ކޯޓުތަކުގައި އެކި ސަބަބުތަކާ ހުރެ އެއް އަހަރަށް ވުރެ ދިގުލައިގެން ގޮސްފައިވާ 13،000އަށް ވުރެ ގިނަ މައްސަލަ އެބައޮތް ކަމަށާއި މި އަހަރު އެންމެ ބޮޑު އެއް އިސްކަމެއް ޝަރުއީ ދާއިރާއިން ދޭނީ އެ މައްސަލަތައް ނިންމުމަށް ކަމަށް އުއްތަމަފަނޑިޔާރު އަބްދުލްގަނީ މުހައްމަދު މިރޭ ވިދާޅުވެއްޖެ އެވެ. އެކަން ކުރުމަށްޓަކައި ވިލަރެސް ކުރުމަށް ހާއްސަ ޓާސްކްފޯހެއް އެކުލަވާލައްވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ވީ ކިހިނެއް؟ - އުއްތަމަފަނޑިޔާރު މިގޮތަށް ވިދާޅުވީ، ގަލޯއީ އަހަރު އިފްތިތާހު ކުރުމަށް މިރޭ ހުޅުމާލޭގައި ހުންނަ ސީއެޗުއެސްސީ ސްކޫލްގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި އެ މަނިކުފާނު އިއްވެވި ބަޔާނުގަ އެވެ.
ތަފްސީލު - ރައީސް މުހައްމަދު މުއިއްޒު ޝަރަފުވެރިކޮށްދެއްވި އެ ރަސްމިއްޔާތުގައި އަބްދުލްގަނީ ވިދާޅުވީ، ކޯޓުތައް ހަރުދަނާކަމާ އެކު ހިނގާ ކަމަށް ގަބޫލު ކުރެވޭނީ ލަސްވުމެއްނެތި އިންސާފު ގާއިމްވެގެންދާ ތަން ފެނިގެން ކަމަށެވެ. އިންސާފު ލަސްވުމަކީ އިންސާފު ނުލިބުންކަން އެންމެން ވެސް ގަބޫލު ކުރާކަން ފާހަގަކުރައްވައި އެ މަނިކުފާނު ވިދާޅުވީ، އަމިއްލަ ބާރު ނުފޯރާ ސަބަބުތައް ވެސް ހިމެނޭހެން އެކިއެކި ސަބަބުތަކާ ހުރެ ދިގު މުއްތަކަށް ދިގުލައިގެން ގޮސް ނުނިމި ހުރި ގިނަ މަސައްލަތަކެއް ކޯޓުގައި ހުރުމަކީ ހިތާމައެއް ކަމަށެވެ.
"އެހެންކަމުން، 2026 ވަނަ އަހަރު ޝަރުއީ ދާއިރާއިން ހާސިލުކުރަން ބޭނުންވާ އެންމެ މުހިންމު އެއް ލަނޑުދަނޑިއަކީ، އިންސާފު ލަސްވެފައިވާ މައްސަލަތަކަށް އަމާޒުކޮށްގެން ހާއްސަ މަސައްކަތްތަކެއްކޮށް، އަވަސްކަމާ އެކު އެ މައްސަލަތަކުގައި އިންސާފު ގާއިމްކުރުން،" މިދިޔަ އޮގަސްޓު މަހު އުއްތަމަފަނޑިޔާރުގެ މަގާމަށް އައްޔަން ކުރެއްވި އަބްދުލްެގަނީ، އޭނާގެ ފުރަތަމަ ގަލޯއީ އަހަރުގެ ބަޔާނުގައި ވިދާޅުވި އެވެ.
"2025 ވަނަ އަހަރު ނިމިގެން ދިޔައިރު، އެއް އަހަރުދުވަހަށް ވުރެ ދިގު މުއްދަތެއް ފާއިތުވެފައިވާ 13،032 މައްސަލަ ބެކްލޮގްގެ ގޮތުގައި އެބައޮތް... އަޅުގަނޑުމެންގެ އަމާޒަކީ 2026 ވަނަ އަހަރު ނިމިގެންދާއިރު ރާއްޖޭގެ ޝަރުއީ ދާއިރާއަކީ، އިންސާފު ނުލިބި ލަސްވެފައިވާ މައްސަލައިން ނުވަތަ ބެކްލޮގުން ސަލާމަތްވެފައިވާ ހަރުދަނާ، ޒިންމާދާރު ދާއިރާއަކަށް ހެދުން."
އެ ބެކްލޮގް ނިންމުމަށްޓަކައި ރާވާފައިވާ ގޮތް ވެސް އެ މަނިކުފާނުގެ ބަޔާނުގައި ވިދާޅުވެދެއްވި އެވެ. އެގޮތުން، އެ މަނިކުފާނު ވިދާޅުވީ:
މިއަހަރު ތެރޭ އަލަށް 21،000އަށް ވުރެ ގިނަ މައްސަލަ ކޯޓުތަކަށް ހުށަހެޅޭނެ ކަމަށް ބެލެވޭ
މިހާރު އޮތް ބެކްލޮގް ސާފު ކުރާނީ، އަލަށް ހުށަހެޅޭ މައްސަލަތައް ވެސް މަޑުޖެހުމެއް ނެތި ކުރިއަށްދާ ގޮތަށް އިންތިޒާމްކޮށްގެން
ލަސްވެފައިވާ މައްސަލަތަކުގެ ބެކްލޮގް ސާފުކުރުމަށްޓަކައި ވިލަރެސްކުރުމަށް ވަކި ހާއްސަ ޓާސްކްފޯހެއް އެކުލަވާލާނަން
މި ޓާސްކްފޯސް އެކުލަވާލާނީ އަންނަ އަންގާރަ ދުވަހު
"އެ ޓާސްކްފޯހުން މީގެ ތެރެއިން ކޮންމެ މައްސަލައެއް ނުނިމި އޮތް ސަބަބު ސީދާ އެ މައްސަލަ ހަވާލުކުރެވިފައިވާ މެޖިސްޓްރޭޓް، ގާޒީ، ފަނޑިޔާރުގެ ގާތުގައި އަހާ އޮޅުން ފިލުވުމަށް ފަހު، ނުނިމި އޮތް ސީދާ ސަބަބު ރަނގަޅަށް ސާފުކޮށް، އެ މައްސަލަ ކުރިއަށް ގެންދިޔުމުގައި މަގުފަހިކޮށްދެވޭނެ،" އެ މަނިކުފާނު ވިދާޅުވި އެވެ.
"މިއިން މައްސަލައެއް ނުނިމި ލަސްވެފައިވާނީ، ދައުލަތުގެ އެއްވެސް އިދާރާއަކުން ލިބެން ޖެހޭ އެހީތެރިކަން ނުލިބިގެން ކަމަށްވާ ނަމަ، އެ އިދާރާއަކާ މަޝްވަރާކޮށްގެން އެކަމުގެ މަސައްކަތް ކުރެވިގެންދާނެ."
އެ ޓާސްކްފޯހުން ކުރާ ކޮންމެ މަސައްކަތެއް ވަކިވަކިން ލޮގްކޮށް، ރަނގަޅަށް ބެލެހެއްޓިގެންދާނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
"މި މަސައްކަތުގެ ތެރެއިން، އަޅުގަނޑުމެންގެ އިޖުތިމާއީ ކަންބޮޑުވުމެއްގެ ގޮތުގައި އޮތް ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ މީހުންގެ މައްސަލަތަކަށް ވެސް ހައްލު ލިބިގެންދާނެ،" އަބްދުލްގަނީ ވިދާޅުވި އެވެ.
ފާހަގަކޮށްލެވޭ ކަމެއް - އަހަރަކަށް ވުރެ ގިނަ ދުވަސްވީ 13،000އަށް ވުރެ ގިނަ މައްސަލަތައް އެބައޮތް ކަމަށް އުއްތަމަފަނޑިޔާރު މިރޭ ހާމަ ކުރެއްވިއިރު، ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ގިނަ ދުސްތޫރީ މައްސަލަތަކެއް ވަނީ ކުރިއަށް ނުގެންގޮސް މެދުކަނޑާލާފަ އެވެ. އެ މައްސަލަތަކުގެ އަޑުއެހުންތައް ވެސް ނުބާއްވާތާ އެތައް ދުވަހެއް ވެއްޖެ އެވެ.
އޭގެ ތެރޭގައި މަޖިލިސް މެންބަރުން ޕާޓީން ވަކިކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް އަވަސް އަރުވާލައިގެން އެއް ދުވަހުން ގެނައި އިސްލާހު ބާތިލު ކުރުމުގެ މައްސަލަ ވެސް ހިމެނެ އެވެ.
ކޯޓުތަކުގައި އަހަރަކަށް ވުރެ ގިނަ ދުވަސްވީ 13،000 މައްސަލަ ނިންމުމަށް ޓާސްކްފޯހެއް ހަދާނަން: އުއްތަމަފަނޑިޔާރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ