ރައްކާ ރޯޑް ސޭފްޓީ ކެމްޕެއިންގައި 3 ކުންފުންޏަކުން ބައިވެރިވެއްޖެ

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރިއަށްގެންދާ "ރައްކާ ރޯޑް ސޭފްޓީ ޕާޓްނަޝިޕް" އެއްބަސްވުމުގައި 3 ކުންފުންޏަކާއެކު ދިވެހި ފުލުހުންގެ ޚިދުމަތުން ސޮއިކޮށްފިއެވެ.
މިއެއްބަސްވުމުގައި ފުލުހުންނާއެކު ސޮއިކުރީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އާއި ޝީޝާ ޕްރައިވެޓް ލިމިޓެޑާއި އަވަސް އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑެވެ.
ރައްކާ ކެމްޕެއިނަކީ މަގުމަތީގެ ސަލާމަތާއި ރައްކާތެރި ކަމަށް ޢާއްމުން ހޭލުންތެރިކުރުމަށް ސިލްސިލާކޮށް ބާއްވަމުން އަންނަ ކެމްޕެއިނެކެވެ.
މި އެއްބަސްވުމުގައި ފުލުހުންގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ އަހުމަދު ސައުދީއެވެ. ޝީޝާގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ ސީއީއޯ އިބްރާހިމް ހުޝާމްއެވެ. އަދި އަވަސް އެންޓަޕްރައިސަސްގެ ފަރާތުން ސޮއިކުރެއްވީ، މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޔާނު ރަމީޒްއެވެ.
މި ކެމްޕެއިންގެ ހަރަކާތްތައް މާލެއާއި އަތޮޅުތެރޭގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު، ކެމްޕެއިންގެ ތެރެއިން މަގުމަތީގެ ގަވާއިދުތަކަށް ހޭލުންތެރިކުރުމުގެ ވީޑިއޯ ކްލިޕާއި، އެކްސިޑެންޓް ރޯލްޕްލޭތަކާއި، ޓީވީ ޕްރޮގްރާމާއި އާއްމުން ގިނައިން އެއްވެ އުޅޭ ތަންތަނުގައި ބިލް ބޯޑު ބަހައްޓައިގެން ހޭލުންތެރިކަން އިތުރުކުރުމުގެ މެސެޖުތައް ފޯރުވައިދޭނެއެވެ.
މި އެއްބަސްވުމުގެ ސަބަބުން ފުލުހުން ކުރިއަށްގެންދާ ރައްކާ ރޯޑްޝޯގައި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ގުޅިގެން މަސައްކަތްކުރެވޭނެކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއެވެ.
"ރައްކާ ކެމްޕެއިން" ފުރަތަމަ ބާއްވާފައިވަނީ 2016ވަނަ އަހަރުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ