ޓެރަރިސްޓް ޖަމާއަތް، އިސްލާމިކް ސްޓޭޓް (އައިއެސް)ގެ މީޑިއާ ކެމްޕޭނުތައް ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވާ ކަމަށް ތުހުމަތުވާ ހޫދު މުހައްމަދު ޒާހިރު 23 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.
ވީ ކިހިނެއް؟ - ހޫދު ހައްޔަރުކުރީ އެފްބީއައި އާއި ބޭރުގެ އިންޓެލިޖެންސް އެޖެންސީތަކުގެ އެހީތެރިކަމާ އެކު ޖެނުއަރީ 2022 ގަ އެވެ.
ތަފްސީލް - އޭނާއަކީ ތަފާތު އެކި ދުވަސްމަތިން އެކި ނަންނަމުގައި ޝޯޝަލް މީޑިއާ އެޕްލިކޭޝަންތަކުގައި އެކައުންޓުތައް ހަދާ، އޭނާގެ ފޯނުން އެ އެކައުންޓްތައް ބޭނުންކޮށް އައިއެސްއާ ގުޅުން ހުރި މައުލޫމާތާއި ހަބަރު ގެނެސްދޭ ސޯޝަލް މީޑިއާގެ އޮންލައިން ގްރޫޕްތަކުގައި ހަރަކާތްތެރިވާ މީހެއް ކަމަށް ތުހުމަތުކޮށްފައިވެ އެވެ.
މީގެ އިތުރުން އައިއެސްގެ ޕްރޮޕެގެންޑާ ފެތުރުމަށް ބޭނުންކުރާ ލިޔުންތައް އެހެން މީހުންނަށް ފޯރުކޮށްދީ، އެކި ބަސްބަހުން ތައްޔާރުކޮށްފައިވާ ލިޔެކިޔުންތައް ތަރުޖަމާކުރަން އެކި މީހުންނާ މުއާމަލާތުކޮށްގެން އެ މަސައްކަތްކޮށް، ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި އައިއެސްއަށް ތާއީދުކުރާ ކަމަށް ވެސް ތުހުމަތުކުރެ އެވެ.
ހޫދަކީ އައިއެސްގެ ހަބަރު ފަތުރާ މީޑިއާ އޮޕަރޭޓްކުރާ މެންބަރެއް ކަމަށް ވެސް ތުހުމަތު ކުރޭ
އޭނާގެ ވަކި ވަކި އަމަލުތަކަށް ރިއާޔަތްކޮށް މިދިޔަ 18 އޭޕްރީލްގައި ފަސް ދައުވާއެއް ވަނީ ކޮށްފަ އެވެ.
މީގެ ތެރެއިން ހޫދުގެ މައްޗަށް ސާބިތުވީ؛
ޓެރަރިސްޓް ޖަމާއަތެއްގެ މެންބަރަކަށްވުން؛ 15 އަހަރަށް ޖަލަށް ލާން ހުކުމް ކުރި
ޓެރަރިސްޓު ޖަމާއަތަކަށް ތާއީދު ކުރުން؛ 5 އަހަރަށް ޖަލަށް ލާން ހުކުމް ކުރި
ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރާ މީހެއްކަމަށް ދޭހަވާ ފަދަ ލިޔުމާއި، ކުރެހުމާއި، ފޮޓޯ ގެންގުޅުން؛ 3 އަހަރަށް ޖަލަށް ލާން ހުކުމް ކުރި
އޭނާގެ މައްޗަށް އުފުލި އިންޓަނެޓް މެދުވެރިކޮށް ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރު ދިނުމުގެ ދައުވާ އާއި އިންޓަނެޓް މެދުވެރިކޮށް ޓެރަރިސްޓް ޖަމާއަތެއްގެ ލިޔެކިޔުންތައް ފެތުރުމުގެ ދައުވާ ސާބިތު ނުވާ ކަމަށް ވެސް ކޯޓުން މިއަދު ހުކުމްކުރި އެވެ.
އައިއެސް މީހެއް ކަމަށް ބުނާ ހޫދު 23 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ