ކުވޭތުގައި 18 އަހަރުން ދަށުގެ ކުދިންނަށާއި، ކެފޭތަކުގައި އެނާޖީ ޑްރިންކް ވިއްކުން މަނާކޮށްފި

ކުވޭތުގެ ރެސްޓޯރެންޓުތަކާއި ސަރުކާރުގެ އޮފީސްތަކާއި ސްކޫލްތަކުގައި އެނާޖީ ޑްރިންކް ބޭނުންކުރުން މަނާކޮށްފިއެވެ. ކުވޭތުގެ ސިއްޙަތާބެހޭ ވަޒީރު ޑރ. އަހުމަދު އަބްދުލްވާހާބު އަލް އަވާދީ އިއުލާންކުރެއްވި ނިންމެވުމުގެ ދަށުން، އެނާޖީ ޑްރިންކް ވިއްކޭނީ ހަމައެކަނި 18 އަހަރުން މަތީގެ މީހުންނަށެވެ. އަދި ކޮންމެ މީހަކަށް ދުވާލަކު ބޭނުންކުރެވޭނީ ދެ ދަޅު ކަމަށާއި، 250 މިލިލީޓަރުގެ ފުޅިއެއްގައި ކެފެއިން ހުންނަންވާނީ 80 މިލިގްރާމަށް ވުރެ ދަށުގައި ކަމަށް އެ ނިންމެވުމުގައިވެއެވެ. މީގެ އިތުރުން، އެނާޖީ ޑްރިންކުގެ ބާވަތްތައް ބަންދުކުރާއިރު ސިއްޙީ އިންޒާރު ސާފުކޮށް އެނގޭނެހެން ޖަހަން ޖެހޭއިރު، އެނާޖީ ޑްރިންކްތަކާ ގުޅުން ހުރި ހުރިހާ ވިޔަފާރީގެ އިޝްތިހާރުތަކާއި ސްޕޮންސަޝިޕްތައްވެސް އެ ނިންމެވުމުގެ ދަށުން ވަނީ މަނާކޮށްފައެވެ. އެ ނިންމެވުމުގައިވާ ގޮތުން ހުރިހާ ސްކޫލްތައް ހިމެނޭ ގޮތަށް އާންމު އަދި އަމިއްލަ ތައުލީމީ ހުރިހާ މުއައްސަސާތަކެއްގެ އިތުރުން ޕަބްލިކް އަދި ޕްރައިވެޓް އިންސްޓިޓިއުޓްތަކާއި ޔުނިވާސިޓީތަކުގައި އެނާޖީ ޑްރިންކް ވިއްކުމާއި ދައުރުކުރުން މަނާ ވާނެއެވެ. އޭގެ އިތުރުން ރެސްޓޯރެންޓްތަކާއި، ކެފޭތަކާއި، ކާބޯތަކެތި ވިއްކާ ތަންތަނާއި، ސެލްފް ސާވިސް ވެންޑިން މެޝިންތަކުގައި އެނާޖީ ޑްރިންކް ވިއްކުން ވަނީ މަނާކޮށްފައެވެ. އެފަދަ ބާވަތްތައް އޯޑަރުކޮށް ޑެލިވާ ކޮށްދިނުންވެސް މަނާކޮށްފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ