މިދިޔަ އަހަރު ނޭވާލާ ނިޒާމުގެ 370،000އަށް ވުރެ ގިނަ ކޭސް؛ ކޮވިޑުގެ 183 ކޭސް

ނޭވާލާ ނިޒާމަށް ޖެހޭ ބަލިތަކުގައި މިދިޔަ އަހަރު 370،000އަށް ވުރެ ގިނަ ކޭސް ރިޕޯޓުކޮށްފައިވާއިރު އޭގެ ތެރޭގައި ކޮވިޑް-19ގެ 183 ކޭސް ހިމެނޭ ކަމަށް އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ވީ ކިހިނެއް؟ - މި ތަފާސްހިސާބުތައް އެޗްޕީއޭން އާންމުކޮށްފައިވަނީ ހެލްތު މިނިސްޓްރީން މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ.
ތަފްސީލް - މި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ނޭވާލާ ނިޒާމަށް ޖެހޭ ބަލިތަކުގައި މިދިޔަ އަހަރު 370،592 މީހުން ފަރުވާ ހޯދާފައިވެ އެވެ. އޭގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ އަރިދަފުސް ރޯގާ ޖެހިގެންނެވެ. އެގޮތުން، ރިޕޯޓުކޮށްފައިވަނީ:
އަރިދަފުސް ރޯގާގެ 369،232 ކޭސް
އިންފްލުއެންޒާގެ 1178 ކޭސް
ކޮވިޑްގެ 183 ކޭސް
ނޭވާލާ ނިޒާމަށް ޖެހޭ ބަލިތަކުގައި ރިޕޯޓުކުރާ މީހުންގެ އަދަދު ގިނަކަން މި ތަފާސްހިސާބުތަކުން ދައްކާއިރު، ރާއްޖޭގައި ވައިނުސާފުވުމުގެ ސަބަބުން ނޭވާލާ ނިޒާމަށް ކުރާ އަސަރުތައް ބޮޑެވެ.
އާންމުކޮށް އެންމެ ގިނައިން މިދިޔަ އަހަރު ރިޕޯޓުކޮށްފައިވާ ބަލިތަކުގެ ތަފާސްހިސާބުތައް ވެސް މިއަދު ހިއްސާކުރި އެވެ. އެގޮތުން އެންމެ ގިނައިން ރިޕޯޓުކުރާ ކަމަށް ދައްކަނީ ލޮލު ރޯގާ އެވެ. އެގޮތުން، މިދިޔަ އަހަރު:
ލޮލު ރޯގާގެ 52،148 ކޭސް ރިޕޯޓުކުރި
ބޭރަށް ހިންގުމާއި ހޮޑުލެވުމުގެ 21،986 ކޭސް ރިޕޯޓުކުރި
ފާނަބަސަންދުގެ 188 ކޭސް ރިޕޯޓުކުރި
މީގެ އިތުރުން، މަދިރީގެ ޒަރިއްޔާއިން ޖެހޭ ބަލިތަކުގެ ތެރޭގައި ޑެންގީގެ 2611 ކޭސް މިދިޔަ އަހަރު ރިޕޯޓުކޮށްފައިވާއިރު، ޗިކަންގުންޔާގެ ފަސް ކޭސް ރިޕޯޓުކޮށްފައިވާ ކަމަށް ވެސް ދައްކަ އެވެ.
ފާހަގަކޮށްލެވޭ ކަމެއް - މިދިޔަ އަހަރު ކޮވިޑްގެ 100އަަށް ވުރެ ގިނަ ކޭސް ރިޕޯޓުކޮށްފައިވާ ކަމަށް މި ތަފާސްހިސާބުތަކުން ދައްކާއިރު، ކޮވިޑުގެ ބަލިމަޑުކަމާ ގުޅިގެން ދުނިޔޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރީ ޖެނުއަރީ 2020ގަ އެވެ. އޭގެ ފަހުން އެ ބައްޔަކީ ޕެންޑެމިކްއެއް ކަމަށް ކަނޑައެޅި އެވެ. އެ ހާލަތު ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިޔުއެޗްއޯ)އިން އުވާލީ މޭ 2023ގަ އެވެ.
އޭރު މި ބަލީގައި ރާއްޖެ ހިމެނޭހެން މުޅި ދުނިޔެއިން އެތައް މިލިއަން ބަޔަކު މަރުވެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ