ދުންފަތާ ދެކޮޅަށް ރާއްޖެއިން އެޅި ފިޔަވަޅުތަކަށް ދުނިޔޭގެ ތައުރީފު ވަނީ ލިބިފަ އެވެ. ދުނިޔޭގައި ވެސް ޖެނެރޭޝަނަލް ސްމޯކިން ބޭންއެއް ކަނޑައެޅި ގައުމަކީ ރާއްޖެ އެވެ. މި ސަރަހައްދުގައި ވެސް ދުންފަތާއި ދުންފަތުގެ ބާވަތްތަކުން އެންމެ ބޮޑު ޓެކުހެއް ނަގަނީ ރާއްޖޭގަ އެވެ. މިއީ ދުންފަތުގެ ވަބާ އިން ރައްކާތެރިވެފައިވާ މުޖުތަމައެއް ބިނާކުރުމަށް ރާއްޖެ އިން އަޅާފައިވާ ހަރުދަނާ، މުހިއްމު ފިޔަވަޅުތަކެކެވެ.
މި ފިޔަވަޅުތަކާ އެކު ކުރިއަށްދާއިރު ވިސްނާލަންޖެހޭ ކަމަކީ މިއީ އާންމު ސިއްހަތާ ގުޅޭ ގޮތުން ހާސިލްކުރަން ބޭނުންވާ ނަތީޖާ ހާސިލް ކުރުމަށް އެންމެ ރަނގަޅު ގޮތްތޯ އެވެ. މި ފިޔަވަޅުތަކާ އެކު ދެން ނުކުމެދާނެ ނަތީޖާ އާއި މިފަދަ ފިޔަވަޅުތައް ތަންފީޒުކޮށްފައިވާ އެހެން ގައުމުތަކަށް ކުރިމަތިވި ފަދަ ގޮންޖެހުންތަކެއް ކުރިމަތިވެދާނެތޯ އެވެ.
ޕޮލިސީތައް ކަނޑައަޅާ ފަރާތްތަކާއި އާންމުންގެ މެދުގައި ވެސް އެންމެ ބޮޑު ބަހުސަކީ ކުރިއަށް އޮތް ތަނުގައި މި ފިޔަވަޅުތަކާ އެކު ދެން ވެދާނެ ގޮތެކެވެ. މީގެ މިސާލެއް ފެންނަން އޮތް އެއް ގައުމަކީ އޮސްޓްރޭލިއާ އެވެ. އެ ގައުމުން ވަނީ ދުންފަތާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް މީގެ އަހަރުތަކެއް ކުރިން ތަންފީޒު ކުރަން ފަށައިފަ އެވެ. ދުންފަތަށް އޮންނަ ޑިމާންޑާ އެކު ދެން ވެދާނެ ގޮތަކަށް މާބޮޑު ވިސްނުމެއް ނުބަހައްޓާ އެޅި މި ފިޔަވަޅުތަކުގެ ނަތީޖާ އެ ގައުމުން ފެނެ އެވެ.
ދުންފަތާ ދެކޮޅަށް އޮސްޓްރޭލިއާ އިން އެޅި ފިޔަވަޅުތަކާ އެކު 10 ވަރަކަށް އަހަރު އެ ގައުމަކީ އެކަމުގައި ނަމޫނާއެއްގެ ގޮތުގައި ބެލެވުނެވެ. އެކްސައިޒް ޓެކްސް ބޮޑުކޮށް، ޕްލެއިން ޕެކޭޖިން ގާނޫނުތަކާއި އާންމު ސިއްހަތާ ގުޅުންހުރި ހަރުދަނާ ކެމްޕޭނުތަކާ އެކު ފިޔަވަޅުތަކުގެ ފައިދާ ފެނުނެވެ. ނަމަވެސް މާ ގިނަ ދުވަހެއް ނުވެ ފެނުނީ ދުންފަތުގެ އަގު ބޮޑުވި ނަމަވެސް ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންގެ މެދުގައި އެކަމަށް އޮންނަ ޑިމާންޑު އިތުރުވެގެން ދިޔަތަނެވެ.
ޓެކްސްތައް ބޮޑުކުރުމުން ސިނގިރޭޓާއި އެ ނޫން ވެސް ދުންފަތުގެ އެހެން ބާވަތްތަކުގެ އަގު އުފުލުނު ނަމަވެސް ނުގަވައިދުން ނުވަތަ ބްލެކް މާކެޓުގައި އެ ތަކެތީގެ ސަޕްލައި އިތުރުވި އެވެ. މިއާ އެކު ސިނގިރޭޓުން އެ ގައުމަށް ލިބެންޖެހޭ އާމްދަނީ ބޮޑުތަނުން ދަށަށް ދިޔަ ކަމަށް މިނިވަން އިކޮނޮމިކް ރިވިއުތަކުން ދައްކަ އެވެ.
ދުންފަތާ ދެކޮޅަށް އެޅި ފިޔަވަޅުތަކުގެ ފުރިހަމަ ނަތީޖާ ހާސިލްކުރުމުގައި އޮސްޓްރޭލިއާ ފެއިލްވީ އެ ގައުމުން އެކަމަށް އެކަށޭނަ ފިޔަވަޅުތައް ނޭޅުމުގެ ސަބަބުން ނުވަތަ ދުންފަތާ ދެކޮޅަށް މަސައްކަތް ކުރާނެ ވަސީލަތްތައް މަދުވެގެންނެއް ނޫނެވެ. އެ ގައުމުގައި ދުންފަތާއި ދުންފަތުގެ ބާވަތްތަކަށް އޮންނަ ޑިމާންޑު ނައްތާނުލެވުމަކީ ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމެވެ. މީގެ އިތުރުން ދުންފަތާ ދުރަށް ނުދެވި ތިބި މީހުންނަށް އެކަށޭނަ އޮލްޓަނޭޓިވްތަކެއް ނުދެވުމާއި އެ އަމަލާއި ދުރުވުމަށް ދޭންޖެހޭ އެއްބާރުލުމާއި އެހީތެރިކަން އެންމެ އެކަށޭނަ ގޮތުގައި ފޯރުކޮށް ނުދެވުމަކީ އޮސްޓްރޭލިއާގެ އެންމެ ބޮޑު ގޮންޖެހުމެވެ.
އޮސްޓްރޭލިއާއާ އަޅާކިޔާއިރު ރާއްޖޭގެ މާހައުލު ތަފާތު ނަމަވެސް ފެންނަމުންދަނީ ސަމާލުކަން ދޭންޖެހޭ ކަންތައްތަކެކެވެ.
ރާއްޖޭގައި ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންގެ ތަފާސްހިސާބަށް ބަލާއިރު:
ރާއްޖޭގެ އާބާދީގެ 18 އަހަރުން މަތީގެ މީހުންގެ ތެރެއިން ¼ މީހުންނަކީ ދުންފަތުގެ އިސްތިއުމާލު ކުރާ މީހުން
ފިރިހެނުންގެ އާބާދީގެ %40 މީހުން ދުންފަތުގެ އިސްތިއުމާލު ކުރޭ
ޒުވާނުންގެ ތެރޭގައި އެކްސްޕެރިމެންޓަކަށް ދުންފަތުގެ އިސްތިއުމާލު ކުރާ މީހުން ގިނަ
ދުންފަތާ ގުޅޭ ގޮތުން މީޑިއާއިން ކޮށްފައިވާ ރިޕޯޓުތަކަށް ބަލާއިރު، ރާއްޖޭގައި ވެސް ގާނޫނާ ހިލާފަށް ސިނގިރޭޓު އެތެރެކޮށް އޭގެ ވިޔަފާރިކުރާކަން އެނގެ އެވެ. ޖެނެރޭޝަނަލް ބޭންގެ ކުރިން ވެސް މިއީ ހިނގަމުން ދިޔަ ކަމެއްކަން މީޑިއާ ރިޕޯޓުތަކުން ކަށަވަރުވެ އެވެ.
ދުންފަތާ ދެކޮޅަށް ގިޔަވަލުތައް އަޅާއިރު ވިސްނަންޖެހޭ ކަމަކީ، އެއަށް އޮންނަ ޑިމާންޑު ވަރުގަދަ ހާލަތްތަކުގައި ޓެކްސް ބޮޑުކޮށް އޭގެ އަގު ބޮޑުކުރި ނަމަވެސް ނެރެން ބޭނުންވާ ނަތީޖާ ނުނުކުންނާނެ އެވެ. ބްލެކްމާކެޓުގެ ސަޕްލަޔަރުންނަށް ލިބޭ ފުރުސަތުތައް ނައްތާލުމަށް ޕޮލިސީ ލެވެލްގައި ކޮންމެހެން އިސްކަން ދީގެން ހައްލު ކުރަންޖެހޭ ކަމެކެވެ.
އޮސްޓްރޭލިއާގައި ދިމާވި ހާލަތަކީ އިކޮނޮމިކް އިންސެންޓިވްތަކާ އެކު ކޮމްޕްލެކްސިޓީ އިތުރުވެގެން ދިޔުމެވެ. އަގުތައް ބޮޑުވުމުގެ ސަބަބުން ބްލެކްމާކެޓުގައި ވިއްކާ ދުންފަތަށް ޑިމާންޑު ބޮޑުވުމެވެ.
ރާއްޖޭގައި ވެސް ސިނގިރޭޓާއި ދުންފަތުގެ ޑިޔުޓީތައް ބޮޑުވެ، ޓެކްސް ބޮޑުކުރުމުން ބްލެކްމާކެޓުގައި ވިއްކާ ސިނގިރޭޓަށް އޮންނަ ޑިމާންޑު އުފުލި އެފަދަ ވިޔަފާރިތަކަށް ލިބޭ ފައިދާތައް އިތުރުވާނެކަމަށް ވިސްނަންޖެހެ އެވެ.
ދުންފަތް ކޮންޓްރޯލު ކުރުމަށް އޮސްޓްރޭލިއާ އިން އެޅި ފިޔަވަޅުތަކުގެ ނަތީޖާއަކީ ރެގިޔުލޭޓަރީ ރެސްޓްރިކްޝަންސްތަކާއެކު އަގުތައް ކޮންޓްރޯލު ކުރުމުން ނުރަސްމީ މާކެޓުގައި ވިއްކާ ދުންފަތަށް އޮންނަ ޑިމާންޑު އިތުރުވެގެން ދިޔުމެވެ. މިއީ ކުއްލިއަކަށް އައި ބަދަލެއް ނޫނެވެ. ސިޔާސަތުތަކަށް ވުރެ ބޮޑަށް މިއީ ބިހޭވިއަރަލް، އިކޮނޮމިކް އަދި ލޮޖިސްޓިކަލް ޕްރެޝަރުތަކުގެ ނަތީޖާ އެވެ.
އޮސްޓްރޭލިއާގެ ތަޖުރިބާ އަކީ ރާއްޖޭގެ މުސްތަގުބަލުގައި ކަންވެދާނެ ގޮތް ނޫން ނަމަވެސް މިއީ ދުންފަތާ ދެކޮޅަށް އަޅާ ހަރުކަށި ފިޔަވަޅުތަކާއި ޓެކްސްތައް ބޮޑުކުރުމުގެ ސަބަބުން ނުކުމެދާނެ ނަތީޖާ އެވެ.
ދުންފަތް ކޮންޓްރޯލް ކުރުމަށް ދުނިޔޭގައި އަޅާ އެންމެ ހަރުދަނާ ފިޔަވަޅީ ގަވައިދާ ހިލާފު ބާޒާރުތަކަށް އޮންނަ ޑިމާންޑު ނައްތާލުމެވެ. އަދި ރެގިއުލޭޓެޑް އޮލްޓަނޭޓިވްސްތަކާ އެކު ދުންފަތް ކޮންޓްރޯކު ކުރުމެވެ.
ދުންފަތާ ދެކޮޅަށް ރާއްޖެ އިން މިހާރު ގެންގުޅޭ ސިޔާސަތަކީ ހަރުދަނާ ސިޔާސަތެއް ނަމަވެސް އޭގެ ދިގުމުއްދަތުގެ އަސަރު ބިނާވާނީ ދުންފަތާ ދެކޮޅަށް އަޅާ ސިޔާސަތުތަކަށް އެ ބޭނުންކުރާ މީހުން އިޖާބަދޭ ގޮތެއްގެ މައްޗަށެވެ. އެ ފިޔަވަޅުތަކަށް އެމީހުން އަމަލުކޮށްގެންނެވެ. ދުންފަތާ ދުރުވާން ބޭނުންވާ އޮލްޓަނޭޓިވްސް ތައާރަފުކޮށް، ބްލެކް މާކެޓު ނައްތާލުމަކީ ދެމެހެއްޓެނިވި ގޮތެއްގައި މި ފިޔަވަޅުތައް ތަންފީޒު ކުރަން މުހިއްމު ކަމެކެވެ.
އޮސްޓްރޭލިއާގެ ތަޖުރިބާ އިން ރާއްޖެއަށް އޮތް ފިލާވަޅަކީ ހަރުކަށި ގާނޫނުތަކެއްގެ ބަދަލުގައި ދުޅަހެޔޮ ޖީލެއްގެ ދިގު ރާސްތާގެ ލަނޑުދަނޑިތައް ހާސިލްކުރުމުގެ މުހިއްމުކަމެވެ.
ދުންފަތާ ދެކޮޅަށް އޮސްޓްރޭލިއާއިން އެޅި ހަރުކަށި ފިޔަވަޅުތަކާއި ލިބުނު ފިލާވަޅު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ