ދައުރުގެ ދެވަނަ ޖަލްސާ ސަބަބެއް އެންގުމެއް ނެތި، ފަސްކޮށްފި

މާދަމާ ބާއްވާނެ ކަމަށް އިއުލާނުކުރި ރައްޔިތުންގެ މަޖިލީހުގެ މި ދައުރުގެ ދެވަނަ ޖަލްސާ ސަބަބެއް އެންގުމެއް ނެތި، އަންނަ އަންގާރަ ދުވަހަށް ފަސްކޮށްފިއެވެ. މިދިޔަ ބުރާސްފަތި ދުވަހު މަޖިލީހުގެ މި އަހަރުގެ ދައުރު ފަށައި، ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ ބަޔާން އިއްވެވި ޖަލްސާ ނިންމަވާލައްވަމުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ، މާދަމާ 09:00 ޖަލްސާއެއް އޮންނާނެކަން އިއުލާނުކުރައްވާފައެވެ. 'ސަން'އަށް މައުލޫމާތު ދެއްވި މަޖިލީހުގެ މެންބަރަކު ވިދާޅުވި ގޮތުގައި، އެ ޖަލްސާއަށް ހާޒިރުވާން އެންގީ އިއްޔެ 16:50ގައެވެ. އެކަމަކު، ރޭ 23:12ގައި ސަބަބެއް އެންގުމެއް ނެތި އެ ޖަލްސާ އަންނަ އަންގާރަ ދުވަހަށް ފަސްކޮށްފައިވާކަން މަޖިލީހުގެ އިދާރާއިން އަންގާފައިވާ ކަމަށް އެ މެންބަރު ވަނީ ވިދާޅުވެފައެވެ. އަންނަ އަންގާރަ ދުވަހަށް ޖަލްސާ ފަސްކުރިއިރު، ލޯކަލް ކައުންސިލް އިންތިޚާބަށް ކެމްޕެއިން ކުރުމަށް ބައެއް މެންބަރުން އަންނަނީ އަތޮޅުތަކަށް ދަތުރު ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ