"ދެކުނު ކަނެކްޓިވިޓީ" މަޝްރޫޢުގެ ދަށުން މިހާތަނަށް 1800 އަށްވުރެ ގިނަ ފަސިންޖަރުން ޚިދުމަތް ހޯދާފައިވާކަމަށް ޤައުމީ އެއާލައިން މޯލްޑިވިއަނުން ވިދާޅުވެއްޖެއެވެ. މިޚިދުމަތް ޝެޑިއުލްކޮށް ފެށީ މިދިޔަ ފެބްރުވަރީ މަހުގެ 1 ވަނަ ދުވަހުގައެވެ.
ރާއްޖޭގެ ވައިގެ ދަތުރުފަތުގެ އިންތިޒާމުތައް ހަމަޖެހިފައި އޮންނަގޮތުން ހުރިހާ ދަތުރެއް ޝެޑިއުލްކުރަނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ޓައިމްލައިނާ އެއްގޮތަށެވެ. ފަތުރުވެރިކަމުގެ މަންޒިލެއްކަމުން ބޭރުން އަންނަ ފްލައިޓުތަކާއި އެކި ސަރަޙައްދުތަކަށް ދަތުރުކުރާ ފަތުރުވެރިންގެ ދަތުރުގެ ޝެޑިއުލްއަށް ވަރަށް ގިނަ ފަހަރަށް ޤައުމީ އެއާލައިންގެ ދަތުރުތައް ބައްޓަންވެފައި އޮތުމަކީ ޒަމާނުއްސުރެ ދިވެހީންގެ ތެރޭގައި އޮންނަ ކަންބޮޑުވުމެވެ. އެހެންނަމަވެސް ވިޔަފާރި އުސޫލުން ބަލާއިރު އެހެން ސަރަޙައްދުތަކުން ޚަރަދު ދެކޮޅުޖެހޭވަރުގެ ޑިމާންޑެއް ނެތުމަކީ އެހެން ސަރަޙައްދުތަކަށް މިފަދަގޮތަކަށް ޚިދުމަތް ފަށަން އޮތް އެންމެ ބޮޑު ހުރަހެވެ.
އެކި ސަރަޙައްދުތަކުގައި ހުރި އެއާޕޯޓުތަކާއެކު ޚިދުމަތް ފުޅާކުރަން އެކި ސަރުކާރުތަކުން ވަނީ މަސައްކަތްކޮށްފައެވެ. އެކި ސަރަޙައްދުތަކަށް ކަނެކްޓިވިޓީ ފްލައިޓުތައް އެޅުމަށް އެކި މަސައްކަތް ކުރިނަމަވެސް އެކަންވެގެންދިޔައީ ތަކުލީފު ބޮޑު ކަމަކަށެވެ. ހަމައެއާއެކު ދެކުނަށް އަޅާ ފްލައިޓުތަކުގެ ޢަދަދު މަދުވުމަކީ އޭގެ ކަންބޮޑުވުން އާންމުންގެ އޮތްކަމެކެވެ.
މިކަމަށް ހައްލެއް ގެނައުމުގެ ގޮތުން އަދި ދެކުނުގެ ތަރައްޤީއަށާއި ފަތުރުވެރިކަން އެސަރަޙައްދުގައި ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ދެކުނުގެ 4 އަތޮޅު މިހާރުވަނީ ވައިގެ ދަތުރުފަތުރުން ގުޅާލާފައެވެ.
ދެކުނުގެ 4 އަތޮޅުކަމަށްވާ ގއ. އަތޮޅާއި ގދ. އަތޮޅު އަދި ފުވައްމުލައް ސިޓީއާއި އައްޑޫ ސިޓީ މިހާރުވަނީ ކަނެކްޓިވިޓީ ފްލައިޓުތަކުން ގުޅާލާފައެވެ. ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ޤައުމީ އެއާލައިން މޯލްޑިވިއަނުން ވިދާޅުވީ، މިއަހަރުގެ ފެބްރުވަރީ މަހުގެ ފުރަތަމަ ދުވަހު ފެށި މި ދަތުރުތަކާއެކު މިހާތަނަށް 296 އަކަށްވުރެ ގިނަ ދަތުރުކޮށްފައިވާކަމަށެވެ. އަދި 1857 ފަސިންޖަރުންވަނީ އުފުލާފައެވެ.
ދެކުނުގެ ކަނެކްޓިވިޓީގެ ތެރެއިން ކޮންމެ ހަފްތާއަކު ކުރާ ދަތުރުގެ ތެރެއިން މިހާތަނަށް ފުވައްމުލަކަށް 9 ދަތުރު ކާޑެއްދޫއަށް 6 ދަތުރު އަދި ކޫއްޑޫއަށް 3 ދަތުރުކޮށްފައިވާކަމަށް މޯލްޑިވިއަނުން ވިދާޅުވެއެވެ.
މިދަތުރުތަކާއެކު ދުރާލާ ދެކުނުގެ އެއްއަތޮޅުން އަނެއް އަތޮޅަށް ދަތުރުކުރަން އެދޭ ފަރާތްތަކަށް ދަތުރު ރާވާލަން ފަސޭހަވާނެކަމަށް ޤައުމީ އެއާލައިނުން ޤަބޫލުކުރައްވައެވެ. އަދި މިއީ އެ 4 އަތޮޅުގެ ރައްޔިތުންގެ ވިޔަފާރިތައް ކުރިއަރުވަން ލިބޭ ފުރުޞަތަކަށްވާއިރު މިއާއެކު އެސަރަޙައްދުގެ ފަތުރުވެރިކަންވެސް އިތުރަށް ކުރިއެރުވުމުގެ ފުރުޞަތު ފަހިވެގެންދެއެވެ.
ހަމައެއާއެކު އައްޑޫ އިންޓަރނޭޝަނަލް އެއާޕޯޓަށް ސީދާ ފްލައިޓުތައް ބޭއްވުމަށް ބޭނުންވާ ބެޑް ކެޕޭސިޓީއަށް ވާސިލުވުމަށްވެސް މިއީ މުހިއްމު ފިޔަވަޅެކެވެ.
ދެކުނުގެ އިތުރުވެގެންދާ ޑިމާންޑާއެކު ސިއްޙީ ފަރުވާގެ ނިޒާމު އިތުރަށް ހަރުދަނާވެގެންދާނެކަމަށް ސަރުކާރުން ޤަބޫލުކުރައްވައެވެ. މިއާއެކު ސިއްޙީ ފަރުވާގެ ޚިދުމަތް ހޯދުމަށް އެއަތޮޅުތަކުން މާލެއަށް ކުރާ ދަތުރުތައް މަދުވެގެންދާނެއެވެ. އެހެންކަމުން ދަތުރުފަތުގެ ނިޒާމަށް ނެގެވުނު މިބަދަލަކީ ފައިދާ ކުރަނިވިގޮތަކަށް ކުރެވޭކަމަކަށް ހެދުމަށް ދެކުނުގެ 4 އަތޮޅުތަކުގައި އަތޮޅު ފެންވަރުގައި އަދި ފަރުދީ ފެންވަރުގައި މުހިއްމު މަސައްކަތްތަކެއް ކުރެވިދާނެއެވެ.
ދެކުނުގެ ކަނެކްޓިވިޓީ: 1800 ފަސިންޖަރުން ޚިދުމަތް ހޯދާފައިވޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ