އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަގްޗީ ހުކުރު ދުވަހު ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދަށް ވަޑައިގެންފިއެވެ.
އަރަގްޗީ އިސްލާމްއާބާދަށް ވަޑައިގަތީ، އެމެރިކާއާއެކު އަލުން ސުލްހައިގެ ވާހަކަތައް ފެށުމަށް ހުށަހެޅުންތަކެއް ހިއްސާކުރެއްވުމަށެވެ. މިއީ އަށް ހަފުތާއަށް ދެމިގެންގޮސް، އެތައް ހާސް ބަޔަކު މަރުވެ، ދުނިޔޭގެ ބާޒާރު ގަޑުބަޑުކޮށްލާފައިވާ ހަނގުރާމަ ނިމުމަކަށް އަތުވެދާނެ ކަމުގެ އުއްމީދު ބޮޑުވެގެންދިޔަ ދަތުރެކެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ރޮއިޓާސްއަށް ބުނި ގޮތުގައި، އެމެރިކާގެ ޝަރުތުތަކަށް އެއްބަސްވުމަށް އީރާނުން ހުށަހެޅުމެއް ތައްޔާރުކުރަމުންދާ ކަމަށް އޭނާ އުއްމީދު ކުރެއެވެ. ނަމަވެސް އެއީ ކޮން ހުށަހެޅުމެއް ކަމެއް އަދި ނޭނގޭ ކަމަށް ޓްރަމްޕް ބުންޏެވެ. އެމެރިކާއިން މަޝްވަރާ ކުރަނީ ކޮން ބަޔަކާތޯ ސުވާލު ކުރުމުން ޓްރަމްޕް ބުނީ "މިހާރު ވެރިކަމުގައި ތިބި މީހުންނާ" މުއާމަލާތް ކުރަމުންދާ ކަމަށެވެ.
އަރަގްޗީ އިސްލާމްއާބާދަށް ވަޑައިގަތުމާއެކު ސީދާ ވަޑައިގަތީ ޕާކިސްތާނުގެ ޚާރިޖީ ވަޒީރު އިސްހާގު ދާރްއާ ބައްދަލުކުރެއްވުމަށެވެ. މި ބައްދަލުވުން ބާއްވާފައިވަނީ ކުރިން ވެސް މަޝްވަރާތައް ބޭއްވި ސެރީނާ ހޮޓަލުގައެވެ.
އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތު ބުނި ގޮތުގައި "ރަނގަޅު އެއްބަސްވުމަކަށް" އައުމުގެ ފުރުސަތު އީރާނަށް އަދިވެސް އެބައޮތެވެ. އެގޮތުން ނިއުކްލިއާ ހަތިޔާރު އުފެއްދުން ހުއްޓާލުމަށް އޭނާ ގޮވާލިއެވެ.
މި ހަނގުރާމައާ އެކުއެކީގައި ކުރިއަށްދާ ލުބުނާނު ހަނގުރާމައިގައި، އިސްރާއީލާއި ލުބުނާނުން ވަނީ ތިން ހަފުތާއަށް ހަނގުރާމަ މެދުކަނޑާލަން އެއްބަސްވެފައެވެ. ނަމަވެސް ހިޒްބުﷲ އިން ބުނީ އިސްރާއީލުން ހަމަލާތައް ދެމުންދާތީ އެ އެއްބަސްވުމުގެ ބޭނުމެއް ނެތް ކަމަށެވެ.
ހޯރްމޫޒް ކަނޑުއޮޅީގައި އީރާނުން ހިފަހައްޓާފައިވާ ޙިޞާރު (ބްލޮކޭޑް) އަދިވެސް ދެމިއޮތްއިރު، އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރުގެ އަދަދު ވަނީ ވަރަށް ބޮޑަށް މަދުވެފައެވެ.
އީރާނުގެ ޚާރިޖީ ވަޒީރު ޕާކިސްތާނަށް ވަޑައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ