ސަރުކާރުން ހިންގާ "ބޯހިޔާވެހިކަން އެންމެންނަށް" މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދިރިއުޅުމަށް ބިން ދޫކުރާ އުސޫލުގެ ދަށުން ގޯތި ދޫކުރަން ހަމަޖެހިފައިވާ ގޮތް ހައުސިން މިނިސްޓްރީން ހާމަކޮށްފި އެވެ.
މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި މާލޭ ރަށްވެހިންނަށް ޖުމްލަ 10،000 ގޯތި ދޫކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އޭގެ އިތުރުން މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރަށްވެހިންނަށް 3،000 ގޯތި އަދި ހާއްސަ އިސްކަންދެވޭ ކެޓަގަރީން 2،000 ގޯތި ދޫކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
މާލޭގެ ރަށްވެހިންނަށް ދޫކުރާ 10،000 ގޯތީގެ ތެރެއިން 7،000 ގޯއްޗަކީ އުފަންވީއިރުން ފެށިގެން މާލޭ ގެއެއްގެ ރަޖިސްޓްރީގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކެވެ.
ބާކީ 3،000 ގޯތީގެ ތެރެއިން 1،000 ގޯއްޗަކީ މާލޭ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ދޫކުރާ ގޯތި ކަމަށްވާއިރު، 2،000 ގޯއްޗަކީ ފަހުން މާލޭ ގެއެއްގެ ރަޖިސްޓްރީގައި ރަޖިސްޓްރީވެފައިވާ ގޯއްޗެވެ.
ހާއްސަ އިސްކަން ދޭ ކެޓަގަރީގެ ތެރެއިން މައިމުޅަވުމުގެ ސަބަބުން ގޯތިގެދޮރު މިލްކުކުރުމުން މަހުރޫމްވެފައިވާ ފަރާތްތަކަށް 500 ގޯތި ދޫކުރާއިރު، މާލޭގެ ހަނި ގޯޅިތަކުގައި ހުރުމުގެ ސަބަބުންނާއި އަދި އެ ބިމެއް ތަރައްގީކުރުމަށް ދަތިވާ ގޯތިތަކާ ލާޖައްސައިގެން ގޯތި ބަދަލުކުރާ ފަރާތްތަކަށް 1،500 ގޯތި ދޫކުރެ އެވެ.
ސަރުކާރުން 15،000 ގޯތި ދިނުމަށް މަސައްކަތް ކުރަމުންދަނީ ރަސްމާލެއިންނެވެ. ނަމަވެސް ރަސްމާލެ ހިއްކުމުގެ މަސައްކަތް އަދިވެސް ދަނީ ކުރިއަށެވެ. އެތަން މި އަހަރު ހިއްކާ ނިމޭނެ ކަމަށް މުހައްމަދު މުއިއްޒު ވިދާޅުވި ނަމަވެސް ހިއްކާ ނިމުމާ ގާތަށް ވެސް މަސައްކަތް ކުރިއަށް ނުދެ އެވެ.
ރަސްމާލެ މަޝްރޫއަށް ބަލާއިރު، ޑިސެމްބަރު 18، 2023 ގައި ހިއްކަން ފެށި ރަސްމާލެ ހިއްކުމުގެ މަޝްރޫއުގައި ހިމެނޭ ޖުމްލަ 1153 ހެކްޓަރުގެ ތެރެއިން މިދިޔަ މި މަހުގެ އަށް ވަނަ ދުވަހުގެ ނިޔަލަށް ހިއްކުނީ އެންމެ 21 ޕަސެންޓެވެ. އެއީ 215 ހެކްޓަރެވެ.
މުއިއްޒު ވިދާޅުވީ ފުރަތަމަ ބުރުގައި ރަސްމާލެއިން ގޯތިތައް ދޭނީ 18 އަހަރުން މަތީގެ މީހުންނަށް އަމާޒުކޮށްގެން އެކަމަށް އެންމެ ބޭނުން ޖެހިފައިވާ މީހުންނަށް ފުރަތަމަ ލިބޭނެ ނިޒާމުގެ ތެރެއިން އާއިލީ ބޯހިޔާވެހިކަމުގެ ކޮންސެޕްޓުގެ ދަށުން ކަމަށެވެ.
މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ގޯތި ދޫކުރަން ހަމަޖެހިފައިވާ ގޮތް ހާމަކޮށްފި މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ގޯތި ދޫކުރަން ހަމަޖެހިފައިވާ ގޮތް ހާމަކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ