ސީލައިފް އަހުމަދު މޫސާ މައްޗަށް ކުށް ސާބިތެއް ނުވި؛ ޕީޖީ ހައި ކޯޓަށް ދަނީ

ފްލެޓް އަޅައިދޭނެ ކަމަށް ބުނެ މަކާރާއި ހީލަތުން ގިނަ ބައެއްގެ އަތުން ގިނަ އަދަދެއްގެ ފައިސާ ނަގައިގެން ފިލި، ސީލައިފް ގްލޯބަލްގެ ވެރިޔާ އަހުމަދު މޫސާ މުހައްމަދު (އައްމަޓީ)ގެ މައްޗަށް އުފުލި ދައުވާތައް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ނިންމައިފި އެވެ.
ވީކިހނެއް؟ - އަހްމަދު މޫސާގެ މައްޗަށް ކުރަނީ 2014ގައި، އޭރުގެ ސަރުކާރުން ހުޅުމާލެއިން ދިން ބިމެއްގައި 3،000 ފްލެޓް އެެޅުމަށް 280 މީހެއްގެ އަތުން ފައިސާ ނަގައި އެ ފައިސާއަށް ހިޔާނާތްތެރިވި ކަމުގެ ތުހުމަތެވެ. އޭގެ ތެރެއިން 42 މައްސަލައެއްގައި ހިޔާނާތްތެރިވުމުގެ 42 ދައުވާ އޭނާގެ މައްޗަށް ދައުލަތުން އުފުލީ 30 މެއި 2021ގަ އެވެ.
ތަފްސީލް - އޭނާގެ މައްޗަށް އެ ދައުވާތައް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމީ:
އޭނާއަށް ކުރާ ތުހުމަތުތަކަކީ މަދަނީ ތޮބީއަތެއް ހިމެނޭ ދައުވާތަކެއް ކަމަށް ބުނެ
އެހެންވެ އޭނާގެ މައްޗަށް ޖިނާއީ ކުށެއްގެ ދައުވާ ނުއުފުލޭނެ
އޭނާ ކުރި އަމަލުތަކަށް ފިޔަވަޅު އަޅަން ޖެހޭނީ މަދަނީ އަދުލުގެ ނިޒާމުގެ ތެރެއިން ކަމަށް
މި ކަމާ ގުޅިގެން ޕީޖީ އޮފީހުން ބުނީ އަހުމަދު މޫސާގެ މައްޗަށް އުފުލި ދައުވާތަކުގައި ހިޔާނާތްތެރިވުމުގެ ކުށުގެ އުންސުރުތައް ފުރިހަމަވާ ދައުވާތަކެއް ކަމަށް އެ އޮފީހުން ދެކޭ ކަމަށެވެ. އެ ގޮތުން:
މަދަނީ ތޮބީއަތެއް މުއާމަލާތްތަކެއް ކަމަށް ދަށު ކޯޓުން ނިންމީ ކޯޓަށް ހުށަހެޅި ހެކިތަކަށް އެކަށީގެންވާ މިންވަރަށް ރިއާޔަތްކުރުމާ ނުލައި
ގާނޫނުގައި ހިޔާނާތްތެރިވުމުގެ ކުށް ބަޔާންކޮށްފައިވާ ގޮތަށް ރަނގަޅު ނޫން މާނަކުރުމެއް ދީގެން ކަމަށް
"އެހެންކަމުން، މި ދަޢުވާތައް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމަށް މި އޮފީހުން ގަސްދުކުރަމެވެ." ޕީޖީ އޮފީހުން ނެރުނު ބަޔާނުގައިވެ އެވެ.
ފަސްމަންޒަރު - މީގެ 10 ވަރަކަށް އަހަރު ކުރިން ހިންގި މި ހައުސިން މަޝްރޫއުގެ ތެރެއިން ގެއްލުންވި 368 މީހަކަށް މިހާތަނަށް އެޗްޑީސީން ވަނީ ބަދަލުދީފަ އެވެ.
ސީލައިފްގެ ސްކޭމަށް ފަހު:
ފްލެޓު ގަތް 203 މީހަކު ގެއްލުމުގެ ބަދަލު ހޯދަން ކޯޓަށް މައްސަލަ ހުށަހެޅި؛ މީގެ ތެރެއިން 192 މީހަކަށް އެޗްޑީސީން މިހާރު ވަނީ ބަދަލުދީފައި
ކޯޓުން ބޭރުން އެ މައްސަލަ ނިމުނީ އެޗުޑީސީން އެ މީހުންނަށް ބަދަލު ދޭ ގޮތަށް
އެޗުޑީސީން ނިންމީ ކޯޓަށް މައްސަލަ ހުށަނާޅައި ތިބި މީހުންނަށް ވެސް ބަދަލު ދިނުމަށް
ކޯޓަށް މައްސަލަ ހުށަނާޅައި ތިބި މީހުންގެ ތެރެއިން އެޗްޑީސީއާ މައުލޫމާތު ހިއްސާކުރީ 176 މީހަކަށް ވެސް ވަނީ ބަދަލުދީފައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ