ސައޫދީ އާއި ޕާކިސްތާނާއެކު އަސްކަރީ އެލަޔަންސެއްގައި ތުރުކީ ބައިވެރިވަނީ
އަންކަރާ (10 ޖަނަވަރީ 2026): މިދިޔަ އަހަރު ޕާކިސްތާނާއި ސައޫދީ އަރަބިޔާ ގުޅިގެން އެކުލަވާލި ދިފާއީ އެއްބަސްވުމުގައި ބައިވެރިވާން ތުރުކީ ގަސްދުކުރާކަމަށް ތުރުކީގެ ވަރަށް އިތުބާރުހުރި މަސްދަރަކާ ހަވާލާދީ "ބްލޫމްބާގް" ބުނެފިއެވެ. ބްލޫމްބާގް ނިއުސް އެޖެންސީ ބުނާގޮތުން ތުރުކީ ގެންދަނީ މި އެއްބަސްވުމުގައި ބައިވެރިވުމަށް ޕާކިސްތާނާއި ސައޫދީ އާ ވާހަކަ ދައްކަމުންނެވެ. ތުރުކީ މި އެއްބަސްވުމުގައި ބައިވެރިވާން ބޭނުންވަނީ ޔަހޫދީ އިސްރާއީލުން އަރަބި އިސްލާމީ ގައުމުތައް ބައިބައިކޮށް ސަރަހައްދުގައި ހަންފަތުރަން ކުރަމުންގެންދާ މަސައްކަތްތައް ކަންބޮޑުވާ ހިސާބަށް ގޮސްފައިވާތީ ކަމަށް ވެއެވެ. ދާދިފަހުން އިސްރާއީލު ވަނީ އަރަބި އިސްލާމީ ގައުމެއްކަމަށްވާ ސޮމާލިޔާގައި އަމިއްލައަށް ވަކިވެގަނެ ބަޣާވާތްކޮށްގެން އުޅޭ ސަރަހައްދެއް ކަމަށްވާ "ސޮމާލީ ލޭންޑް" އަކީ ދައުލަތެއްކަމަށް އިއުތިރާފުވެފައެވެ. އިސްރާއީލަކީ މި ބާޣީ ސަރަހައްދު ދައުލަތެއްގެ ގޮތުގައި ބަލައިގަތް ހަމައެކަނި ގައުމެވެ. މިކަމުގެ ސަބަބުން ސޮމާލިޔާ ވަނީ ބައިބައިވެފައެވެ. އަނެއްކޮޅުން ސޫދާނުގައި ހިނގަމުންދާ ދާޚިލީ ހަނގުރާމައިގެ ވެސް އެންމެ ފަހަތުގައިވަނީ އިސްރާއީލުކަމަށް ވަނީ ތުހުމަތު ކުރެވިފައެވެ. ސޫދާން ސަރުކާރު ތަކުރާރުކޮށް ތުހުމަތުކުރާ ގޮތުގައި ސޫދާނުގެ ބާޣީންނަށް ފައިސާ އާއި ވަސީލަތްތައް ދެނީ ގަލްފުގެ އަރަބި ގައުމެއްކަމަށްވާ ޔޫއޭއީންނެވެ. އަދި ޔޫއޭއީގެ ފަހަތުގައި ވަނީ އިސްރާއީލެވެ. ނަމަވެސް ޔޫއޭއީ މިކަން ދޮގުކުރެއެވެ. ޔޫއޭއީ އަކީ ވަރަށް ޚާއްސަ ގުޅުންތަކެއް އިސްރާއީލާއެކު ގާއިމްކޮށްފައިވާ އަރަބި ގައުމެކެވެ. ސޫދާން ގެ ރައީސް އަބްދުލްފައްތާހުލް ބުރުހާން ވިދާޅުވެފައިވާ ގޮތުގައި ސޫދާނުގެ ބާޣީންގެ ބޭނުމަކީ ބޭރުގެ ފަރާތްތަކުގެ މަސްލަހަތަށްޓަކައި ސޫދާން ބައިބައިކޮށްލުމެވެ. އަދި ސޫދާނުގެ ހުޅަނގުގައިވާ ރަނުގެ މައިންތަކަށް އަތްގަދަ ކުރުމެވެ. ސޫދާނުގެ ބާޣީންގެ ހަމަލާތަކުގައި އެގައުމުގެ ލައްކައަކަށް ވުރެގިނަ މީހުން މަރުވެފައިވާއިރު ހަތަރު މިލިޔަނަށްވުރެ ގިނަ މީހުން ވަނީ ހާލުގައި ޖެހިފައެވެ. ބާޣީންނާ ކުރިމަތިލުމަށް ބޭނުންވާ ގިނަ އަދަދެއްގެ ހަތިޔާރު ހޯދުމަށް ސޫދާންވަނީ ޕާކިސްތާނާއެކު މިދިޔަ އަހަރު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މި ހަތިޔާރު މިޖަނަވަރީ މަހުގެ ތެރޭގައި ޕާކިސްތާނުން ސޫދާނަށް ފޯރުކޮށްދޭނެކަމަށް ރިޕޯޓްތައް ބުނެއެވެ. ސޫދާނަށް ބޭނުންވާ ހަތިޔާރުގެ ޝިޕްމަންޓްތަކުގެ އަގު ޕާކިސްތާނަށް ދައްކަނީ ސައޫދީ ކަމަށްވެސް މި ރިޕޯޓްތައް ބުނެއެވެ. ސައޫދީގެ ރުހުންނެތި މިފަދަ ކަމެއް ޕާކިސްތާނުން ނުކުރާނެކަމަށްވަނީ ބެލެވިފައެވެ. ސައޫދީ ވަނީ ސޫދާން ބައިބައި ކުރުމާ ދެކޮޅުކަން ހާމަކޮށްފައެވެ. އަނެއްކޮޅުން ޔޫއޭއީގެ މަދަދު ލިބޭ ޔަމަންގެ ހަނގުރާމަވެރި ބާޣީ ޖަމާއަތެއްކަމަށްވާ ސަދަން ޓްރާންސިޝަނަލް ކައުންސިލްއިން ދެކުނު ޔަމަންގެ ނަމުގައި ޔަމަންގައި ވަކި ދައުލަތެއް އުފައްދަން ކުރި މަސައްކަތާ ދެކޮޅަށް ޔަމަންގެ ސަރުކާރާ ގުޅިގެން ސައޫދީ ދާދިފަހުން ވަނީ ވަރަށް ވަރުގަދަ އަސްކަރީ ހަމަލާތަކެއްދީ އެ ޖަމާއަތުގެ އަސްކަރީ ބާރު ފުނޑުފުނޑު ކޮށްލާފައެވެ. އަދި ޔޫއޭއީން ޔަމަނަށް ދަތުރުކުރާ އާގު ބޯޓުތަކުން ހަތިޔާރު އުފުލަފާނެކަމަށް ބަލައި ސައޫދީ ވަނީ އެކަމަށްވެސް ފާޅުގައި ހުރަސް އަޅާފައެވެ. ނަތީޖާއެއްގެ ގޮތުގައި ސަދަން ޓްރާންސިޝަނަލް ކައުންސިލް ރޫޅި އެޖަމާއަތުގެ ވެރިޔާ އީދުރޫސް އައްޒުބައިދީ މިދިޔަ ހަފްތާގައިވަނީ ޔަމަން ދޫކޮށް ސިއްރިޔާތުގައި ސޯމާލީލޭންޑަށް ދަތުރު ކުރުމަށްފަހު ސޮމާލީ ލޭންޑުން ޔޫއޭއީ އަށް ފިލާފައެވެ. އީދުރޫސް އައްޒުބައިދީ މިދިޔަ އަހަރު ސިއްރިޔާތުގައި އިސްރާއީލަށް ދިޔަކަމަށް ރިޕޯޓްތައް ބުނެއެވެ. އޭނާއާ ހަވާލާދީ އިސްރާއީލުގެ މަސްދަރެއް ބުނާގޮތުން އިސްރާއީލު އޮތީ ދެކުނު ޔަމަންގެ ނަމުގައި ވަކި ދައުލަތެއް އިއުލާންކޮށް ޔަމަން ބައިބައި ކޮށްލުމުން ވަކިވެގަތް ދެކުނު ޔަމަނަށް އިއުތިރާފްވާން ތައްޔާރީ ހާލަތުގައެވެ. ސަދަން ޓްރާންސިޝަނަލް ކައުންސިލް ގެ ބާރު ކަނޑުވާލުމަށް ޔަމަންގެ ސަރުކާރާއި ސައޫދީ ގުޅިފައިވާ ކޯލިޝަނުން ދިން ހަމަލާތަކަށް އަރަބިންގެ ބޮޑު ތާއީދެއްވަނީ ލިބިފައެވެ. ރިޕޯޓްތައް ބުނާގޮތުން އިސްރާއީލުގެ ބޭނުމަކީ ސޮމާލިޔާ ބައިބައިކޮށްލި ގޮތަށް ޔަމަން ބައިބައިކޮށްލައިގެން އަދަން ކަނޑުއޮޅިއަށް އަތްގަދަ ކުރުމެވެ. އިސްރާއީލަށް ފަލަސްތީނުގެ ބިމުގައި ދެމިއޮވެވޭނީ އަރަބި ގައުމުތައް ބައިބައިކޮށް އަރަބިންނަކީ އެއްބަޔަކު އަނެއް ބަޔަކާ ތަޅާފޮޅާ ބަޔަކަށް ހަދައިގެންކަމަށް ވަނީ ބެލެވިފައެވެ. އިސްރާއީލު ސައޫދީ ދެކެ ރުޅިއައިސްފައިވަނީ ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފެއްދުމަށް އިސްރާއީލު އެއްބަސްވެ އެކަންކުރުމުގެ ކުރިން އިސްރާއީލާ ގުޅުންތައް ގާއިމް ކުރުމަށް ސައޫދީ ތަކުރާރުކޮށް ދެކޮޅު ހެދުމުގެ ސަބަބުންކަމަށް އިސްރާއީލުގެ މީޑިއާތައް ބުނެއެވެ. ޔަމަންގެ ދެކުނުގައި ވަކި ދައުލަތެއް އުފެއްދުމުގައި އިސްރާއީލުގެ ބޭނުމަކީ އެދައުލަތުގައި އަސްކަރީ ގޮތުން ފައިހަރުކޮށްލައިގެން އިސްރާއީލަށް އިއުތިރާފްވުމަށް ސައޫދީ އަށް ޕްރެޝަރު ކުރުމާ އަދި އިސްރާއީލުގެ އަނިޔާވެރިކަމާ ދެކޮޅަށް ޖިހާދު ކުރާ ޔަމަންގެ ހޫޘީންނާ އަސްކަރީ ކުރިމަތިލުން ކަމަށް މުހައްލިލުން ވިދާޅުވެއެވެ. ޕާކިސްތާނާއި ސައޫދީ އަރަބިޔާ ގުޅިގެން އެކުލަވާލި ދިފާއީ އެއްބަސްވުމުގައި ބައިވެރިވާން ތުރުކީ ގަސްދުކުރާ މައިގަނޑު އެއް ސަބަބަކީ މިކަންކަމާ ކުރިމަތިލާނެ އިސްލާމީ އެލަޔަންސެއް އުފެއްދުންކަމަށް ބްލޫމްބާގް ބުނެއެވެ. ސައޫދީ އާއި ޕާކިސްތާން އަދި ތުރުކީ އަކީ އެމެރިކާއާ ވަރަށް ގުޅުންބޮޑު ގައުމުތަކެއްކަމުން މި ތިން ގައުމަށް އެމެރިކާގެ ނުރުހުމުގައި އިސްރާއީލާ ދެކޮޅަށް ބުރަދަން ހުރި ކަމެއް ކުރެވިދާނެތޯ މުހައްލިލުން ސުވާލު އުފައްދައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ