އާމްދަނީ އިތުރުވެ، ޕީއެސްއައިޕީ މަޝްރޫއުތަކުގެ އިންވެސްޓްމަންޓްތައް ހަރުދަނާވެއްޖެ

ފަތުރުވެރިކަމުގެ ދާއިރާގެ ތަކެއްޗާއި ހިދުމަތްތަކުން ނަގާ ޓެކްސް (ޓީޖީއެސްޓީ) އިތުރުވުމުގެ ސަބަބުން ދައުލަތަށް ލިބޭ އާމްދަނީ އިތުރުވެ، ޕީއެސްއައިޕީ މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ހަލުއިވާން ފަށާފައިވާ ކަމަށް ފިނޭނސް މިނިސްޓްރީން ބުނެފިއެވެ.
ފިނޭންސް މިނިސްޓްރީން އާންމުކުރި ވީކްލީ ފިސްކަލް ރިޕޯޓުގައި ބުނާ ގޮތުގައި، މި މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީ އާއި ހިލޭ އެހީ ވަނީ 36.9 ބިލިއަން ރުފިޔާއަށް އަރާފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 33.1 ބިލިއަން ރުފިޔާއާ އަޅާބަލާ އިރު 3.8 ބިލިއަން ރުފިޔާ ނުވަތަ 11.5 ޕަސެންޓްގެ އިތުރު ވުމެކެވެ.
އެ ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، ފާއިތުވި ހަފްތާގައި އާމްދަނީ އެންމެ ބޮޑަށް އިތުރުވީ ޓީޖީއެސްޓީ އިންނެވެ. ޖުމްލަ ޓީޖީއެސްޓީގެ ގޮތުގައި 10.1 ބިލިއަން ރުފިޔާ ލިބިފައިވާ އިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 8.8 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 1.3 ބިލިއަން ރުފިޔާ ނުވަތަ 15.1 ޕަސެންޓްގެ އިތުރުވުމެކެވެ. ޖުމްލަ ގޮތެއްގައި ބަލާއިރު، ޖީއެސްޓީގެ ގޮތުގައި 15.2 ބިލިއަން ރުފިޔާ ލިބިފައިވާ އިރު، އޭގެ ތެރެއިން ބޮޑު ބައި ހިއްސާކުރަނީ ޓީޖީއެސްޓީއެވެ.
އާމްދަނީގެ އިތުރު ބައިތަކަށް ބަލާއިރު، ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު 25.0 ބިލިއަން ރުފިޔާއާ އަޅައިބަލާ އިރު 2.5 ބިލިއަން ރުފިޔާ އިތުރުވެ 27.5 ބިލިއަން ރުފިޔާއަށް (10.0 ޕަސެންޓް) އިތުރުވެފައިވެއެވެ. ޓެކްސް ނޫން ގޮތްގޮތުން ލިބުނު އާމްދަނީ 7.5 ބިލިއަން ރުފިޔާއިން 9.1 ބިލިއަން ރުފިޔާއަށް 21.2 ޕަސެންޓް އިތުރު ވެފައި ވެއެވެ.
ޖުމްލަ ހަރަދުތައް 38.9 ބިލިއަން ރުފިޔާއަށް އަރާފައިވާ އިރު، ފާއިތުވި ހަފްތާގައި ހަރަދުތައް އިތުރުވި މައިގަނޑު ސަބަބަކީ ދަރަނީގެ ހިދުމަތަށް ކުރެވުނު ހަރަދުތަކުން ކަމަށް އެ ރިޕޯޓުން ދައްކައެވެ. ރިކަރަންޓް ހަރަދުތަކުގެ ތެރެއިން، މުހިންމު ހަރަދެއް ކަމަށްވާ ސަބްސިޑީތަކަށް 3.4 ބިލިއަން ރުފިޔާ ހަރަދުކުރެވިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ހަރަދު ކުރެވުނު 3.6 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 190.3 މިލިއަން ރުފިޔާ ނުވަތަ 5.3 ޕަސެންޓް ކުޑަ އަދަދެކެވެ.
އެ ރިޕޯޓުން ދައްކާ ގޮތުގައި ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) އަށް ޖުމްލަ 7.5 ބިލިއަން ރުފިޔާ ހަރަދުކުރެވިފައި ވެއެވެ. ޕީއެސްއައިޕީގެ ހަރަދުތަކުގެ ތެރެއިން އެންމެ ބޮޑު ބައި ހަރަދުކޮށްފައި ވަނީ ދަތުރުފަތުރުގެ ދާއިރާއަށެވެ. އެގޮތުން، 4.4 ބިލިއަން ރުފިޔާ ހަރަދުކޮށްފައި ވާއިރު، އޭގެ ތެރޭގައި އެއާޕޯޓު ތަރައްގީ ކުރުމަށް 3.2 ބިލިއަން ރުފިޔާ އާއި ބްރިޖް ހެދުމަށް 870.3 މިލިއަން ރުފިޔާ ހިމެނެއެވެ.
ސިއްހީ ދާއިރާއަށް ކުރެވުނު ޕީއެސްއައިޕީ ހަރަދުތައް މިދިޔަ އަހަރުގެ އެ މުއްދަތުގައި ހުރި 145.5 މިލިއަން ރުފިޔާއިން 453.1 މިލިއަން ރުފިޔާއަށް ވަނީ އިތުރުވެފައެވެ. މިއީ 2024 ވަނަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 307.7 މިލިއަން ރުފިޔާ ނުވަތަ 211.5 ޕަސެންޓް އިތުރުވުމެކެވެ.
މީގެ އިތުރުން އެ ރިޕޯޓުން ދައްކާގޮތުގައި ދައުލަތުގެ ބަޖެޓްގެ ޑެފިސިޓް 2.0 ބިލިއަން ރުފިޔާއަށް ވަނީ ކުޑަވެފައެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ރިޕޯޓުކުރެވުނު 11.5 ބިލިއަން ރުފިޔާގެ ޑެފިސިޓަށްވުރެ 9.5 ބިލިއަން ރުފިޔާ ނުވަތަ 82.5 ޕަސެންޓް ކުޑަ ޑެފިސިޓެކެވެ. ޕްރައިމަރީ ބެލެންސް 2.5 ބިލިއަން ރުފިޔާގެ ސަރަޕްލަސްއަކަށް ވަނީ ރަނގަޅުފައެވެ. މިއީ ކުރީ އަހަރުގެ މި މުއްދަތުގައި ހުރި 6.9 ބިލިއަން ރުފިޔާގެ ޕްރައިމަރީ ޑެފިސިޓްއާ އަޅާބަލާއިރު ފާހަގަކޮށްލެވޭ ކުރިއެރުމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ