސަލާމަތުން ހުރިކަން ދެއްކުމަށް ވީޑިއޯއެއްވެސް އާންމުކޮށްފައެވެ.
އިސްރާއީލުގެ އެންމެ ގިނަ ދުވަހު ވެރިކަންކުރި ނަތަންޔާހޫއަށް މީގެ ކުރިންވެސް ވަނީ އޭނާގެ ސިއްހީ މައުލޫމާތު ހާމަނުކުރާތީ ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައެވެ. މީގެ ކުރިން އާންމު ތަނެއްގައި ހުއްޓާ އޭނާ ވެއްޓުނު ހަފްތާއެއް ފަހުން، ދިގު މުއްދަތެއްގެ ހިތުގެ ބައްޔަކަށް ޕޭސްމޭކަރެއް ހަރުކުރިކަން އިއުލާންކުރި ހާދިސާއާ ގުޅިގެންވެސް އޭނާއަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވިއެވެ.
ނަތަންޔާހޫގެ ސިއްހީ ހާލަތު ސިއްރުކުރުމަކީ ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ކަމެއް ކަމަށް ބުނެ އިސްރާއީލުގެ އިދިކޮޅު ސިޔާސީ ވެރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެމީހުން ބުނާ ގޮތުގައި ގައުމުގެ ވެރިއެއްގެ ސިއްހީ ހާލަތަކީ ރައްޔިތުންނަށް އެނގެންޖެހޭނެ މައުލޫމާތެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ